ވާހަކަ

ހިތް އެދޭތީ

ފިހާރައިގައި ހުރި އެކިކަހަލަ އެއްޗެއްސައް ބަލަމުން ގޮސް އެންމެފަހުން ދެކުދިންވެސް ބޭނުންވާ ހުރިހާ އެއްޗެއް އެފިހާރައިން ހަމަކުރިއެވެ.

(1 މެއި 2023 ވަނަ ދުވަހާއި ގުޅޭ)  

"ސިމާމު ރުހޭކަމަކަށްވާނަމަ ، މިއަދުންފެށިގެން ތިކަމާ އުޅެދޭނަން...ދެންހިގާ ގެއަށްދަމާ" މިހެން ބުނެފައި ޒައިން ހިނގައިގަތުމުން ފަހަތުން ސިމާމުވެސް ހިނގައިގަތެވެ.
"އަދިވެސް ސީރިއަސްކޮށް ބިޓެއް ނަގާގަށް ނުވޭތަ" ސިމާމު ވާހަކަ ދެއްކީ ޒައިން އާއެވެ.
"އަހަރެން............ ސީރިއަސްކޮށް ބިޓެއް ނަގަންވީ. ތިކަމެއް ނުވާނެ............... އަދި އެއް ނުފެނެ އެވަރު ކުއްޖެއް... އެދުވަހަކުން ތިކަންވެސް ކުރާނަން.." ޒައިން ހީގަތެވެ. ނަމަވެސް ސިމާމު ގާތަށް ހިންޏެއް ނާދެއެވެ. އެކުވެރިޔާގެ އެމިޒާޖު އޭނާއަށް ކަމުނުދާތީއެވެ. އެހެންވެ ސިމާމު އެވާހަކަ ޒައިން ކައިރީގައި ބުންޏެވެ.
"ޒައިންގެ ތިޔަ ގޮތްގަނޑު ފިލާނީ ކޮންދުވަހަކުން........... ތިޔަ ހެންއުޅެނިކޮށް ފެންނާނީ ޒައިން ބާކީވިތަން.......... އެކަކަށްފަހު އެނެކަކަށް ލަޑުދެމުންދަނިކޮށް ފެންނާނީ ތިމާއަށް ލަނޑު ލިބުންތަން އެދުވަހަކުން ކަންނޭންގެ ޒައިންއަށް ވިސްނޭނީ..." ސިމާމު ނަސޭހަތްތެރިވިއެވެ.  

ހަވީރުގެ ހިތްގައިމު ވަގުތަކީ ނަދުވާގެ ގެ ޚާއްސަ ވަގުތެކެވެ. ހަޔާތުގެ ކަންކަމާއި މަޝްވަރާ ކޮށްލުމަށް ބެސްޓްފްރެންޑް ގެ ގެއަށް ޒިޔާރަތް ކޮށްލާ ގަޑިއެވެ. އެހެންކަމުން ކޮންމެހެންވެސް އެގަޑި ހުސްކޮށްލެވޭތޯ ދީނާ ބަލައެވެ. ކުރަން ހުރި މަސައްކަތެއް ވިއްޔާ ނިންމާ ލުމަށްފަހު ފެންވަރާ ނަލަ ހެދިލިއެވެ. އާދައިގެ މަތިން މިއަދަކީވެސް އޭގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފެންވަރާ ނަލަހެދިގެން ދީނާމެންގެއަށް ދާން ނުކުންނަނިކޮށް ނަދުވާގެ މަންމަ ، ސަކީނާގެ އަޑު އިވުނެވެ.

"ދަރިފުޅާ ... ހާދައަވަސް އަރުވާލާފައި ކޮންތާކަށް ތިޔަ ދަނީ... ހަވީރު ވެއްޖެނަމަ މަންމައަށް އެއްވެސް ކަމެއްކޮށްދޭނެ ކަމެއް ނެތްދޯ...މިއޮއްޒަމާނެއް ވީއްޔަ." އެއީ ސަކީނާގެ އާދައެވެ.

