ފިކުރެއްގެ ދިރުމުގެ މުގައްރިރުން ކޮމިޓީ ތަކުން ވަކި ކުރަނީ

(ކ-ވ)ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުގައި ތިބި، ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މެންބަރުން އެ މަގާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފާސްކޮށްފިއެވެ.

އެ ޕާޓީގެ ޕިޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ އެ މެންބަރުން މުގައްރިރު ކަމުން ވަކި ކުރުމަށް ފާސްކޮށްފައެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެ ފެކްޝަނުގައި ތިއްބެވި މެންބަރުންނަށް ފިޔަވަޅު އެޅުމަށް ސެކްރެޓޭރިއެޓަށް ފޮނުވުމަށް ވެސް ވަކިން ފާސްކުރިއެވެ.

"ފިކުރެއްގެ ދިރުން"ގައި ތިއްބެވި މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުން

  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (އެސްއޯއީ ކޮމިޓީ)
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (ޖުޑީޝަރީ ކޮމިޓީ)
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް (އާންމު ކޮމިޓީގެ)
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް (އިމްތިޔާޒު ކޮމިޓީ)

މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ނިންމާ ނިންމުންތަކާ ޚިލާފަށް ވޯޓު ދެއްވާތީއާއި، ވަކި ޕާލިމެންޓަރީ ގުރޫޕެއް ހަދައިގެން މަސައްކަތް ކުރާތީ އެ މެންބަރުންނަށް މީގެ ކުރިން ވަނީ އިންޒާރު ވެސް ދީފައެވެ. ޕާލިމެންޓަރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމަށް މުގައްރިރުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ ވެސް އެ ގުރޫޕުގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އެވެ.

ނިންމުން އުސޫލާ ހިލާފު،"އެއީ ޕީޖީއެއް ނޫން، ގޭންގެއް!"

އެ ނިންމުމާ ބެހޭ ގޮތުން ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވާ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "މި" ނޫހަށް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ނިންމި ނިންމުން އުސޫލުތަކާ ހިލާފު ކަމަށެވެ.

"އެބޭފުޅުން ހީކުރައްވަނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމައި އެހެން ތިބެފައި ވަކި ކުރެވޭނެ ކަމަށް. އެހެން އޮންނަ ކަމެއް ނޫން މިއީ" އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ޕީޖީން މިހާރު ކަންކުރަމުން ދަނީ ޕާލިމެންޓަރީ ގުރޫޕަކުން އަމަލުކުރާ ގޮތަކަށް ނޫންކަމަށެވެ. އެ މައްސަލައިގައި އަދި ރަސްމީގޮތުން މުއާމަލާތް ކޮށްފައި ނުވާކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އެ ގުރޫޕު މިހާރު މަސައްކަތް ކުރަނީ ގޭންގެއްގެ އުސޫލުން ކަމަށެވެ.

"[ރަސްމީ މުއާމަލާތެއް] ނާންނާނެ ނޫންތޯ؟ އެއީ ގޭންގެއް! މަޖިލިސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ގޭންގެއް މިހާރު އެއީ" އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.