ތާރީހު

ވިރާނާ ވަމުން ދަނީ: މުހިއްމު ނިމުމަކާއި ފެށުމެއްގެ ހަނދާން

މަޑުމަޑުން ވީރާނާވަމުން، ފޮހެވެމުން އެ ދަނީ ހަމައެކަނި އެ ބިނާތައް އެކަންޏެއް ނޫނެވެ. އެ ހަނދާންތަކާއި، އެ ވާހަކަތަކާއި، އިބުރަތްތަކާއި، ފިލާވަޅުތައް ވެސްމެ އެވެ.

ތ. ގުރައިދޫގައި ހުންނަ ފެހެންދޫ ރަސްގެފާނުގެ ޒިޔާރަތް؛ މި ތަން މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި -- މި

މުހައްމަދު ޔަމީންގެ ރިޕޯޓް ކުރުމެއް، ތ. ގުރައިދޫން:

ދިވެހި ފޯކްލޯރުގެ ތެރެއިން ތާރީހީ ގޮތުން އެންމެ އަގުހުރި އެއް މަސްދަރު، ބުރާރަ މުހައްމަދުފުޅުގެ ވާހަކަ ފެށެނީ މިހެންނެވެ؛ ފެހެންދޫ އުސްމާނު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު، -- 1368މ -- ހުޅުލޭގައި ދިރިއުޅެމުން ދިޔަ ހިލާލީ ކަލޯގެ ދެމަފިރިން މާލޭގައި ވަޒަންވެރިވާން ނިންމި އެވެ. އޭރު ހަނދޭގިރިންގެ މަގާމުގައި ހުންނެވި ޔޫސުފު -- ނިސްފު -- ހަނދޭގިރިންނަށް މިއީ ކަމުދާ ކަމަކަށް ނުވިއެވެ. އެތައް ފަހަރަކު ރަސްގެފާނު އަރިހުގައި އެ ދެމަފިރިން މާލޭގައި ވަޒަންވެރި ވެއްޖެނަމަ، ރަސްގެފާނަށް ނުރައްކާވާނެ ކަމަށް ހަނދޭގިރިން ދަންނަވައެވެ.

ހިލާލީ ކަލޯއަކީ ހަނދޭގިރިންގެ ބޮޑުބޭބެ އެވެ. އޭނާގެ ދެމަފިރިން މާލެއަށް އައި އިރު، އަންހެނުން އިނީ އެއް މާބަނޑު ދެބެއިންނަށް ބަލިވެ އެވެ. ހަނދޭގިރިން ތަކުރާރުކޮށް ދެއްވި އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވާ، "އެހާ ފަގީރުންނަށް ނިކަމެތިކޮށް ހިތައިގެން ނުވާނެޔޭ" ވިދާޅުވެ، އުސްމާނު ރަސްގެފާނު އެ ދެމަފިރިންނަށް ލޮނުޒިޔާރާތްކޮޅުން ގޯއްޗެއް ދެއްވަ އެވެ.

ހަނދޭގިރިން ރަދުންނަށް ދެއްވި އިންޒާރުތަކުގެ ފަހަތުގައި ވަނީ އޭނާގެ ނުޖޫމީ އިލްމުން ނިމުތު ކޮށްފައިވާ ކަންކަމެވެ. ހިލާލީ ކަލޯގެ އެއް މާބަނޑު ދެބެއިން މާލޭގައި ބޮޑުވާން ދޫކޮށްލައިފިނަމަ، އެ ދެބެއިން ރާއްޖޭގެ ރަސްކަން އަތުލާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ދެންވެސް، އެ ދެބެއިންނަށް އެކަން ހާސިލު ވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވައެވެ. އެއްމާބަނޑު ދެބެއިންގެ ތެރެއިން ހަސަނު، ނ. ލަންދޫއަށް ޅަ އުމުރުގައި ފޮނުވާލައްވަ އެވެ. އަދި، ހުސައިނު ގެންގުޅުއްވީ ހަނދޭގިރިންގެ ބެލުމުގެ ދަށުގައެވެ.

ނަމަވެސް އެއިން އެއްވެސް ތަދުބީރެއް އާހިރުގައި ކާމިޔާބެއް ނުވެއެވެ. ލަންދުއަށް ފޮނުވާލި ހަސަނު އަނބުރާ މާލެ އައިސް، ހީލަތަކުން ރަސްކަން އަތުލައްވަ އެވެ. އުސްމާނު ރަސްގެފާނާއި، ނިސްފު ހަނދޭގިރިންނާއި، އޭނާގެ ދަރި މުހައްމަދު، އެހާ ހިސާބުން އަރުވާލައްވަނީ ތ. ގުރައިދޫއަށެވެ.