ދަރިފުޅު ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުހެން އެދާ ތަނަކާއި ބެހޭގޮތުން އޮޅުންފިލުވާނެއެވެ. އޭގެ އިތުރުން އެތަކެއް ހާސަރެއް ދަމާނެއެވެ. އެއީ އޭނާގެ އާދައެވެ. މަންމަގެ ޝަކުވާތަކަށް ނަދުވާ ހުންނަނީ ހޭނިފައެވެ. އެހެންކަމުން މާބޮޑު އެއްޗެއް އޭނާގެ ހިތަކަށް ނާރައެވެ. ކިތައްމެ ޝަކުވާއެއް ކުރިއަސް ހިތްހަމަ ނުޖެހުމުގެ ކުޑަވެސް ލަފްޒެއް އޭނަގެ ދުލަކުން ބޭރެއް ނުކުރެއެވެ. މަންމަ އަށް ގަދަރު ކުރުމުގެ ގޮތުންނެވެ.
"މަންމާ ... އަހަރެންމިދަނީ ހުރިހާކަމެއް ނިންމާފައޭ....އަންނާނަށް އިރުއޮއްސުމުގެ ކުރިން ... މިދަނީ ދީނާއާއި ބައްދަލުކޮށްލަން އެގެއަށް." ނަދުވާ ބޭރަށް ނުކުތެވެ.
"ނަދުވާ ތިއައީ އަހަރެން ތިގެއަށް ދާން އުޅެނިކޮށް." ނަދުވާ އައިސް ދީނާގެ ކޮޓަރިއަށް ވަނުމުން ދީނާ ބުންޏެއެވެ.
"ދީނާ ތަތްކަމުންދޯ ދުވަހަކުވެސް އަހަރެން އަންނަން ވާއިރަކަށް ނުވެސް ނިމޭނެ..... ހިނގާބަލަ އަހަންނާއެކު ފިހާރައަކަށް ގޮސްލަން." ޑްރެސިން ޓޭބަލް ކައިރީގައި އިން ދީނާއަށް މަލާމާތް ކުރާ ރާގަކަށް ނަދުވާ މިހެން ބުނުމަށްފަހު ހީގަތެވެ.
"އާނ.... އަހަރެންވެސް މިއުޅެނީ ތިހެންވެ.. މިނިމުނީ ... އަވަހަށް ހިނގާ ދެންވެސް ..." ދީނާ ތެދުވިއެވެ.

ދެމީހުން ދީނާމެންގެއިން ނުކުމެގެން މިސްރާބުޖެހީ ރަށުގައި އެންމެ މަޝްހޫރް ކަމަށް ނަންކިޔާ ފިހާރައަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ޒުވާންފުރައިގެ ދެޖިންސުގެ ކުދިންވެސް މަގުގައި ދިމަދިމާއަށް ހޭލަމޭލަވެ އެޅެއެވެ. ދީނާ އާއި ނަދުވާވެސް ހުރީ ނަލަ ހެދިލައިގެންނެވެ. މޭކަޕް ކޮށްގެން ހުރި އިރު ރީތިކަމުގައި ދެކުދިން ވެސް ހަމަ ހަމައޭ ބުނާހާވެއެވެ.

"ނަދުވާއަށް އެނގޭތަ؟.... އެއްކަލަ ސުނޭ އެބަހުރި ފޯރިއެއް........... ފެންނަ ހާތާކުން މަށާދިމާކުރަނީ..... ކުދިންލައްވާވެސް އެވަރުކުރޭ.............. މިހާރު މަގަކަށް ނުކުންނަންވެސް އުދަނގޫ....... " ދިނާ ހުރީ ރުޅިއައިސްފައެވެ.
"އަސްލުވެސް ............. ތިދެންއެހާ ބޮޑުކަމެއްތަ............ ތިކަހަލަ ކިތައް ސުނޭތަ ދީނާމެންކަހަލަ ރީތި ކުދިންނާއި ބެހޭނީ............. މިހާރުވެސް ބަލާބަލަ މަގުމަތިންދާ ހުރިހާ ފިރިހެން ކުދިންގެ ނަޒަރުވެސް އެހުންނަނީ ދީނާއަށް އަމާޒުވެފައި،.... ހީވަނީ މަށަށް މަށަށް ކިޔާހެން........" މިހެން ބުނަމުން ނަދުވާ ޖަހާލި ލާނެތް ހިނިގަނޑު ދީނާ ލަދުގަތް ވަރުން އިސްޖަހާލެވުނެވެ.
"ސުނޭ ގްރޫޕްގައި.......... އެއުޅޭ ސޮރުތައް ނޫން ކޮންމެ ކުއްޖަކު ރައްޓެހިވާން އެހިއަސް އަހަރެން މަރުހަބާ ކިޔާނަން ...އެގޮތަށް ސުނޭ ދިމާކުރާތީ މިހާރު ސުނޭ މަތިން މުޅިން ފޫހިވެއްޖެ.... ދެން އަހަންނެއް ސުނޭ އަކާ ނުގުޅޭ ނަން..." ދީނާ ފޫހިވެފައި ހުރި ވަރު އޭނާގެ ބުނި ރާގުން އެނގެއެވެ.
" ހާދަވަރެކޭ........... މަށަށް ހީވަނީ ތިޔަހާ ވަރަށް ރުޅިއަންނަންޏާ ޖެހޭނީ ހަމަ ސުނޭ އާއި ގުޅެންހެން.........." ނަދުވާ ދިމާކޮށްލިއެވެ. ރަހުމަތްތެރިއާ އާއި ދިމާކޮށްލައި ރުޅި އަރުވާލުމަކީ މަދުން ނަމަވެސް ނަދުވާ ކޮށްލަން ބޭނުންވާ ކަމެކެވެ.
" މައެބައުޅެންދޯ ............. އެސުނޭ އަކާ ހެދި މޮޔަ ބޮލަށް އަރައިގެން ..............." މިއޮށް އާދެވުނީ ހިނގާ ވަންނަމާ ދީނާ ބުންޏެވެ.

