ޒަރީޒުގެ ބޮލު ފުއްކިބައިގައި ޖެހީ މަރުތޭލަކުން

ޒަރީރުގެ ހާލު ބައްލަވައިލައްވަން އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވި ބައެއް މެންބަރުން ވިދާޅިވީ ޒަރީރަށް މިދިއަ އާދީއްތަ ދުވަހުގެ ރޭ ހަމަލާ ދީން އިރު ފުރަތަމަ ޖަހާފައި ވަނީ މަރުތޭލަކުން ބޮލުގެ ފުއްކިބައިގައި ކަމަށެވެ.

މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު: އޭނާއަށް ހަމަލާ ދިނީ މަރުތޭލަކުން ކަމަށްވޭ -- ފޮޓޯ: ވަން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިނީ މަރުތޭލަކުން ކަމަށާއި އެ މަރުތޭލުން އޭނާގެ ބޮލުގެ ފުއްކިބައިގައި ޖެހުމަށްފަހު ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމަށް ވެއެވެ. 

މި ހަމަލައަށް ފަހު ފުރަތަމަ ފުލުހުން ބުނެފައި ވަނީ މެންބަރަށް ހަމަލާ ދިނީ ތޫނު ހަތިޔާރަކުން ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ ހަމަލާ ދިނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އާލާތަކުން ކަމަށެވެ. މަރުތޭލަކުން ކަމެއް ނުބުނެ އެވެ.

ޒަރީރުގެ ހާލު ބައްލަވައިލައްވަން އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވި ބައެއް މެންބަރުން ވިދާޅިވީ ޒަރީރަށް މިދިއަ އާދީއްތަ ދުވަހުގެ ރޭ ހަމަލާ ދީން އިރު ފުރަތަމަ ޖަހާފައި ވަނީ މަރުތޭލަކުން ބޮލުގެ ފުއްކިބައިގައި ކަމަށެވެ. އަދި އޭގެ ފަހުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދިން ކަމަށެވެ.

"މިވަގުތު ޒަރީރުގެ ހާލުކޮޅު ގޯހެއް ނޫން. އިރާދަ ކުރެއްވީތީ އެތެރެހައްޓަށް ގެއްލުމެއް ނެތް،" އެއް މެންްބަރަކު ވިދާޅުވި އެވެ. 

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އެރޭ ފަތިހު މާލޭގެ ބޮޑުތަކުރުފާނު މަގު، "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ތެރޭގައި މެންބަރު ޒަރީރަށް މަރުތޭލަކުން ހަމަލާ ދިން މީހުން ތިބީ ފޮރުވިގެނެއް ނޫނެވެ. މޫނުވެސް ނިވާ ނުކޮށް ކެފޭއަށް ވަދެ ހަމާލާ ދިނުމަށް ފަހު ދިޔައީ އެވެ.

ޒަރީރަށް ދިން އަނިޔާތަކާއި ގުޅިގެން އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ އިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންނެއް ނުބުނެ އެވެ. އަދި އޭނާއަށް އެފަދަ ހަމަލާއެއް ދިނީ ކޮން ސަބަބަކާ ގުޅިގެން، ކޮން ބައެއް ކަމެއް ވެސް ސާފު ވެފައެއް ނުވެއެވެ. 

މަޖިލީހުގައި ވަރަށް ގިނައިން ވާހަކަފުޅު ދެއްކެވި ނަމަވެސް ޒަރީރަކީ ވަރަށް މަޑުމައިތިރު ބޭފުޅެކެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވަނީ އެ ހަމަލާ ކުށްވެރިކޮށް. ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންދަން ގޮވާލާފަ އެވެ. 

ފަސްމަންޒަރު - މެންބަރު ހަަސަން ޒަރީރަށް ހަމަލާ ދިންއިރު މީގެ ކުރީން ވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް ބިރު ދައްކާ ހަމަލާދީ އަނިޔާ ކޮށް އަންނައުނު އަތުލައި ބަރަހަނާކޮށްފައި ވެސް ވެއެވެ. އަދި އެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަމުގައި ކުރިން ހުންނެވި އަލްހާން ފަހުމީގެ ގަޔަށް ވަޅި ހަރާފައިވާއިރު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވަނީ އަވަހާރަ ކޮށްލާފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީ އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި އޭރު އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިކައިރީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.