ދިވެހި ރަސްކަމުގެ ތާރީހުގައި މަޝްހޫރު ހިލާލީ ދަރިކޮޅުގެ ފެށުމަކީ މިއީ އެވެ. އުސްމާނު ރަސްގެފާނު އަރުވާލި ދުވަހު، އެ ރަދުންގެ އަތުން ވެރިކަމުގެ ބާރުތައް ބީވެއްޖެކަން އެނގުނު ހިނދު ހުސައިން ހިލާލީއަށް ހަނދޭގިރިން ދެންނެވި ކަމަށްވަނީ "[ހުސައިނުގެ ބޭބެ] ހަސަނަށް ފަހު، [ވެރިކަމާ ހަވާލުވާނީ، ހަނދޭގިރިންގެ ދަރި] މުހައްމަދު އިނގޭ" އެވެ. 

ޖަވާބުގައި ފަހުން ރަސްކަންކުރެއްވި ހުސައިނު "އޭ ހަނދޭގިރިންނޭ! ހަސަނަށް ފަހު ހުސައިނޭ، ހުސައިނަށް ފަހު މުހައްމަދޭ" ވިދާޅުވި ވިދާޅުވުމަކީ ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުމުގެ އިއުލާނެވެ.

އުސްމާނު ރަސްގެފާނާއި، ހަނދޭގިރިން އެ ދެ ބޭކަލުންގެ އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެއްވީ ގުރައިދޫގައެވެ. އައްސުލްތާން ހަސަނުލް ހިލާލީ ރަސްކަމަށް ކޮލިލެއްވީ އުސްމާނު ރަސްގެފާނު އެ ރަށުގައި އަވަހާރަވުމުންނެވެ.

ތ. ގުރައިދޫގައި ހުންނަ ފެހެންދޫ ރަސްގެފާނުގެ ޒިޔާރަތް؛ ވާއަތް ފަރާތުން އެ ފެންނަނީ އުސްމާނު ރަސްގެފާނުގެ މަހާނަ -- މި

ދެން މި ފޮޓޯއަށް ބަލައިލާށެވެ؛ މި ފެންނަނީ އުސްމާނު ރަސްގެފާނުގެ ޒިޔާރަތް މިއަދު ހުރި ގޮތެވެ. އެންމެ ވާތް ފަރާތުގައި ދެ ކަންފަތްގަނޑު ލާފައި އެ ހުރީ އެ ރަދުންގެ މަހާނައެވެ. ކަނާތް ފަރާތުން، ދުރުން ފެންނަ ދެ މަހާނައިގެ ތެރޭގައި ނިސްފު ހަނދޭގިރިންގެ މަހާނަ ވެސް ވާނެ ކަމަށް ބެލެވެއެވެ. މި ޒިޔާރަތާ އިންވެގެން، ހަމަ އެ ދުވަސްވަރު ބިނާކުރި ކަމަށްބެލެވޭ މިސްކިތެއް ވެސް ހުރެއެވެ.

އުސްމާނު ރަސްގެފާނުންގެ ރަސްކަމުގެ އެންމެ ފާޅުކަން ބޮޑު ހަނދާނަކަށް ފެންނަން ހުރި ބިނާއަކީ މިއީ އެވެ. އެ ވެރިކަމުގައާއި، އޭގެ ކުރިންނާއި ފަހުން ހިނގައިދިޔަ ކަންކަމަށް ބަލައިލުމުން އެއީ ދިވެހި ތާރީހުގައި މުހިއްމު ދަނޑިވަޅެއްކަން އެނގެ އެވެ. އުމަރުވީރު ދަރިކޮޅަށް ނިސްބަތް ރަހުންނާއި ރަނިންނާއި، ހިލާލީ ދަރިކޮޅުގެ ރަސްކަލުންނާއި ދެމެދު ހިނގި އެ ދައުރަކީ ދިވެހި ސިޔާސީ ތާރީހު ދުށް ވަރުގަދަ ޓްރާންސިޝަނެކެވެ.

އުސްމާނު ރަސްގެފާނާ ހަމައަށް ރަސްކަން އައި އިރު ވެސް ރަސްކަމުގެ ކޮއިލުތެރެ ވަނީ ހަލަބޮލިވެ، ހޫނުވެފަ އެވެ. އުމަރު ވީރު ދަރިކޮޅުގެ ރަހުން، ރަނިންގެ ކިބައިން ތަހުތު އަތުލެއްވުމާއި، ރަނިން، ރަހުންގެ ކިބައިން ތަހުތު އަތުލެއްވުމުގެ ސިލްސިލާގެ ސަބަބުން ރަސްކަން ވާރުތަވަމުން އައި، ވިރާސީ ރޮނގަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އުސްމާނު ރަސްގެފާނު ވެސް ރަސްކަމަށް ވަޑައިގަތީ ގަދަކަމުން ތަހުތު އަތުލައްވައިގެންނެވެ. އޭނާ ރަސްކަމަށް އިސްވި އިރު، ރެހެންދި ޚަދީޖާގެ ކޮއްކޯފުޅު، ރާދަފަތި ކަނބާ ކިލެގެއާއި، އެ ކިލެގެގެ ދަރިކަނބަލުން ދާއިނުކަނބާ ދުނިޔޭގައި އިންނެވިއެވެ. މި ދެ ރަނިންގެ ކިބައިން ވެސް ވެރިކަން އަތުލެއްވީ އެ ދެ މައިންގެ ފިރިފިރިކަލުންނެވެ.

