ޕީޕީއެމްގެ ދަނޑުގަ އެމްޑީޕީ ހޯދި މޮޅު: ވަރުގަދަ ސިޔާސީ ސްޓޭޓްމަންޓެއް

ޕީޕީއެމްގެ "އަމިއްލަ ދަނޑުގައި" އެ ޕާޓީ ބަލި ކޮށްލައި ތާރީހީ މޮޅެއް އެމްޑީޕީ / ރައީސް ސޯލިހު ހޯއްދެވުމަކީ އިއްޔެއާ ހަމައަށް ސަރުކާރާއެކު ތިބެފައި ވަކިވެގެން ދިޔަ ލީޑަރުންނަށް ދިން ވަރުގަދަ ސިޔާސީ ރައްދެކެވެ.

ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒް (ކ)، ރައީސް އިބްރާހީމް މުހައްމަދު ސާލިހާ އެކު
  •  އެމްޑީޕީ ހޯދި ތާރީހީ މޮޅު ހާއްސަވަނީ ރައީސް ސޯލިހަށް

އެމްޑީޕީގެ އެންމެ އިސްވެރިޔާއިން ފެށިގެން ގޮސް، އެންމެ އާދައިގެ އެކްޓިވިސްޓުން ވެސް ގުރައިދޫ ދާއިރާގެ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރާއިރު ދައްކަނީ އެއް ވާހަކައެކެވެ. ހޯދީ އުނދަގޫ އަދި މުހިއްމު މޮޅެކެވެ. އަދި ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ލިބުނު ވަރަށް ބޮޑު ޔަގީން ކަމަކާއި އިތުބާރެކެވެ. މަލްޓިޕާޓީ ނިޒާމު ތައާރަފު ވީއްސުރެ އެ ޕާޓީއަށް ނުހޯދުނު މޮޅެއް މި ދަނޑިވަޅުގައި ލިބުމަކީ އެކަން އެންމެ ހާއްސަވާ ސަބަބުވެސް މެއެވެ. 

"މި އިންތިހާބުން ހާމަވެގެން މި ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް" އިއްޔެގެ ކާމިޔާބީ ފާހަގަ ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ހަމައެކަނި ގުރައިދޫ ދާއިރާ އެކަންޏެއް ނޫނެވެ؛ ރާއްޖޭގެ ބަރުލަމާނީ ތާރީހަށް ބަލާއިރު، މާލެ އަތޮޅުން އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް މިހާތަނަށް މި ނޫނީ ކާމިޔާބެއް ނުކުރެވެ އެވެ. މާލެ އަތޮޅުގެ ގިނަ ރަށްތަކަކީ ސީދާ "ފިޔާތޮށި ލޭ" ހިނގާ، މިއަދު ވެސް އިދިކޮޅުގައި ތިބި ޕާޓީތަކުގެ ފުރިހަމަ ކޮންޓްރޯލު އޮތް ރަށްތަކެކެވެ. 

އެކަމަކު، މާލެ އަތޮޅުގެ މި ދާއިރާއަކީ އެމްޑީޕީއަށް މާލެ އަތޮޅުގައި އެންމެ ފުރުސަތު ބޮޑު ގޮނޑީގެ ގޮތުގައި އަބަދު ވެސް އޮތް ދާއިރާ އެވެ. ސަބަބަކީ ހެޔޮވަރުގެ އާބާދީއަކާއި މުއްސަނދި އިގްތިސޯދެއް އޮންނަ، މާފުށީގައި އެމްޑީޕީގެ ނުފޫޒު ވަރަށް ބޮޑަށް ގަދަވުމެވެ. 

އެންމެ ފަހުން އޮތް، 2019 ވަނަ އަހަރުގެ އިންތިހާބު ޕީޕީއެމަށް ގޮނޑި ލިބުނީ ވެސް އެންމެ 148 ވޯޓުގެ ތަފާތަކުންނެވެ. އެފަހަރު ޕީޕީއެމްގެ އިބްރާހީމް ރިޒާ އާ އެމްޑީޕީން ވާދަ ކުރެއްވީ ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އާދިލް ސަލީމެވެ.

