މަނަދޫން އާ ވާހަކައެއް، ނައީމާގެ މަރުގެ ތުހުމަތު ތިމާގެ މީހަކަށް

އެ މައްސަލައިގައި މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ނުދެއެވެ. މީހަކު ހައްޔަރު ނުކުރާއިރު، ތުހުމަތުވާ މީހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ނައީމާ އޮތް ގެ ކައިރި ފުލުހުން ބަންދު ކޮށްފައި: އޭނާގެ މަރުގެ ތުހުމަތު މިހާރު އަމާޒުވަނީ އާއިލާ މީހަކަށް

މިމަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ ތުހުމަތު އޭނާގެ ތިމާގެ މީހަކަށް އެރަށު މީހުން ކުރަން ފަށައިފިއެވެ.

  އެރަށުން "މި" ނޫހަށް ވާހަކަދެއްކި މީހުން ބުނި ގޮތުގައި އޭނާގެ މައްޗަށް މަރުގެ ތުހުމަތު ކުރެވުނީ އޭނާގެ އުޅުމަށް ނައީމާގެ މަރުގެ ހާދިސާއަށް ފަހު ބަދަލުތަކެއް އައުމުން ކަމަށެވެ. އެގޮތުން، ކުރިން ވަރަށް ގިނައިން ރަށުތެރެއަށް ނުކުމެ އުޅުނު އެ މީހާ މިހާރު މުޅީން ހެން ވަގުތު ހޭދަކުރަނީ ގޭގެ ތެރޭގައި ކަމަށާއި، ސިފަ ބަދަލުކުރުމަށް ބޯކޮށުން ފަދަ ކަންކަން ވެސް ކޮށްފައިވާކަމަށް އެ ރަށު މީހުން ބުނެއެވެ.

މީގެ ކުރިން ނައީމާއާ ދެކޮޅުވެރިކަމެއް އޮތް މީހަކު ނުހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ތުހުމަތު އަމާޒުވާ މީހާއަކީ ނައީމާއާ ރުޅިވެރިކަމެއް އަބަދުވެސް އޮންނަ މީހެއްކަމަށް ވެއެވެ. އެ ރަށުގެ މީހުން ބުނާ ގޮތުން، މިފަހަކުން އޭނާ މާލެއަށް ގޮސް، އޭނާގެ އަންހެނުންނާއި، ދަަރިންނަށް ސިހުރުޖެހިފައިވާކަމަށް ބެލެވޭތީ ސިހުރުވެރިއެއް ކައިރިއަށް ގޮސްފައިވާކަމަށާއި، މާލޭގައި ހުރި ސިހުރުވެރިޔާ ވަނީ އެ ދެމައިންނަށް ސިހުރު ޖެއްސީ ނައީމާކަމަށް ބުންޏެވެ.

ނައީމާގެ މަރާއެކު، މަނަދޫގެ ގިނަ މީހުންނަށް އެރަށުގައި އެވަރު ކަމެއް ކުރާނެ މީހަކު ހުންނާނެ ކަމަކަށް ނުބެލެވުނެވެ. ނައީމާއަކީ އާއިލާއާ ވަކިން، އެކަނި އުޅުނު މީހެއް ނަމަވެސް، ގާތްތިމާގެ މީހަކާ މާބޮޑު މައްސަލައެއް ޖެހިފައި އޮތްކަމަކަށް އޭރު ފާހަގަވެފައެއް ނެތެވެ.އެހެންކަމުން، ރަށު މީހުންގެ ތުހުމަތު އޭރު މައިގަނޑު ގޮތެއްގައި އަމާޒުވެފައި އޮތީ އެރަށުގައި އުޅޭ ބިދޭސީންނަށެވެ. އަދި ތަހުގީގު ވެސް ކުރިއަށް ގެންދިޔައީ އެ މަގުންނެވެ.

ނަމަވެސް، ފަހުން އެރަށުގެ ބައެއް މީހުންގެ ފިންގަޕްރިންޓް ފުލުހުން ނަގާފައިވެއެވެ. އޭގެ ކުރިން އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަޅުގެއެއް ބަލާ ފާސްކޮށްފައެވެ. އެ ގެއަކީ ނައީމާގެ ގެއިން ފެށިގެން ގޮސް ހުރި ހުސްފައިގެ ފިޔަވަޅުތަކެއް ނިމޭ ތަނެވެ.

މި މައްސަލައިގައި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ތަހުގީގު ޓީމަށް ފުރިހަމައަށް އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ. އެއީ އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ދެއްކި ވާހަކައެވެ.

ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކުއެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެއެވެ. އޭނާ އި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.

އެ މައްސަލައިގައި މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ނުދެއެވެ. މީހަކު ހައްޔަރު ނުކުރާއިރު، ތުހުމަތުވާ މީހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.