އިދިކޮޅު ހިންގާލަން ރައީސް ސޯލިހަށް ލިބޭ ފުރުސަތު ކިހިނެއްވާނެ؟

ކުރިން ޕާޓީގައި ރައީސް ސޯލިހު އަދާކުރެއްވި މައިގަނޑު ދައުރަކީ ޕީޖީ ލީޑަރެއްގެ ގޮތު ޕީޖީ ގްރޫޕް ހިންގައި ދިނުމާއި ސިޔާސީ ފަރާތްތަކާއެކު ސިޔާސީ މަޝްވަރާ ކުރެއްވުމާއި ޑައިލަޮގް އުފައްދައި ދިނުމެވެ. އިދިކޮޅު ލީޑަރެއްގެ ދައުރު ތަފާުތު ވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ވެރިކަމުގެ ދައުރަށް ފަހު އެ މަނިކފާނު ވެވަޑައިގަންވަނީ އިދިކޮޅު ލީޑަރަށް

އެމްޑީޕީގެ ދެބައިވެ ޕާޓީގެ ތެރެއިން ކުރިޔަށް ނުދެވުމުން ވަކިވގެންނާން މަސައްކަތް ކުރި ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގައި ހިމެނުނު ލީޑަޝިޕާއި މީހުން ވަނީ އެމްޑީޕީގެ ރައީސް ނަޝީދު ގޮވައިގެން ގޮސް "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ހަދައި ރަނގަޅަށް ސިޔާސީ މަސައްކަތް ފަށައި ކުރު މުއްދަތެއްގައި ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ހެޔޮވަރު ނަމްބަރަކުން ވޯޓް އެއްކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ ޗާޓަށް ބަދަލު ގެނެސްފަ އެވެ. 

މިވަގުތަށް އެ މީހުނަކީ ނަމްބަރު ތިނެކެވެ. އަދި އިދިކޮޅުގައި އޮންނާނެ ވަރުގަދަ ޕާޓީއެކެވެ. އަނެއްކޮޅު ޕީއެންސީ އާއި ޕީއެމްގެ ވެރިކަމެއް ފަށައިގަންނައިރު މިހާރު ބެލެވޭ ގޮތުން ފަސް އަހަރު ދަނޑުން ބޭރުގައި ހުންނަވަން ޖެހި ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ދާދި އަވަހާ މިނިވަން ވެ ވަޑައިގެން މައިދާނަށް ނުކުންނަވާނެ އެވެ. އެހެން ކަމުން ސިޔާސީ މަސް ފަލަ، ބޭފުޅުންގެ ގޮތުގައި ރައީސް ރައީސް ނަޝީދާއި ރައީސް ޔާމީންގެ ދައުރެއް އަނެއްކާވެސް ފެށޭނެ އެވެ. 

އަނެއްކޮޅުން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ވެރިކަން ނިމި އަންނަ މަހުގެ މެދުތެރޭގައި ރާއްޖޭގެ ސިޔާސީ ރަސްމީ އިދިކޮޅަށް އެ ޕާޓީ ވެގެން ދާނެ އެވެ. އެ ބަދަލަށް ފުރޮޅިގެން ދާއިރު އެމްޑީޕީގެ ރައީސްގެ މަގާމުގައި މިހާރު އެއްވެސް ބޭފުޅަކު ނެތެވެ. ރައީސް ނަޝީދު ޕާޓީން ވަކިވެ ވަަޑައިގަތް ހިސާބުން އެ މަގާމު އޮތީ ހުހަށެވެ. 

