ފުއްގިރި މައްސަލަ: ހެކިތަކާ ގުޅޭ ނިންމުން ސުޕްރީމް ކޯޓަށް

ކްރިމިނަލް ކޯޓުން ޔާމީންގެ އެ ނިންމުންތައް ބަލައިގަނެފައި ނުވާތީ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވި އެވެ. އެކަމަކު ހައިކޯޓުން ވެސް އެ މައްސަލަ ނިންމީ ޔާމީނާ ދެކޮޅަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ބަލައި ނުގަތުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ހައިކޯޓުގައި ނާކާމިޔާބުވުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ހިމެނޭހެން ދައުލަތުގެ ގިނަ ޝަފަހީ ހެކިތަކެއް ބަލައި ނުގަތުމަށެވެ. މީގެ އިތުރުން ތަހުގީގު ބަޔާންތަކާއި ލޮގްތަކެއް ހޯދަން ހުށަހަޅާފައި ވެއެވެ.  

ކްރިމިނަލް ކޯޓުން ޔާމީންގެ އެ ނިންމުންތައް ބަލައިގަނެފައި ނުވާތީ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވި އެވެ. އެކަމަކު ހައިކޯޓުން ވެސް އެ މައްސަލަ ނިންމީ ޔާމީނާ ދެކޮޅަށެވެ.

ފުއްގިރި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އާދަމް ޝަމީމް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ގާނޫނުން ލިބިދީފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ދައުވާކޮށްފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލަތައް ވެސް ނިންމީ އެ ފަރާތްތަކާ ދެކޮޅަށެވެ.

އެހެންވެ، އެ ނިންމުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެ ފަރާތްތަކުން މިއަދު ބުނެފައިވެ އެވެ. ކްރިކް ރިޒާގެ ވަކީލް ހުސްނީ މުބާރަކް ވަނީ ސުޕްރީމް ކޯޓުން އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމަންދެން މައްސަލަ މަޑުޖައްސާލަން ވަގުތީ އަމުރަކަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައިގައި ދެން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ. އެކަމަކު ޝެޑިއުލެއް އެކުލަވާލައި ހަސްމުންނާ ހިއްސާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

1
450
އާތިކާރަޝާދު
1 year ago

މިހެންވެގެން އުއްތަމަ ފަނޑިޔާރު ބަދަލު ކުރަން ވަނީ ރޭވިފައި. ދެން އަންނާނީ ޕީޖީ ޝަމީމް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.