އުސްމާނު ރަސްގެފާނުގެ ޒިޔާރަތާ އިންވެގެން ހުންނަ މިސްކިތުގެ މަތިވަޑާން ގަނޑުގައި ހުރި ބައެއް ލިޔުންތައް - މި

ކޮންމެއަކަސް، އުސްމާނު ރަސްގެފާނަށް ފަހުގައި ވެސް ރާއްޖޭގެ ކަންކަން އަދި ދިޔައީ ހައްތަހާ ގޯހުން ގޯހަށެވެ. އޭގެ ފަހުން ފެށުނު، ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ އުސްއައްޔަކީ، ބަގާވާތާއި، ޚިޔާނާތެވެ.

އެ ދަރިކޮޅުގައި ރަސްކަން ބަދަލުވަމުން ދިޔަލެއް އަވަސްކަން ސިފަކުރަމުން ބުރާރަ ވާހަކައިގައި ކިޔައެވެ. "މެންދަމު އޭނާ [ރަދުން] ގަތުލު ކޮށްފައި، ދެން އެއާ ޖެހިގެން ހުރި އަނެއް މީހާ [ރަސްކަމަށް] އިސްވެއްޖެޔޭ. އަނެއް ދުވަހު އޭނާ ވަޅުލައި، ހެޔޮކަންތައް އަދާކުރެއްވިއޭ. ދެން އައި އަނެއްރޭ އެމީހާ މަރާފައި އަނެއް މީހާ [ރަސްކަމަށް] އިސްވެއްޖެއޭ"

ވެރިކަމުގެ ދަހިވެތިކަމުގައި ތަކުރާރުވަމުން އައި ފިތުނައިގެ މި ސިލްސިލާ ނިމެނީ ނުވަވަނަ ހަސަން ރަސްގެފާނު ކާފަރުވުމާއި، އެއަށް ފަހު ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެ ދިއުމާ ހަމައިންނެވެ. ކުރުކޮށް ބުނާނަމަ، ރާއްޖެ ދުށް އެންމެ ހިތި އަޅުވެތިކަމާ ހަމައަށް ދިވެހި ރަސްކަން ނިކަމެތި ކުރި ފިތުނަތަކުގެ ފެށުމަކީ، އުސްމާނު ރަސްގެފާނު އަރުވާލެއްވުމާއި، ހިލާލީންގެ އަތްމައްޗަށް ރަސްކަން ފުރޮޅުމެވެ.

މިއީ ހަ ގަރުނަށްވުރެ ގިނަ ދުވަސް ވެފައި ހުރިކަމަށް ބެލެވޭ މި ބިނާއިން ކިޔައިދޭ ހާ ވާހަކަތަކެވެ. އިބުރަތްތެރި ފިލާވަޅުތަކާއި ދުނިޔަވީ ހަގީގަތްތަކެވެ. މި ޒިޔާރަތާއި މި މިސްކިތް ބިނާކުރި ބަޔަކާއި، އެބަޔެއްގެ ފަހުން އެތަން ބެލެހެއްޓި ބައެއްގެ މަގުސަދަކަށް ވާނީ އެ ފިލާވަޅުތައް މިއަދާ ހަމައަށް ފޯރުކޮށްދިނުމެވެ.

ދާދި ފަހަކާޖެހެން ދެން ނަމާދު ކުރި މި މިސްކިތުގެ މަތިވަޑާންގަނޑުގައި ހުރި ފަންނުވެރި ލިޔުންތައް މިހާރު ހުރީ ކުލަވެއްޓި، ފަނޑުވާން ފަށާފައެވެ. އުސްމާނު ރަސްގެފާނުގެ މަހާނައިގައި ހުރި އެއްގަލުން ބައެއް މިހާރު މަދެވެ. އަނެއް ގާ ވެސް ބިންދައިގެން ގޮސްފިއެވެ. ޒިޔާރަތުގައި ރާނާފައި ހުރި ދެ ބިސްތާނު ވެސް ހުރީ "ފުނޑެން" ގާތްވެފައެވެ. ވަންނަން ހުރި ދޮރު ފަތް ވެސް މިހާރު އެ ބޭނުމަކަށް ނުފުދެއެވެ. މުޅި ތަނުން ފެންނަނީ އަޅާލުމެއް ނެތުމުގެ ނިޝާންތަކެވެ.

ވިސްނަންޖެހޭ ކަމަކީ މިއީއެވެ. މަޑުމަޑުން ވީރާނާވަމުން، ފޮހެވެމުން އެ ދަނީ ހަމައެކަނި އެ ބިނާތައް އެކަންޏެއް ނޫނެވެ. އެ ހަނދާންތަކާއި، އެ ވާހަކަތަކާއި، އިބުރަތްތަކާއި، ފިލާވަޅުތައް ވެސްމެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.