ސަރުކާރު ހިންގުމުގައި އެމްޑީޕީ އޮވެފައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވުމުން އެ މަނިކުފާނަކީ އެމްޑީޕީގެ އިސް ލީޑަރެވެ. ނަމަވެސް ނޮވެމްބަރު، 17 ގައި ރައީސް ސޯލިހުގެ ވެރިކަން ނިމި ގެއަށް ވަޑައިގަންނަވާނެ އެވެ. ޕާޓީގެ ވެރިކަން ނިމުން އެމްޑީޕީގެ އިސްލީޑަރުގެ މަގާމެއް ނޯންނާނެ އެވެ. އެ މަގާމަކީ ޕާޓީގެ ބޭފުޅަކު ވެރިކަމުގައި ހުންނަ ނަމަ ޒާތަށް އުފެދޭ މަގާމެކެވެ.

އެމްޑީޕީގެ ޗެއާ ޕާސަން ކަމުގައި ފައްޔާޒު އިސްމާއީލް ހުންނެވި ނަމަވެސް ލީޑަޝިޕްގެ ދޮށިކަމާއި ސިޔާސީ ތަޖުރިބާއާއެކު ހާއްސަކޮށް ކުރީގެ ރައީސަށް, ރައީސް ސޯލިހު ވެވަޑައިގަތުމާއެކު 17 ނޮވެމްބަރުން ފެށިގެން އެމްޑީޕީގެ ޑިފެކްޓޯ ވެރިޔަކަށް / ލީޑަރަކަށް ޑިފޯލްޓްގައި ވެވަޑައި ގަންނަވާނީ ރައީސް ސޯލިހު ކަމަށް ގާތްގަނޑަކަށް މިހާރު ޔަގީނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ މަސައްކަތުން އަދި ރިޓަޔާ ނުކުރައްވަވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އަދި މި އަންނަ އަހަރު އޮންނަ ރައްުޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރައީސް ސޯލިހު ވާދައެއް ނުކުރައްވާނެ ކަން މިހާރު އެ މަނިކުފާނު ވަނީ ޔަގީން ކޮށްދެއްވާފަ އެވެ. 

މީގެ މާނައަކީ 17 ނޮވެމްބަރު ފަހަށްލައި އެމްޑީޕީ، ރަސްމީ އިދިކޮޅު ޕާޓީއަކަށް ވާއިރު ރަސްމީ އިދިކޮޅު ލީޑަރަކަށް ވެޑައިގަތުމަށް ސިޔާސީ ގޮތުން ކޮންމެހެން ވެސް ރައީސް ސޯލިހަށް ޖެހެނީ އެވެ. އަދި މިހާރު ރައީސް ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ނަފުރަތާއެކު ރައީސް ޔާމީން އަލުން ސިޔާސީ މަސައްކަތް ފައްޓަވާއިރު އެމްޑީޕީގައި އޮތް ލީޑަޝިޕާ ޕާޓީ ހަވާލު ކޮށްފައި ގެއަށް ވަޑައިގަތުމުގެ ބަދަލުގައި ވަރުގަދަ، ބާރު ގަދަ ހަރަކާތްތެރި އޮޕޮޒިޝަން ލީޑަރަކަށް ވެވަޑައިގަތުމަށް  ރައީސް ސޯލިހަށް މަޖުބޫރުވެ ވަޑައިގަންނަވާނެ އެވެ.

"ރިޔާސީ އިންތިހާބަށް ފަހު މިހާތަނަށް ރައީސް ސޯލިހުގެ ފަރާތްޕުޅުންނާއި އެމްޑީޕީގެ ތެރެއިން އައި ހުރިހާ ރިއެކްޝަނަކަށް ބަލާއިރު ފެންނަނީ ރައީސް ސޯލިހު އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގެން އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ފައްޓަވާ މަންޒަރު... އޮތް ސުވާލަކީ ރައީސް ސޯލިހުގެ އިދިކޮޅު ލީޑަރު ކަމުގައި ހުންނަވައިގެން އެ މަސައްކަތް ކުރައްވާނެ ގޮތެއް،" ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ އަދި އެމްޑީޕީގެ ބޭފުޅަކު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޕާޓީގައި ރައީސް ސޯލިހު އަދާ ކުރެއްވި މައިގަނޑު ދައުރަކީ ޕީޖީ ލީޑަރެއްގެ ގޮތުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ހިންގައި ދިނުމާއި ޕާޓީގެ ތެރޭގައި އެހެން ސިޔާސީ ފަރާތްތަކާއެކު ކުރަންޖެހޭ މަޝްވަރާއާއި ޑައިލަޮގް އުފައްދައި ދިނުމެވެ. 

