ނަހުލާ ވިދާޅުވާ ގޮތް: ގާނޫނު ބަދަލު ނުކޮށް ވެހިކަލް ތޮއްޖެހުމަށް ހައްލެއް ނެތް

ވެހިކަލް ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން ދިމާވާ ބޮޑު ގޮންޖެހުމަކީ ޕާކް ކުރާނެ ތަނެއް ނެތުމެވެ. އެއް ގަރާޖެއްގައި އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައި އޮތުމުގެ ސަބަބުން ޕާކު ކުރަނީ އެކިފަހަރު އެކި ތަންތަނުގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ވެހިކަލް އެތެރެކުރުން ކޮންޓްރޯކް ކުރަން އޮތް ހައްލަކީ ގާނޫނު އިސްލާހު ކުރުން ކަމަށް ވަނީ ވިދާޅުވެފައި --

އެއްވެސް ލިމިޓެއް ނެތި ވެހިކަލް އެތެރެ ކުރެވޭ ގޮތަށް ދޫދެވިފައި އޮތުމުގެ ސަބަބުން ގްރޭޓާ މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައަށް ހައްލެއް ހޯދޭނެ ގޮތެއް ނެތެވެ. މިކަމަށް އޮތް ހައްލަކީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ. 

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމީޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވި ގޮތުގައި އެކަމަށް ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިހާތަނަށް ކާމިޔާބެއް ނުހޯދެ އެވެ. 

އެކަމަނާ ވިދާޅުވި ގޮތުގައި ގާނޫނުގައި އެއްވެސް ލިމިޓެއް ނެތުމުގެ ސަބަބުން އެކަކު 10 ނުވަތަ 20 އުޅަނދު ވެސް އެތެރެ ކުރެ އެވެ. އެހެންވެ، ގަރާޖު ސިޓީއަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނަށް އިސްލާހު ގެނެސް އުޅަނދު އެތެރެކުރެވޭ މިންވަރު ކޮންޓްރޯލް ކުރުމެވެ.

"އެކަމަށް އޮތް ހަމައެކަނި ހައްލަކީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލުތަކެއް ގެނެސްގެން... އިމްޕޯޓް އެކްސްޕޯޓް ގާނޫނުގަ މަނައެއް ނުއެއް ކުރޭ، ކޮންމެ މީހަކު ވެސް ވެހިކަލް ގެންނަންވީމަ ރާއްޖެ އެތެރެ ކުރަންވީ ވެހިކަލެއް،" ނަހުލާ ވިދާޅުވި އެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް 2020 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީގައި އެދުނެވެ. ނަމަވެސް އެކަމެއް ނުހިނގަ އެވެ. އެހެންވެ ނަހުލާ ވަނީ އެ ކަންބޮޑުވުން ހިއްސާ ކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައު ގާނޫނަށް ހުށަހެޅި އިސްލާހަކީ ފަސް އަހަރުވެފައިވާ އުޅަނދުތައް ރާއްޖެ އެތެރެ ނުކުރުމެވެ. އަދި ވިދާޅުވި ގޮތުގައި އޭނާގެ މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ކަންތައްތަކެއް ހުށަހެޅި ނަމަވެސް، ބޭނުންވާ ގޮތަކަށް އެކަމެއް ނުހިނގަ އެވެ. 

މިނިސްޓްރީގެ ބޭފުޅުން މަޖިލީހުގެ ކޮމެޓީގައި

އުޅަނދު އެތެރެ ކުރުމަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ސެޓްފިކެޓް އޮފް އެންޓައިޓްލްމެންޓް ތައާރަފް ކުރަން މީގެ ދެ އަހަރު ކުރިން ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެކަމަކު މިނިސްޓްރީން އެދުނު ގޮތަށް އެކަން މިހާތަނަށް ވެފައެއް ނުވެ އެވެ.

ސެޓްފިކެޓް އޮފް އެންޓައިޓްލްމެންޓް - އެއީ އަހަރަކު ވަކި ވަރަކަށް ވެހިކަލް އެތެރެ ކުރަން ކަނޑައަޅައި އެޔަށް އަގެއް ނެގުމެވެ. އޭގެ ދަށުން އުމުރު ހަމަވާ އުޅަނދުތައް އުވައިލެވޭނެ އެވެ. އެއަށް އަމަލު ކުރަން ފެށުމުން މާލެ ސަރަހައްދުގައި ކޮންމެ އަހަރަކު ވެސް ވެހިކަލް ދުއްވޭނީ ކަނޑައަޅާފައިވާ މިންވަރަކަށެވެ. އެއަދަދު ކަނޑައަޅާނީ މަގުތައް ބޭނުންކުރާ އަދަދަށާއި، ޕާކިން ސްލޮޓްތަކަށް ވެސް ބަލައިގެންނެވެ. ރަޖިސްޓްރީ ކޮށްފައި ހުންނަ އުޅަނދުތަކުގެ އުމުރު ހަމަވުމުން އެ އުޅަނދުތައް އުވައިލެވޭނެ އެވެ. އެއާއެކު އަނެއްކާވެސް އިތުރު އުޅަނދު އެތެރެ ކުރަން ކޯޓާ ލިބިގެން ދާނެ އެވެ.

"ކެބިނެޓް ޕޭޕާ ހުށަހަޅައި އެ ޕޭޕަރަށް ގޮތެއް ނުނިމި ވަނީ. ސެޓްފިކެޓް އޮފް އެންޓައިޓްލްމެންޓެއް ތައާރަފް ކޮށްގެންތޯ ކުރިއަށް އޮތް ތަނުގަ ގްރޭޓާ މާލެ ސަރަހައްދުގެ ވެހިކަލްތައް ރަޖިސްޓްރީ ކުރަމުން ގެންދާނީ... އެކަން އެގޮތަށް ކުރެވުނީމަ ގަރާޖުގެ ބޭނުމެއް ނޯންނާނެ،" ނަހުލާ ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ގާނޫނަށް އިސްލާހު ގެންނަން ވެސް ވަނީ އެދިފަ އެވެ. 

މާލޭގައި ވެހިކަލް ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާކް ކުރާނެ ތަނެއް ނެތުމެވެ. ހާއްސަ ގޮތެއްގައި އެއް ގަރާޖެއްގައި އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައި އޮތުމުގެ ސަބަބުން ޕާކުކުރަނީ އެކިފަހަރު އެކި ތަންތަނުގަ އެވެ. އެ ވެހިކަލްތައް ޕާކު ކުރަނީ ރަޖިސްޓްރީ ކޮށްފައިވާ ތަނުގައިތޯ ބަލައި މޮނީޓާ ނުކުރާތީ މަޖިލީހުގެ ކޮމެޓީގެ މެމްބަރުން ކަންބޮޑުވުން ހިއްސާ ކުރެއްވި އެވެ. ނަމަވެސް މިނިސްޓްރީން ބުނަނީ ގަރާޖާ ބެހޭ އެއްވެސް ކަމެއްގައި މިނިސްޓްރީގެ ދައުރެއް ނޯވެ އެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.