ނަހުލާ އާއި ހުސައިން ހައްދަވަނީ ކިހިނެތް؟

މިހާތަނަށް ޖޭޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންނާއި ހިލާފަށް ގޮތް ނުނިންމަވާ ތިއްބެވި ބައެއް ބޭފުޅުންގެ ތެރޭގައި އެ ބޭފުޅަކު ނިންމަވާ ގޮތަކުން ސިޔާސީ މައިދާނަށް ހައިރާން ކަން ގެނުވާނެ ބޭފުޅުން އެބަތިއްބެވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ތިން ބޭފުޅުންްގެ ތެރެއިން ގޮތެއް ނުނިންމަވާ ހުންނެވީ ޑރ. ހުސައިން އާއި އައިޝަތު ނަހުލާ: ދެ ބޭފުޅުން ނިންމަވާނެ ގޮތަކަށް އޮތް ޝައުގުވެރިކަން ބޮޑު --

ސެޕްޓެމްބަރު ނުވައެއްގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެ ވާދަ ކުރަން ނިންމުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަން ރޫޅުމުގެ ފަހު މަރުހަލާ ވަނީ ފެށިފަ އެވެ. އާ ދައުރަށް އިންތިހާބު ވުމަށް ރައީސް ސޯލިހަށް އެންމެ މުހިންމީ ޖުމްހޫރީ ޕާޓީއާ ގާސިމް އިބްރާހިމްގެ ތާއީދެވެ. އެ ތާއީދު ލިބިވަޑައި ނުގަތުމުން ކޯލިޝަންގައި ޖޭޕީ ބައިވެރި ކޮށްގެން ކުރިއަށްދާން ވަނީ އުނދަގޫ ވެފަ އެވެ. ރައީސް ސޯލިހް ވެސް ވަރަށް ސާފު އިބާރާތުން އެ ވާހަކަ ވިދާޅުވެއްޖެ އެވެ. 

އަަނެއްކޮޅުން ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށް ވެސް މަގާމުގައި ތިއްބެވެން އޮތީ ރައީސާއެކު ތިއްބަވައިގެންކަން ނުސީދާކޮށް ދަނީ އެ މެސެޖް ދެވެމުންނެވެ. 

އެކަން ވާނީވެސް ހިނގާނީ ވެސް އެހެނެވެ. އެހެން  ވެގެން ވަރަށް ގިނަ ބޭފުޅުންތަކެއް ގާސިމާއި ޖުމްހޫރީ ޕާޓީ ދޫކޮށްލަވައިފި އެވެ. އޭގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި ކުންފުނިތަކުގެ ވެރީންނާއި އެ ނޫންވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅަކު ހިމެނެ އެވެ.

މާބޮޑު ގާބިލް ކަމެއް ތަޖުރިބާއެއް ނެތި ގާސިމްގެ ހިޔަނީގައި މަގާމުތަކަށް ވަޑައިގެންނެވި އެތައް ބަޔަކުވެސް އިހްތިޔާރު ކުރެއްވީ މަގާމުގައި ދެމި ހުންނެވުމަށެވެ. ގާސިމާއި ޖުމްހޫރީ ޕާޓީން ދޫކޮށްލާވެ. މިހާތަނަށް ޖޭޕީ ދޫކޮށްލާ ރައީސް ސޯލިހަށް ބައިއަތު ހިއްޕެވި ގިނަ ބޭފުޅުންގެ ނިންމެވުމާމެެދު މާބޮޑު ހައިރާން ކަމެއް ނެތެވެ. ޖޭޕީއަށްވެސް މާބޮޑު ސިހުމެއް ގެނުވި ކަމަކަށް ނުވި އެވެ. ގިނަ ބޭފުޅުންނަކީ މަގާމަށް ވަޑައިގެންނެވި ފަހުން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނެއް ނޫނެވެ. 

ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަދިވެސް ގޮތް ނުނިންމަވާ ބައެއް ބޭފުޅުން އެބަ ތިއްބެވި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ނިންމަވާ ގޮތެއްގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. މިހާތަނަށް ޖޭޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންނާއި ހިލާފަށް ގޮތް ނުނިންމަވާ ތިއްބެވި ބައެއް ބޭފުޅުންގެ ތެރޭގައި އެ ބޭފުޅަކު ނިންމަވާ ގޮތަކުން ސިޔާސީ މައިދާނަށް ހައިރާން ކަން ގެނުވާނެ ބޭފުޅުން އެބަތިއްބެވި އެވެ.

އެއް ބޭފުޅަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެއީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނެވެ. އަނެއް ބޭފުޅަކީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އެއީ ޖުމްހޫރީ ޕާޓީގެ ފައުންޑަރުންގެ ތެރެއިން ބޭފުޅެކެވެ. މިވަގުތު ހުންނެވީ ގާސިމްގެ އިސް އެޑްވައިޒަރަކަށެވެ. އެއީ ނިމިދިޔަ ދުވަސްތަކުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާ: ނަހުލާ ހުންނެވި ގޮތެއް އަދި ނުނިންމަވާ

މި ދެ ބޭފުޅުންގެ ނިންމެވުން ވާނީ ޝައުގުވެރި ނިންމެވުމަށެވެ. އެ ބޭފުޅުން ނިންމަވާނެ ގޮތެއް އަދި ހާމައެއް ނުކުރައްވަ އެވެ.

އެކަން ހާމަނުކުރެއްވި ނަމަވެސް މިވަގުތާއި ހަމައަށް ނިއުޅި ފެނިފައިވާ މަންޒަރުތަކުން އެ ބޭފުޅުން ނިންމަވާނެ ނިންމެވުމަކާމެދު ކޮންމެވެސް ވަރެއްގެ ތަސައްވުރެއް ލިބެއެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ޖޭޕީން ނިންމި ފަހުން އަދި އިންތިހާބުގައި ވާދަ ކުރެއްވުމަށް ގާސިމް ނިންމެވި ފަހުން ވެސް ޕާޓީގެ ކައުންސިލް ބައްދަލްވުންތަކާއި ހަރަކާތްތަކުގައި ނަހުލާ އާއި ހުސައިން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެކަންކަމަށް ތާއީދުކޮށް ވޯޓް ވެސް ދެއްވާފައި ވެއެވެ.

އަދި ގާސިމް މިހާރު ކުރިއަށް ގެންދަވާ މަޝްވަރާތަކާއި ރިސޯޓްތަކުގައި ކުރިއަށް ގެންދާ ނުރަސްމީ ބައްދަލުވުންތަކުގައި ވެސް ދެ މިނިސްޓަރުން ބަރާބަރަށް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މިއިން ކޮންމެ ބައްދަލު ވުމަކީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތުގެ ބައެކެވެ. އެހެންވީމަ އިއުލާނު ނުކުރެއްވިޔަސް އެ ދެ ބޭފުޅުންގެ ތާއީދު، ރިޔާސީ ރޭހަށް ގާސިމް ނިކުންނެވުމަށް އޮތް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެކަމާއި ގުޅޭގޮތުން ދެ މިނިސްޓަރުން ވެސް އަދި ވާހަކަ ދައްކަވަން ބޭނުންފުޅެއް ނޫނެވެ. ފަހަރުގައި އަދި ތަންކޮޅެއް އަވަހީ ކަމަށްވެސް ވެދާނެ އެވެ.