"ރައީސް ސޯލިހަކީ އެހައި ބޮޑަށް މަގުމަތީ ބޭފުޅެއް ނޫން އަދި އެއީ މުޒާހަރާ ބޭފުޅެއް ވެސް ނޫން، އެ މަނިކުފާނަކީ މަޝްވަރާއާ ޑައިލޯގްގެ ބޭފުޅެއް، އެކަމަކު އެމްޑީޕީގެ ޒާތަކީ ވަރަށް އެގްރެސިވް ސީދާ ސިޔާސީ ހަރަކާތް، އެ މަގަށް ރައީސް ސޯލިހަށް އިދިކޮޅު ބައްޓަން ކުރެވޭނެތޯ؟" އޭނާ އެއްސެވި އެވެ. "އަނެއްކޮޅުގައި އިދިކޮޅުގެ ބާރުގަދަ ކުރާ ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް އޮންނަ އިރު ކުރީން އެމްޑީޕީގެ ތެރެއިން ނެރުނު ޖޯޝާއި ފޯރި އެ ޕާޓީގައި ރައީސް ނަޝީދު ހުންނަވައިގެން ނެރޭނެ. އަދި ޑރ. މުއިއްޒުގެ ސަރުކާރުގެ ހިޔަނީގެ ތެރޭގައި ހުންނަވަން ޖެހި ވަޑައިގަތަސް ރައީސް ޔާމީންގެ ސިޔާސީ މަސައްކަތް ވަރަށް ތަފާތުވާނެ،. އެހެންވީމާ ރައީސް ސޯލިހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ކުރަންޖެހި ވަޑައިގަންނަވާނެ މަސައްކަތް ވަރަށް ބޮޑު، ވަރަށް ތަފާތު،"

މިދިއަ މަހު، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ނާކާމިޔާބުވެ ވަޑައިގެން ރިޔާސީ ދެވަނަ ދައުރެއް ގެއްލުމާއެކު ގިނަ ވަގުތުތަކެއް ނުވަނީސް މިދިއަ އަހަރެއް ދުވަހު ރައީސް ސޯލީހުގެ އެންމެ އަރި އެއް ސިޔާސީ ލީޑަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިދިއަ އާދީއްތަ ދުވަހު ވަނީ އެމްޑީޕީގެ ސިޔާސީ އެންމެ މުހިންމު މަގާމުން ހުހަށް ނުބާއްވާ އިންތިހާބެއް ބޭއްވެން ދެންވެސް ވަގުތީ ރައީސެއް ގައުމީ މަޖިލީހުން އައްޔަން ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

އަދި ޕާޓީގެ ރައީސް ކަމަށް އަވަހާ ރައީސް ސޯލިހު ގެނައުމަށް އޭނޭ ތާއީދު ކުރައްވަ އެވެ. ރައިސް ސޯލިހުގެ ލިޑަޝިޕާއެކު އެމްޑީޕީގެ ލީޑަޝިޕްގައި ސިޔާސީ ވަރުގަދަ މަސައްކަތްތަކެއް ފަށަން ވެސް މޫސަ ތައްޔާރެވެ. -- އެއީ މޫސަގަ ވާހަކަ އެވެ. އެކަމަކު ރައީސް ސޯލިހުގެ ސިޔާސީ މަސައްކަތް ހިނގާ ގޮތުގެ ވައްޓާފާޅިއަށް ބަލާއިރު އެއީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފޮނުވާލި މެސެޖެކެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އެ މެސެޖާއި އިހަށްރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރޫހު އޮތް ގޮތާއި އަދި އެ މަޖިލީހުގައި ބައިވެރިވެ ވަޑައިގެން ރައީސް ސޯލިހު އެމްޑީޕީގެ ކުރިމަގާއި އެ މަނިކުފާނުގެ ސިޔާސީ މަސައްކަތްތަކާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅާއި މިދިއަ ހޯމަ ދުވަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ދެއްކެވި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުތަކުން ރަނގަޅަށް ސާފު ވަނީ ރައީސް ސޯލިހު މިހާރު ހުންނެވީ ވަރުގަދަ އިދިކޮޅު ލީޑަރަކަށް ވެވަޑައިގަތުމަށް މުޅީން ފައްކާ ވެގެން ކަމެވެ.

