މަދަނީ މިންގަނޑަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން ޔާމީންގެ ނުރުހުން

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތް ފަށައި އިފްތިތާހީ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވަނީ

ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ހިފި ކަމަށާއި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމާފައިވާއިރު އެކަމާ ގުޅިގެން ވާހަކަ ދައްކަން ފުރުސަތު ދީފައި ނުވާތީ އެމަނިކުފާނު ނުރުހުން ފާޅު ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުހަލާ ނިންމާލުމަށެވެ. އެކަމަކު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މަދަނީ މިންގަނޑާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ މަދަނީ މިންގަނޑާ ގުޅިގެން ވާހަކަދައްކަން ފުރުސަތު ދިނުމަކީ ގާނޫނުއަސާސީ އިން ކޮންމެ ހަސްމަކަށް ވެސް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އެހެންކަމުން އެ ފުރުސަތުގައި އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކާ ގުޅިގެން ވާހަކަދައްކައި، ކުށެއް ނެތްކަން ސާބިތު ކުރެވޭނެ ބުނެދިނުމަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ މަރުހަލާގައި ވާހަކަދައްކަން ފުރުސަތުދީ، ޓެކްނިކަލް ގްރައުންޑްސް ހުރުމުން މައްސަލަތައް ބޭރު ކޮށްލާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރާއިރު، މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅީ ކުރިން މައްސަލަ ބެއްލެވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. މިހާރު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ އެ ނިންމުމަށް ބަދަލެއް ގެންނަން ފެނިވަޑައި ނުގަންނަ ކަމަށެވެ.

މީގެ އިތުރުން، ދައުލަތުން ކުރިން ސިއްރުކޮށް އެކަމަކު ފަހުން ހާމަކުރި ދެ ލިޔުމެއް ބަލައިގަންނަން ރައީސް ޔާމީންގެ ފަރާތްޕުޅުން އިއުތިރާޒެއް ވެސް ކުރެއްވި އެވެ. އެމަނިކުފާނުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވެފައި ވަނީ އެ ދެ ލިޔުމަކީ ކުރިން ހާމަ ނުކުރާ ދެ ހެއްކަށްވާތީ އެ ހެކިތަކާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެކަމަކު ގާޒީ ނިންމެވީ އެފުރުސަތު ވެސް ނުދެއްވުމަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތް ފަށައި އިފްތިތާހީ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓް މެދުވެރިކޮށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.