މަގާމުގައި ހުންނެވުމާ ގުޅޭ ގޮތުން މިނިސްޓަރު ހުސައިންގެ ވިސްނުން ވަރަށް ސާފެވެ. ހުސައިން ވިދާޅުވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް އޭނާ ކެބިނެޓްގައި އިންނެވުމަށް ފެނިވަޑައި ނުގަންނަވާނަަމަ އިސްތިއުފާ ދެއްވަން ފަސްޖެހިވަޑައެއް ނުގަންނަވާނެ އެވެ. ރައީސްގެ ފަރާތްޕުޅުން އިޝާރާތެއް އައުމާއެކު އެކަން ކުރައްވާނެ އެވެ. އެހެންވީމަ މަގާމު ދޫކޮށްލައްވާ ގާސިމާއެކު ހުންނެވުމަށް ނިންމެވުމަކީ ވަރަށް ގާތްކަމެކެވެ. 

ގާސިމާއެކު ހުންނަވާނަމަ މަގާމު ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެކަމަށް ރައީސް އަދި އަންގަވާނެ އެވެ. އިސްތިއުފާ ނުދެއްވައިފިނަމަ ވަކިވެސް ކުރައްވާނެ އެވެ. އެކަމަކު ހުސައިންގެ ވާހަކަފުޅު ހުރި ގޮތުން އެ ހިސާބަކަށް ވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ. 

މިނިސްޓަރު ޑރ. ހުސައިން ރަޝީދު: މަގާމުގައި ހުންނެވުމާމެދު ގޮތް ނިންމަވަން ޖެހޭނެ

ދެން އޮތީ ނަހުލާ އަމަލު ކުރައްވާނެ ގޮތެވެ. ހަގީގަތަށް ބުނާނަމަ މިނިސްޓަރު ކަމުގެ މަގާމަށް ނަހުލާއަށް ވަޑައިގެންނެވުނީ އެންމެ ސަބަބަކާއި ގުޅިގެންނެވެ. އެއީ ގާސިމްގެ އަނބިކަނބަލަކަށް ވެވަޑައިގަތުމެވެ. އެ ނޫން އެއްވެސް ސަބަބެއް ނެތެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ކަަމަށް ވަޑައިގެންނެވުނީ ތަޖުރިބާ އާއި ލިބިވަޑައިގެންފައިވާ ތައުލީމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެންވީމަ ގާސިމަށްޓަކައި ބޭފުޅަކު މަގާމު ދޫކޮށްލައްވާނަމަ އެންމެ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ނަހުލާ އެވެ.

އަނެއްކޮޅުން އިންތިހާބުގައި ވާދަ ކުރައްވަނީ ގާސިމެވެ. އެއީ ނަހުލާގެ ފިރިކަލުންނެވެ. ގާސިމް އިންތިހާބުވެވަޑައިގެންފިނަމަ ގައުމުގެ ފަސްޓްލޭޑީއަކީ އެކަމަނާ އެވެ. ގާސިމްގެ ހަތަރު އަނބިކަނބަލުން ތިއްބެވި ނަމަވެސް ވެރިކަމުގެ ކޮއިލުގެ އެންމެ ކުރީގައި ހުންނަވާނީ އެކަމަނާ އެވެ. މިހާރު ލިބިވަޑައިގެންފައިވާ ބާރާއި މަގާމުގެ އެތައް ގުނައެއް އެ ދުވަހުން އިތުރުވާނެ އެވެ. މި ހުރިހާ ކަމަކަށް އެކަނި ބަލާލުމުން ވެސް ނަހުލާ ނިންމަވާނީ ގާސިމާއެކު ހުންނެވުމަށް ކަމަށް ބެލެވެއެވެ. 

އެ ނޫން ގޮތަކަށް ނިންމަވައިފިނަމަ އެ ނިންމެވުމުން ވަރަށް ބޮޑު ހައިރާން ކަމެއް ގެނުވާނެ އެވެ. ސިޔާސީ ވެރީން ސިޔާސީ ކަންކަމުގައި ކޮންމެ ފަދަ ނިންމެވުމެއް ވެސް ނިންމަވާފާނެއޭ ބުނާ ބުނުމުން މުޅީން އައު ހަރުފަތަކަށް ގެންދާނެ ނިންމުމަކަށް އެ ނިންމުންވާނެ އެވެ.