ގުރައިދޫ ދާއިރާގެ ކުރީގެ ނަތީޖާ

  • 1.އިބްރާހިމް ރިޒާ - ޕީޕީއެމް: 1,186 ވޯޓް
  • 2.އާދިލް ސަލީމް - އެމްޑީޕީ: 1,038 ވޯޓް
  • 3.ސާމިޔާ ޒަކަރިއްޔާ - މިނިވަން: 272 ވޯޓް
  • 4.ހުސައިން އިނާޒު - މިނިވަން: 10 ވޯޓް
  • 5.މުހައްމަދު ޝާހު - މިނިވަން: 5 ވޯޓް

އޭރުގެ ނަތީޖާ އިން ފެންނަ ކަމަކީ، މާފުށީގައި އެމްޑީޕީގެ ބާރު ގަދަ ނަމަވެސް، ފެށުނީއްސުރެ ދާއިރާގެ ގޮނޑީގައި އިންނެވި، އިބްރާހީމް ރިޒާގެ މަގުބޫލުކަން އެއަށްވުރެ ބޮޑު ކަމެވެ. އެ އެޑްވާންޓޭޖާ ދުރަށް ނުދާން ވެގެން، މިފަހަރުގެ ބައި އިލެކްޝަނަށް ޕީޕީއެމުން ނެރުނީ ވެސް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާ އެވެ. އެ ހާލަތުގައި ވެސް އަދި ވާދަވެރި ދެޕާޓީގެ މެދަށް ކުޑަކުޑަ އެމްއެންޕީން ކެންޑިޑޭޓަކު ވައްދައިގެން ވޯޓްކޮޅެއް ގެންދިއުމުން ވެސް، ނަތީޖާ ފުރޮޅާލައި، އެމްޑީޕީން 120 ވޯޓުގެ ތަފާތުން ކުރި ހޯދުމަކީ ސާފު ސީދާ ކާމިޔާބީ އެކެވެ. ސަރުކާރަށް ވަރަށް ހާއްސަ އަދި ރައީސް ސޯލިހު ހޯއްދެވި މާ ހާއްސަ މޮޅެކެވެ. 

އިންތިހާބަށް ކުރިމަތިލީ އިރު އެމްޑީޕީއަށް އޮތް ހަމައެކަނި ގޮންޖެހުމަކީ ގުރައިދޫ ދާއިރާގައި ޕީޕީއެމްގެ ބާރު ގަދަވުން އެކަންޏެއް ނޫނެވެ. އެ ޕާޓީ ރީއްޗަށް ދެ ބައިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައި ހަރަކާތް ފުޅާ ކުރައްވާފައި ވެއެވެ. ވަރުގަދަ އެމްޑީޕީގެ ހަލާކުކޮށްލައި ރުޅައިލުމުގެ ހުރިހާ ހަރަކާތެއް އޮތީ ހިނގަ ހިނގަ އެވެ. 

ގުރައިދޫ އިންތިހާބުގައި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ބޭފުޅުން އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރި އެވެ. އެންޓި ކެމްޕޭންތައް ހިންގި އެވެ. އެކަމާ ގުޅިގެން އިންޒާރުތައް ދޭން ވެސް ޕާޓީގެ ޗެއާޕާސަނަށް ފައްޔާޒު އިސްމާއީލަށް ޖެހި ވަޑައިގަތެވެ. 

ގުރައިދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު، އިބްރާހީމް ޝާޒުގެ ކާމިޔާބީ ފާހަގަކޮށް އުފާ ފާޅު ކުރަނީ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ

  • 1.ހުސައިން ރިޒާ އާދަމް، ޕީޕީއެމް -- 1226 ވޯޓު
  • 2.އިބްރާހީމް ޝާޒް، އެމްޑީޕީ -- 1346 ވޯޓު
  • 3.އަލީ އަރީފް، އެމްއެންޕީ -- 122 ވޯޓު

އަނެއްކޮޅުން ރައީސް ސޯލިހުގެ ސަރުކާރު ފެށުނީއްސުރެ އެންމެ ގާތުން މަސައްކަތް ކުރަމުން އައި ޖުމްހޫރީ ޕާޓީ ވެސް ރިޔާސީ އިންތިހާބުގެ ރޭހަށް ވަކިން ނުކުންނާނެކަން އިއުލާނުކޮށް ސަރުކާރު ދޫކޮށްލައި "ފިކުރެއްގެ ދިރުން" މާ ގުޅުނު އިރު ގާސިމް އިބްރާހިމްގެ ހުދު ކޮތަރު ވަނީ ނަޝީދުގެ ކޮނޑަށް ލައިދީފަ އެވެ. 

