ފޯމްތައް އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ހުށައެޅުއްވީ އެމްޑީޕީން މިހާރު ވަކިކުރައްވާފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
އެކަން "ފިކުރެއްގެ ދިރުން" ހަރަކާތުގެ އިސް ބޭފުޅުން ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި އެ ހުރިހާ ބޭފުޅުންގެ އިސްތިއުފާގެ ސިޓީއާ މެންބަރު ކަމުން ވަކިކޮށް ދެއްވުމަށް އެދި މިހާރު ވަނީ އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ހުށައަޅުއްވާފައެވެ.
ފޯމްތައް އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ހުށައެޅުއްވީ އެމްޑީޕީން މިހާރު ވަކިކުރައްވާފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި މަޖިލީސް މެންބަރުންގެ އިތުރުން އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެެކްޓަރު ހުސައިން އަމްރުވެސް ހިމެނިވަޑައިގަންނަވައެވެ. އެ ދެ ބޭފުޅުންނަކީ ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ވަރަށް އިސްކޮށް އުޅުއްވާ ދެ ބޭފުޅުންނެވެ.
އެ މެންބަރުން މިވަގުތު ތިއްބެވީ "ފިކުރެއްގެ ދިރުން" ހަަރަކާތުގެ ރަސްމީ އޮފީސް ހިންގާ ބޮޑުފެންވަޅުގޭގައި ހާއްސަ ބައްދަލްވުމެއް ގައެވެ. އެ ބައްދަލްވުމަށް ފަހު މިއަދު ހަވީރު 5:00 ގައި ނޫސްވެރީންނާއިވެސް ބައްދަލު ކުރަން ވަނީ ނިންމާފައެވެ.
"މި" ނޫހަށް މައުލޫމާތު ދެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފޯމް ހުށައަޅުއްވާފައިވާ ކަމަށާ އެމްޑީޕީ މިހާރު އޮތް ހާލަތުން އެ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަތީ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސްތައް ދޫކޮށްލާ މުޅިން އެހެން މިސްރާބަކަށް ޕާޓީ ބަދަލުކޮށްލާފައިވާއިރު އެމްޑީޕީގައި ހުރުމަށް ޒަމީރު ތަން ނުދޭ ކަމަށެވެ.
"ވަރަށް ބޮޑު މިނިވަން ކަމެއްގެ އިހްސާސް ކުރެއްވިއްޖެ،" މެންބަރު ރަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އެމްޑީޕީ ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މިދިޔަ ޖަނަވަރީ 28 ވަނަ ދުވަހު އޮތް އެެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން ދެއްކި ނަތީޖާއާމެދު ސުވާލު އުފައްދަވާ އެމްޑީޕީގައި ވަކި ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާ އެކަން ރަސްމީ ކުރައްވާފައެވެ. ނަޝީދު ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް ނަޝީދާ އެކު ތިއްބެވި ހުރިހާ މެންބަރުން ކުއްލި ގޮތަކަށް އެމްޑީޕީން ވަކިވެވަޑައިގެންފައި މި ވަނީ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު / އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އެ ޕާޓީން ވަކިކޮށްފައި ވަނިކޮށެވެ.