ނަހުލާއަށްވެސް ގޮތް ނިންމަވަން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ގޮތް ނިންމަވަން ޖެހޭނެ އެވެ. ގޮތް ނިންމަވަން އަންގަވާނެ އެވެ. މިހާރު މި އޮތް ހާލަތުގައި ދެކޮޅަށް ދެ ފައި ލައްވަވައިގެން ނުހުންނެވޭނެ އެވެ. އެއް ރޭ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީން ކެންޑިޑޭޓަކު ނެރެން ވޯޓް ދެއްވާފައި ޖެހިގެން އަންނަ ރޭ ރައީސް ސޯލިހާއެކު ޖަލްސާ ކުރައްވާ އެމަނިކުފާނަށް ތައުރީފު ކުރައްވަން ދެން ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އިންތިހާބުގައި ވާދަކުރައްވާނެ

ޖޭޕީން ވަކިވެ ރައީސާއެކު ހުންނެވުމަށް މިހާތަނަށް ނިންމެވި ގިނަ ބޭފުޅުންނަކީ އެ ޕާޓީއާ މި ފަހުން މާބޮޑު ގުޅުމެއް އޮތް ބޭފުޅުންނެއް ނޫނެވެ. ބައެއް ބޭފުޅުންނަކީ މަގާމަށް ވަޑައިގެންނި ފަހުން ޖޭޕީގެ ރަސްމީ އޮފީހަށް ވެސް ވަދެވަޑައިގެންނެވި ބޭފުޅުންނެއް ނޫނެވެ. މަގާމު ލިބިވަޑައިގަތީ ޖޭޕީން ފަހިކޮށް ދިން ފުުރުސަތެއްގައި ކަންވެސް ހަނދުމަފުޅު ނެތް ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ.

ދެ ތީން ބޭފުޅަކު ޖޭޕީގެ ޖަލްސާތަކާއި ހަރަކާތްތަކަށް މަދުން ނަމަވެސް ވަގުތު ދެއްވާފައިވެއެވެ. އެއް ބޭފުޅަކު ދާދި ފަހުން އޮތް ޖޭޕީގެ ކޮންފަރެންސްގައި ނާއިބު ލީޑަރު ކަމަށް ވާދަކުރައްވާ ނާކާމިޔާބާ ކުރިމަތިލާން ޖެހިވަޑައިގަތެވެ. ފަހުން ޖޭޕީ ދޫކޮށްލެއްވީ ގާސިމްގެ އެޑްވައިޒަރަކަށް ހަމަޖެއްސެވިތާ ސައުވީސް ގަޑިއިރު ނުވަނީހެވެ.

އަނެއްބައި ބޭފުޅުން ޖޭޕީން ވަކިވެވަޑައިގެންނެވީ ގާސިމާއި ޕާޓީއަށް އެކި ތުހުމަތުތައް ކުރައްވާފައެވެ. މިނިސްޓަރު މައުސޫމް އަދި ހިންގެވީ ތަފާތު މަގަކުންނެވެ. ޖޭޕީން ވަކިވެވަޑައެއް ނުގަންނަވައެވެ. ރައީސް ސޯލިހާއެކު ހުންނެވި ކަން ހާމަކުރެއްވީ އެވެ. މަގާމުގައި ދެމި ހުންްނެވުމަށް ނިންމެވީ އެވެ. އެމްޑީޕީގެ ކެމްޕެއިނަށްވެސް ވަޑައިގެންނެވީ އެވެ. އެކަމަކު މިއިން އެއްވެސް ކަމަކުން މާބޮޑު ހައިރާން ކަމެއް ނުގެނުވައެވެ. ހާމަވީ އެފަދަ ބޭފުޅުންގެ ގޮތެއް ނެތް ކަމެވެ. މަގާމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވާފާނެ ކަމެވެ. ހަގީގަތަކީ ޖޭޕީން ވަކިވެވަޑައިގެން ގިނަ ބޭފުޅުން އެ ޕާޓީއާ ގުޅުނީ ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް އެންމެ ފަހި ފުރުސަތު އޮތީ އެ ޕާޓީގައި ކަމަށްވާތީ އެވެ. ގާސިމްގެ ހިތްޕުޅު ހެޔޮ ކަމާއި ފުރުސަތު ދެއްވުމުގައި ދީލަތިކަން އެނގިވަޑައިގަންނަވާތީ އެވެ. ޕާޓީއަށް އޮތް ލޯތްބަކުން ގާސިމަށް ކުރައްވާ ތާއީދަކުން ނޫނެވެ. ގާސިމަށް އެންމެ މުހިންމު ވަގުތު އެ ބޭފުޅުންގެ ކިބައިން އެ ފެނުނީ އެ ހަގީގަތެވެ.

