ނައީމާގެ ހަށިގަނޑު ވަޅުލައިފި، މަރާ ގުޅޭ މައުލޫމާތެއް އެނގޭނަމަ ހިއްސާކުރަން ފުލުހުން އެދިއްޖެ

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށް މިއަދު ހަވީރު 5:20 ގައި ވަނީ ވަޅުލާފައެވެ.

މަރުވެފައި އޮއްވާ ފެނުނު ނައީމާ މޫސާ

ނ. އަތޮޅު މަނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ދޮށީ އުމުރުގެ އަންހެން މީހާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެކަން ފުލުހުންނާއި ހިއްސާ ކުރުމަށް އެދިއްޖެ އެވެ.

މަނަދޫގައި މަރާލާފައި އޮއްވާ ފެނުނީ އެ ރަށުގައި އެކަނި ދިިރިއުޅެމުން އައި 62 އަހަރުގެ ނައީމާ މޫސާ އެވެ. ނައީމާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުންނެވެ. ފެނުނުއިރު ހަށިގަނޑު ވަނީ ކުނިވާން ވެސް ފަށާފައެވެ.

މަރާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުގަނޑުމަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއް -- މީހަކު / ބަޔަކު މަރާލި ކަަމަށް ބަލައިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

އަދި ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށް މިއަދު ހަވީރު 5:20 ގައި ވަޅުލާފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެކަން ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.