ފިހާރައިގައި ހުރި އެކިކަހަލަ އެއްޗެއްސައް ބަލަމުން ގޮސް އެންމެފަހުން ދެކުދިންވެސް ބޭނުންވާ ހުރިހާ އެއްޗެއް އެފިހާރައިން ހަމަކުރިއެވެ. އެއްޗެހި ގަނެގެން ގެއާއި ދިމާއަށް ހިނގައިގަނެވުނު އިރުގައި އިރުއޮއްސި ދުނިޔެ މައްޗަށް ރަތްވިލާގެ އަސަރު ވެރިކުރުވައިފިއެވެ. ދެކުދިން އޮލަ ވާހަކައިގާ ކުރިއަށް ދަނިކޮށް ، ހުއްޓިފައި ފަހަތް ބަލާލީ ކޮންމެވެސް ކުއްޖަކު ނަދުވާގެ ނަމުން ގޮވާލުމުންނެވެ. އޭރު އެމީހުންގެ ފަހަތުން ސިމާމު އާއި ޒައިން އެދިމާއަށް އާދެއެވެ.

"ނަދުވާ ...މަޑުކޮށްބަލަ.......... ވާހަކައެއް ބުނަން ވެގެންނޭ." ފަހަތް ބަލާލުމަށް ފަހު ، ދީނާމެން ކުރިއަށް ހިނގައި ގަތުމާއި އެކު އެނެއްކާވެސް ގޮވާލިއަޑު އިވުނެވެ. އެހެންކަމުން ނަދުވާ މަޑުޖެހިލިއެވެ. ދީނާ ހިނގައިގަތެވެ.
"ދީނާ ...އަހަންނާއެކު ދާން މަޑުކޮއްލަ ބަލަ..." ދީނާ ދާންފެށުމުން ނަދުވާ އެދުނެވެ.
"އަހަރެން ހުރުން އެހާ ރަނގަޅެއް ނުވާނެ ދޯ... ނަދުވާގެ ކައިރީގަ ވީއްޔަ މަޑުކުރާށޭވެސް ބުނީ............... " ދީނާ ހިނގައިގަތެވެ.

ދީނާ ދާތަން ފެނުމުން ސިމާމުމެން ހިނގުން ތަންކޮޅެއް ބާރުވެސް ކޮށްލިއެވެ. ނަމަވެސް އެމީހުންނަށް އެހިސާބަށް އާދެވެންވާއިރަށް ދީނާ މާދުރަށް ގޮސް އޮބާލައިފިއެވެ. ދީނާ ދިއުމުން ދެންކަންތައް ވާނެ ގޮތަކާމެދު ސިމާމުގެ ހިތް ތެޅެމުން ދިއައެވެ. އެމީހުން މިއައި ބޭނުން ހާސިލްވާނެ ބާއޭ ހިތް ބުނަމުން ދިޔައެވެ. ސިމާމުއަށް އޭނާގެ ހިތް އެދޭ އެދުން ހާސިލް ކުރެވޭނެ ބާއޭ ހިތް ބުނަމުން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ހިތް ގޮވަމުންދާ ގޮވުން ބަޔާން ކޮށްދެވޭނެ ބާއޭ ސިމާމު ހިތާހިތުން ކިޔާލިއެވެ.

"ކީއްވެ ދީނާ އެހާ ބާރަށް އެދިޔައީ ..... އަހަރެމެންދެކެ ރުޅިއައިސްގެންތަ؟" ސިމާމު ހުރީ ކުޑަކޮށް މާޔޫސްވެފައެވެ.
" ކަލޭމެން ބުނީ ހަމައެކަނި އަހަރެން ކައިރީގަ މަޑުކުރާށޭ........... އެހެންވީމަ އޭނާ އެދިޔައީ." މަގުގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރި ނަދުވާ ވާހަކަ ދެއްކީ ލަދު ގަނެފައި ހުރި ވަރުން ވަރަށް މަޑުންނެވެ.
"އެހެންވެތަ އެދިޔައީ.......އަހަރެމެން ހިތަށްއެރީ އޭނާވެސް.." ސިމާމު އާއި ދިމާއަށް ބަލާލަމުން ޒައިން ހިނިތުންވެލީ މާނައިން ފުރިގެންވާ ގޮތަކަށެވެ.
" ކީއްވެތަ އަހަރެންކައިރީގަ މަޑުކުރާށޭ ބުނީ... އަވަހަށް ބުނެބަލަ ....... ގެއަށްދާން މިހާރުވެސް ލަސްވެގެން މިއުޅެނީ......... މާ ލަސްވެއްޖެއްޔާ މަންމަ ހިތްހަމައެއް ނުޖެހޭނެ.." ސިމަމުމެންގެ ވާހަކަ އަޑު އެހުމަށް ޝައުގުވެރި ނުވާ ރާގެއްގައި ނަދުވާ ވާހަކަ ދެއްކިއެވެ.
(ނުމިނޭ)  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.