ނަމަވެސް މި ހުރިހާ ބޭފުޅުންގެ ތެރެއިންވެސް މިނިސްޓަރު ނަހުލާ އާއި މިނިސްޓަރު ހުސައިންގެ ނިންމަވާނެ ގޮތެއްގެ ޝައުގުވެރި ކަން ބޮޑެވެ. އެއީ ކުރީން ފާހަގަކުރި ސަބަބުތައް އެގޮތުގައި ހުުރުމުންނެވެ. މީގެ އިތުރުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން / މީޑިއާތަކާ އެކުވެރި އަލީ ސޯލިހްގެ ނިންމެވުންވެސް ޝަައުގުވެރި އެވެ. އޭނާއަކީ ސައިންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވުމަށް ފަހު މިހާރު ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. ދެން ކައުންސިލް ބައްދަލްވުންތަކުގައި ގަވާއިދުން ބައިވެރިވަޑައިގަންނަވަނީ ސްޓެލްކޯގެ ކުރީގެ އެމްޑީ އަދި މިހާރު ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހަސަން މުޣުނީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ އާއި ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އެވެ. މި ތިން ބޭފުޅުންގެ ނިންމެވުންވެސް ކުރީން ގޮތް ނިންމެވި ބޭފުޅުންނަށް ވުރެ މުހިންމުވެފައި ޝައުގުވެރިވާނެ އެވެ.

ކޮމެންޓް

7
450
ޒީނާ
1 year ago

ލިޔުން ވަރަށް ޝައުގުވެރި. އެކަމަކު މި މީހުންގެ ނިންްމުމަށް އަހަރެންގެ ޝައުގުވެރި ކަމެއް ނެތް

ކެލާ އަބްދުއްﷲ
1 year ago

"މިނިސްޓަރު މައުސޫމް އަދި ހިންގެވީ ތަފާތު މަގަކުންނެވެ. ޖޭޕީން ވަކިވެވަޑައެއް ނުގަންނަވައެވެ. ރައީސް ސޯލިހާއެކު ހުންނެވި ކަން ހާމަކުރެއްވީ އެވެ. މަގާމުގައި ދެމި ހުންްނެވުމަށް ނިންމެވީ އެވެ. އެމްޑީޕީގެ ކެމްޕެއިނަށްވެސް ވަޑައިގެންނެވީ އެވެ. އެކަމަކު މިއިން އެއްވެސް ކަމަކުން މާބޮޑު ހައިރާން ކަމެއް ނުގެނުވައެވެ. ހާމަވީ އެފަދަ ބޭފުޅުންގެ ގޮތެއް ނެތް ކަމެވެ. މަގާމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވާފާނެ ކަމެވެ. " މި ހަމަ 100 ގެ ވާހަކައެއް