އެހަން ކަމުން އެމްޑީޕީގެ ރައީސްގެ މަގާމުގެ އިންތިހާބަށް ގޮވާލުމުގެ ކުރިޔަށް އިދިކޮޅު ލީޑަރުގެ ގޮތުގައި އެ ޕާޓީގެ ގައުމީ މަޖިލީހުން ގަރާރު ފާސްކޮށް އެކަމް ހަމަޖެއްސުން ވަރަށް ގާތެވެ. -- އާ ސަރުކާރެއް، އަދި ވަކީން ހާއްސަކޮށް ރައީސް ޔާމީންގެ ވެސް ބަހެއް އޮންނާނެ ސަރުކާރެއް އުފެދި ހިނގައިގަންނަ އިރު ސިޔާސީ ގޮތުން އެކަން ގޮތަށް ވަރަށް އަވަހާ ވެގެންދާން ރައީސް ސޯލިހު ބޭނުންފުޅުވެ ވަޑައިގަންނަވާނެ ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިވަގުތުގެ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރުމެވެ. އަމާޒަަކަށް ހައްދަވާނީ ޒިންމާދާރު އަދި ވަރަށް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިންގާލުމެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއް ކުރެވޭ. އަޅުގަނޑު ހިތުން މި ފަހަރުވެސް ރައްޔިތުންނަށް އެ މަންޒަރު ފެނިގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކާއި ހިލާފަށް އިންތިހާބަކުން ބަލިވުމަކީ އެމްޑީޕީން މަޑުން އޮންނާނެ ސަބަބެއް ނޫނެވެ. އެމްޑީޕީ އަކީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ދެއްވާނެ އެވެ. އެކަމުގައި ހުންނަވާނެ އެވެ.

"މި ޕާޓީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމަށް އަޅުގަނޑުގެ ފަރާތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ބަރާބަރަށް ލިބެމުން ދާނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ ކުރިއަށް އޮތްތަނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް މި ޕާޓީއަށް ހޯދާ ދިނުން. އަދި 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް މި ޕާޓީ ގެނައުމަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ކުރުން،"

މީގެ މާނައަކީ 17 ނޮވެމްބަރާ ހަމައަށް ދާއިރު އިދިކޮޅު ލީޑަރުގެ ގޮތިގައި މުޅީން ފައްކާވެގެން ހުންނެވުމަށް ކުރައްވަން ޖެގޭ މަސައްކަތް ރައީސް ސޯލިހު ފައްޓަވާފައި ވުމެވެ. 

ކޮމެންޓް

2
450
ޔާއްޓެ
7 months ago

ދުވަހަކު އެއްވެސް ކަމެއް އެއްވެސް މަޝްރޫއެއް ހިންގުން މީހެއްވެސް ނޫން.

ފަޒޫ
7 months ago

ވެރިކަން ދެންވެސް ލިބެން އޮންނާނެ ހުރިހާ ގޮތަކަށް ރައީސް ސޯލިހް މަސައްކަތް ކުރައްވާނެ. ރައީސް ކަމަކީވެސް ފާޑެއްގެ އެޑިކްޓެއް ވިއްޔާ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.