ޗާލްސް ރަސްކަމަށް ވެޑުވުމަށްފަހު ބޭއްވި ކޮންސެޓްގައި ޒާރާގެ ހުށަހެޅުމެއް

އެތައް މިލިއަން ބަޔަކު ބެލި މި ކޮންސަޓްގައި ރާއްޖޭގެ ލަވަކިޔުންތެރިޔާ ޒާރާގެ ހުށަހެޅުމެއް ފެނިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ލަވަކިޔުންތެރިޔާ ޒާރާ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައިގެ ކޮރޮނޭޝަން / ރަސްމީކޮށް ރަސްކަމަށް ވެޑުވުމުގެ ހަފްލާ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެޔަށްފަހު އާދީއްތަ ދުވަހުގެ ރޭ އެކަން ފާހަގަކުރުމުގެ ގޮތުން ކޮރޮނޭޝަން ކޮންސަޓެއް ވަނީ ބާއްވާފަ އެވެ. 

މި މިއުޒިކަލް ކޮންސަޓްގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ދިވެހި ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާގެ ހުށަހެޅުމެއް ވެސް ފެނިގެން ދިޔަ އެވެ. ޒާރާގެ ހުށަހެޅުމެއް މި ކޮންސަޓްގައި ފެނިގެން ގޮސްފައި ވަނީ ކޮމަންވެލްތު މެމްބަރު ގައުމެއްގެ ހައިސިއްޔަތުންނެވެ.

އެތައް މިލިއަން ބަޔަކު ބެލި މި ކޮންސަޓްގައި ރާއްޖޭގެ ލަވަކިޔުންތެރިޔާ ޒާރާގެ ހުށަހެޅުމެއް ފެނިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު، ފަރަހަނާޒް ފައިސަލް ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.

ވިންސްޑާ ކާސްލްގައި ކުރިއަށް ދިޔަ މި ކޮންސާޓްގައި ކިންގް ޗާލްސްގެ ދެކަނބަލުންނާއި އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ކޮމަންވެލްތު ގައުމުތަކުގެ ވެރިންނާއި ހައި ޕްރޮފައިލް ބޭފުޅުން ބައިވެރިވެވަޑައިގެތެވެ.

ލަވަކިޔުންތެރިޔާ ޒާރާ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައި ވަނީ 2018 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ ހިސާބުންނެވެ. ގިނަ ބަޔަކަށް ޒާރާ އެނގިގެން ދިޔައީ ވެސް އެ ޝޯގެ ތެރެއިންނެވެ. 

ރީތި ދިވެހިވަންތަ ލަވަ އަލްބަންތަކެއް ނެރެފައިވާ ޒާރާ ވަނީ މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށް ހުށަހެޅުންތައް ހުށަހަޅާފަ އެވެ. 

ކޮރޮނޭޝަން ކޮންސާޓްގައި ލައިވް ހުށަހެޅުންތައް ހުށަހެޅި ލަވަކިޔުންތެރިންގެ ތެރޭގައި ކޭޓީ ޕެރީ، ލިއޯނެލް ރިޗީ އަދި ބްރީން ޓަފްލް ފަދަ ފަންނާނުން ހިމެނެ އެވެ.

ކިންގް ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރުމަށް އެމްއެންޑީއެފްގެ 10 އޮފިސަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. މިއީ ބޭރުގައުމެއްގެ މިފަދަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިން ބައިވެރިވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.