އެމްއީއެސް ދަރިވަރެއް
1 year ago

މަށަށް އެންމެ ހަޑީ އެ ހަނަފީ އޭ ކިޔާ މީހާ ކަންތައް ކުރި ގޮތް. އެއީ އެމްއީއެސްގައި އުޅުނު އިރުވެސް މާ ބޮޑޭ ވެގެން އުޅުނު މީހެއް. ގާސިމް ނެތް ނަމަ ކިހިނެތް އޭނާއަށް ތަނެއްގެ ވެރިކަން ލިބޭނީ. ހާއްސަކޮށް އިމިގްރޭޝަން. މިއަދު ގާސިމް ބޮލަށް ފައިން އެ އެރީ އެންމެ ހުތުރުކޮށް. ގާސިމްގެ އެޑްވައިޒަރަކަށް ހަމަޖެއްސީ އޭނާ އިންތިހާބުން ބަލިވުމުން އަދި ކަމެއް ކޮށްދޭން ކަމަށް. އެކަމަކު ހުރި ގޮތެއް ނެތްކަން ބަލާ ބަލާށެވެ.

ޝާޒްބެ
1 year ago

ނަހުލާ އާ ހުސައިން ކޮންްމެ ގޮތަކަށް ހެދިއްޔާ އަހަރުންނާ ކީއް ހެއްޔެވެ. ތިޔަ ދެ މީހުންނަށްވެސް މިދިޔަ ހަތަރު އަހަރު ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ނެރެވުނު ނަތީޖާއެއް ނެތެވެ. ދެން ގާސިމާއެކު ކުރެއްވޭނެ ކަމެއް އޮންނާނެ ހެއްޔެވެ. ގާސިމް ވެރިކަމަށް ވަޑައިގެންފިނަމަ ތިޔަ ދެ މީހުންނަށް އަނެއްކާވެސް ބޮޑު މަގާމެއް ލިބޭނެ އެވެ. ރައްޔިތަކަށް ވާނެ މޮޅެއް، ފައިދާއެއް ނޯންނާނެ އެވެ. އެހެންވީމަ ތިޔަ ދެ މީހުން ހަދާ ގޮތެއް ބަލަން ޝައުގެއް ނެތެވެ. ހަދާނެ ގޮތަކަށް ހަދަންވީ އެވެ.

ނަރީމާ
1 year ago

ނަހުލާ ހިތުން އެ ހުންނެވީ ދެކޮޅަށް ފައި އަޅުއްވައިގެން. އަސްލު މަގާމުވެސް ބޭނުންވާނެ. ދެން ގާސިމްގެ މުއްސަދިކަމާއި ތަނަވަސް ކަމުން ގާސިމްގެ އެހީވެސް ބޭނުންވާނެ. ގާސިމް ވެރިކަމަށް އައީމަ އަސްލު ވެރިއަކަށް ވާނީ ނަހުލާ ވިއްޔަ. އެހެންވީމަ އޭނާ ވަރަށް ބޭނުންވާނެ ކަމެއް އެއީ. އެއީ ކޮންމެހެން ގާސިމަށް ހެޔޮ އެދިގެނެއް ނޫން. މި ގައުމަށް ހެޔޮ އެދޭތީއެއްވެސް ނޫން. ނަހުލާއަށް ވާނެ މޮޅަކަށް. އޭނާގެ ބާރު ގަދަވާނެ މިންވަރު އެނގޭތީ.

bakkaaa
1 year ago

ގާސިމަށް ހެޔޮ އެދޭ އެކަކުވެސް ނެތެވެ. ދެން ނަހުލާ ވަކި ހެޔޮ އެދޭނެ ތަ؟ އޭނާގެ ބޭނުމަކީވެސް ގާސިމްގެ މުއްސަދިކަން. ވަށައިގެން މިހާރު އެ އެނބުރޭ އެންމެންގެ ބޭނުމަކީވެސް މުއްސަދިކަމުން ރާހަތެއް ކުރޭތޯ ބެލުން

ވެދުން
1 year ago

ރަނގަޅު ވާހަކައެއް. ވަރަށް ކަމުނުދާ މީހެއް ނަހުލާ މިއީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.