ދުންޔާ މައުމޫން ވަނީ ރާއްޖެ އާއި ސާބިއާގެ ފޮރިން މިނިސްޓަރުން ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރައްވާފައި ވަނިކޮށް އެ މަޝްވަރާތަކާއި ގުޅުވާ ސާބިއާގެ ރައީސް އިތުރުފުޅެއް ހެއްދެވީތޯ ސުވާލު ކުރައްވާފައެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާ އަށް ވަޑައިގަންނަވަނީ ކީއްކުރައްވަންތޯ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު ކުރައްވައިފި އެވެ.
ދުންޔާގެ ސުވާލެއް މިނިސްޓަރު ޝާހިދަށް އަމާޒު ކުރެއްވީ ކޮސޯވޯގެ ދައުލަތް ބަލައިގަތުމަށް ރާއްޖެއިން ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ސާބިއާގެ ރައީސް ދެއްކެވި ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފައި ވަނިކޮށެވެ.
ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް މި މޭރުމުން ވާހަކަ ދައްކަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެން ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ބާއްވަވާފައި ވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވަަނީ ކޮސޯވޯގެ ދައުލަތް ބަލައިގަތުމަށް ރާއްޖެއިން ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ސާބިއާގެ ރައީސް ދެއްކެވި ވާހަކަތައް ދޮގު ކުރައްވާފައެވެ. މިއުވާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ނިންމުން ބަދަލު ކޮށްފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި ދުންޔާ މައުމޫން ވަނީ ރާއްޖެ އާއި ސާބިއާގެ ފޮރިން މިނިސްޓަރުން ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރައްވާފައި ވަނިކޮށް އެ މަޝްވަރާތަކާއި ގުޅުވާ ސާބިއާގެ ރައީސް އިތުރުފުޅެއް ހެއްދެވީތޯ ސުވާލު ކުރައްވާފައެވެ. ދުންޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ނިންމުމަކާއި ގުޅޭގޮތުން ގައުމެއްގެ އެންމެ އިސްވެރިއަކު ވާހަކަ ދެއްކެވުމަކީ އާދައިގެ ކަމެއް ނޫނެވެ.
އަދި ސާބިއާގެ ރައީސް އެފަދަ އިއުލާނެއް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮން ވާހަކަފުޅެއް ވިދާޅުވެގެންތޯ ސުވާލު އުފެއްދެވި އެވެ.
"ކޮންމެ އިންތިހާބާކާއި ދިމާކޮށް ސާބިއާއަށް ދަނީ ކީއްވެ،" ޝާހިދަށް އަމާޒު ކުރައްވާ ދުންޔާ ސުވާލު ކުރައްވާފައިވެއެވެ.
ސާބިއާ އިން ދެކޭ ގޮތުގައި ކޮސޯވޯއަކީ އެ ގައުމުގެ ބައެކެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖެ އިން ވަނީ ކޮސޯވޯގެ ދައުލަތް ބަލައިގަންނަކަން ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އެ ނިންމުމާއެކު އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދާ ސަރުކާރަށް ޕްރެޝަރު ކުރިމަތި ކުރުވި އެވެ. އޭރު މިނިސްޓަރަކަށް ހުންނެވި އަހްމަދު ޝަހީދުގެ އިތުބާރު ނެތް ކަމަށް މައްސަލަ މަޖިލީހަށް ހުށައަޅާ މަގާމުން ދުރުކުރަން މަސައްކަތް ވެސް ކުރި އެވެ.