ގުރައިދޫ އިންތިހާބުގައި އެމްޑީޕީން މިފަހަރު ވިއްކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޝިއާރުތަކާއި ފޮޓޯއެއް ނޫނެވެ. އަދި ނަޝީދުގެ ސިޔާސީ މަސައްކަތާއި ފިލޯސަފީ ވިއްކާކަށް ވެސް ނުލިބުނެވެ. އެކަނި މާއެކަނި ސަރުކާރާއި އެމްޑީޕީން ގުރައިދޫ ދާއިރާއަށް ވިއްކީ ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީ އާއި އެ މަނިކުފާނުގެ ފޮޓޯއެެވެ. ނަޝީދާއި ގާސިމްގެ އެހީއެއް ނެތެވެ. ރައީސް ސޯލިހާ ބައިވެރި ވެގެން ތިއްބެއް ކަމަކު ފައިސާކޮޅެއް ލައިދުނުން ލޮޖިސްޓިކްސްއެއް ހަމަޖައްސާލައި ދިނުން ފިޔަވައި އެމްޑީއޭއަށް ކޮށްދެވޭނެ ކަމެއް އެ ދާއިރާއަކު ނެތެވެ. 

އަދާލަތާއި، އެމްޑީއޭއިން ބައިއަތު ރައީސް ސޯލިހަށް އޮތް ނަމަވެސް އެ ދެ ޕާޓީއަކީ ވެސް، ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީއާ އަޅާ ބަލާއިރު ސިޔާސީ ގޮތުން އުރަތްޕެއް ނެތް ވިންދެއްހާ ކުޑަ ދެ ޕާޓީ އެވެ. 

މިހާރު ހިނގައިދާ ދުވަސް ވަރަކީ އެމްޑީޕީއަށް އެތެރެއިން ވެސް ފިއްތުމާއި ހާސްކަން ބޮޑު ދަނޑިވަޅެކެވެ. ހާއްސަކޮށް، ސަރުކާރަށް ތާއީދު ކުރި ބާރުގަދަ ބައެއް ލީޑަރުން ދެކޮޅުވެރި ވުމުން ރައީސް ސާލިހަށް އިތުބާރު ގާއިމު ކުރުމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެކެވެ. 

ސިޔާސީ ގޮތުން މިފަދަ ހާލަތެއްގައި ގުރައިދޫ ދާއިރާ ފަދަ އުނދަގޫ ގޮނޑިއެއް ރައީސް ސޯލިހުގެ ފެކްޝަނުން އެކަނި މަސައްކަތް ކޮށްގެން ކާމިޔާބު ކުރުމަކީ ސިޔާސީ ގޮތުން ނެރެ ދެއްކި ވަރަށް ވަރުގަދަ ސްޓޭޓްމެންޓެކެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މި އިންތިހާބުގެ ނަތީޖާއަކީ ސިފަ ކުރައްވާފައި ވަނީ "މިސަރުކާރަށް ދެވުނު ފުރިހަމަ އެންޑޯސްމެންޓެއް" ގެ ގޮތުގަ އެވެ. 

އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މިއީ ޕާޓީގެ މިސްރާބަށް އާންމު މެންބަރުންގެ ތާއީދު އޮތްކަން ހާމަ ކޮށްދިން ފުރިހަމަ މޮޅެކެވެ. އޭނާ ނުސީދާ ގޮތެއްގައި އެ ވިދާޅުވީ "ފިކުރެއްގެ ދިރުމަ" ށް އެމްޑީޕީގެ ތެރެއިން ތާއީދެއް ނެތޭ އެވެ. 

މައި އިންތިހާބު، ރިޔާސީި އިންތިހާބު ބޯމަތިވެފައި އޮއްވާ ރައީސް ސޯލިހު ހޯއްދެވި މި ކާމިޔާބީ އެ މަނިކުފާނަށް ވަރަށް ހާއްސަ އެވެ. ވަރަށް ބޮޑު ބޫސްޓަކަށް ވެސް ވެއެވެ. ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހާއި އެމްޑީޕީގެ މައި ވާދަވެރިޔަކަށް އަދިވެސް ވާނީ ޕީޕީއެމެވެ. އެެހެން އޮތް އިރު ގުރައިދޫ ދާއިރާގެ އިންތިހާބުގައި އިދިކޮޅުގެ ޕީޕީއެމްގެ "އަމިއްލަ ދަނޑުގައި" އެ ޕާޓީ ބަލި ކޮށްލައި ތާރީހީ މޮޅެއް އެމްޑީޕީ / ރައީސް ސޯލިހު ހޯއްދެވުމަކީ އިއްޔެއާ ހަމައަށް ސަރުކާރާއެކު ތިބެފައި ވަކިވެގެން ދިޔަ ލީޑަރުންނަށް ދިން ވަރުގަދަ ސިޔާސީ ރައްދެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.