ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ސަރުކާރުގެ ނިޔަތެއް ނެތް: ރެޑްވޭވް ސަލީމް

ސަލީމްވަނީ އޭނާގެ ރެޑްވޭވް ފިހާރަތަކުން މީގެ އަހަރެއްކުރިން، ތިމާވެއްޓާ ރައްޓެހި ކަރުދާސް އަދި ފޮތި ކޮތަޅަށް ބަދަލުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- މަޖިލީސް

ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް ޗެއިން، ރެޑްވޭވް ވެސް ހިންގަވާ ސަލީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ސުވާލުކުރައްވަމުން ވަނީ މީގެ ކުރިން ސިލޯނު ބަޔަކަށް ރާއްޖޭގައި ބަޔޯޑިގްރޭޑެބަލް ކޮތަޅު ހަދަން ހުއްދަ ދީފައި އެ ހުއްދަ ދިނުން ބާތިލު ކުރީ ކީއްވެތޯ އައްސަވާފައެވެ. އަދި އެއަށްފަހު، ދިވެހި ބަޔަކަށް އާދައިގެ ޕްލާސްޓިކުގައި ކޮތަޅު ހެދުމުގެ ހުއްދަ ދިނީ ކީއްވެތޯ ވެސް ސުވާލުކުރެއްވިއެވެ.

"އެ ފާހަގަކުރައްވާ ކޭސްގެ މައްސަލައަކީ ރާއްޖެއަށް އޮކްސޯ [އޮކްސޯ ޑިގްރޭޑެބަލް ޕްލާސްޓިކް] އެތެރެކުރުން ރާއްޖެއަށް މިހާރު މިވަނީ ހުއްޓާލާފައި، އެއީ ބަޔޯޑީގްރޭޑެބަލް މެޓީރިއަލެއް ނޫން" އެ ސުވާލުގެ ޖަވާބުގައި ޝައުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބަޔޯޑިގްރޭޑެބަލް ސްޓޭންޑަޑެއް އެކުލަވާލާފައިވާ ކަމަށާއި، އެ ސްޓޭންޑަޑަށް ނުފެތޭ ކޮތަޅު އެތެރެކުރުން ވެސް މަނާކޮށްފައިވާކަމަށެވެ. 

އޭގެ ފަހުން، ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން ސަލީމް ވަނީ މައްސަލަ އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ މީގެ ތިން އަހަރު ކުރިން ރާއްޖޭގަި ބަޔޯޑިގްރޭޑެބަލް ޕްލާސްޓިކުންނާއި، ފޮތިން ކޮތަޅު އުފެއްދުމަށް މިނިސްޓްރީގައި އެދުނު ކަމަށެވެ. އެހެންނަމަވެސް، އެކަމަށް ބޭނުންވާ ޓެސްޓުތައް ހެދުމުން ވެސް އެ ހުއްދަ ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސްރީލަންކާގެ ބަޔަކަށް އެ ހުއްދަ ދިނީ އޭގެ ފަހުން ކަމަށެވެ. ލަންކާ ކުންފުނީގެ ހުއްދަ ބާތިލުކުރުމަށް ފަހު، އާދައިގެ ބަޔޯޑިގްރޭޑެބަލް ނޫން ޕްލާސްޓިކުން ކޮތަޅު އުފެއްދުމުގެ ހުއްދަ ދިވެހި ކުންފުންޏަކަށް ދީ، އެކަމަށް ސަރުކާރުން މަގުފަހިކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއިން [ރާއްޖޭގައި ކޮތަޅު އުފެއްދުމަށް ބޭނުންކުރާ ރޯމެޓީރިއަލުން] މިނަގަނީ ކިހާވަރެއްތޯ؟ 15 ޕަސެންޓާ 25 ޕަސެންޓާ ދެމެދު ގެ ޑިއުޓީއެއް މިނަގަނީ! އެކަމަކު ރާއްޖެއަށް އެތެރެކުރާ ކޮތަޅުން އެބަ ނަގާ 400 ޕަސެންޓު" ސަލީމް ވިދާޅުވިއެވެ.

ސަލީމްވަނީ ރާއްޖޭގައި މިހާރު ކޮތަޅު އުފައްދަމުން އަންނަ ކުންފުންޏަށް ދެ މިލިއަން ކޮތަޅު ހެދުމަށް ވެމްކޯއިން ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ކޮތަޅުތަކުން 50 ޕަސެންޓު ޑިއުޓީ މައާފުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ކިބައިގައި ކޮތަޅު މަދުކުރުމުގެ ނިޔަތެއް ހުރިނަމަ އެކަން އެމަގުން ނުހިނގާނެ ކަމަށެވެ.

ސަލީމްވަނީ އޭނާގެ ރެޑްވޭވް ފިހާރަތަކުން މީގެ އަހަރެއްކުރިން، ތިމާވެއްޓާ ރައްޓެހި ކަރުދާސް އަދި ފޮތި ކޮތަޅަށް ބަދަލުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހިލޭ އެ ފިހާރައިން ކޮތަޅު ދޫކުރާކަން ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.