އޮޅިގެން ދެވުނު ކޮވިޑް އެލަވަންސް ފައިސާ ދައްކަން އަންގައިފި

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ ބައެއް މީހުންނަށް ގުޅާ އިންކަމް ސަޕޯޓް އެލަވަންސް ޖަމާކޮށް ދެވުނީ އޮޅިގެން ކަަމަށް ބުނެ އެ ފައިސާ ދެއްކުމަށް އަންގާފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ވަޒީފާ ގެއްލި އާމްދަނީ ލިބުން ހުއްޓުނު މީހުންގެ ތެެރެއިން އިންކަމް ސަޕޯޓް އެލަވަންސް ޖަމާކޮށް ދިން ބައެއް މީހުންނަށް އެ ފައިސާ ދެވިފައިވަނީ "އޮޅުމަކުން" ކަމަށް ބުނެ އެ ފައިސާ ދައްކަން އަންގަން ފަށައިފި އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ލިބުނު ބައެއް މީހުން ވަނީ އެކަން "މި" ނޫހަށް ހިއްސާކޮށްފައެވެ. އެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ ބައެއް މީހުންނަށް ގުޅާ އިންކަމް ސަޕޯޓް އެލަވަންސް ޖަމާކޮށް ދެވުނީ އޮޅިގެން ކަަމަށް ބުނެ އެ ފައިސާ ދެއްކުމަށް އަންގާފައެވެ. އަދި މިއަދު މިނިސްޓްރީ މެދުވެރިކޮށް އީ-މެއިލް އަކުން އެކަން ވަނީ އަންގާފައެވެ.

"މި" ނޫހާ މައުލޫމާތު ހިއްސާކުރި އއ އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހަކު ބުނީ އިކޮނޮމިކް މިނިސްޓްރީން އިއްޔެ އޭނާއަށް ގުޅި ކަމަށާ އަދި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ނޮވެންބަަރު މަހު އޭނާއަށް އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވަނީ "އޮޅިގެން" ކަމަށް ބުނެފައިވާ ކަމަށެވެ.

އެ އެލަވަންސްއަށް އޭނާ ހުށައެޅީ ރިސޯޓްގައި އަދާކުރަމުން ދިޔަ ވަޒީފާ ގެއްލިގެން ކަމަށާ ހުރިހާ ލިޔެކިޔުންތަކާއެކު ހުށައެޅުމުން ދެ މަހަށް 10،000 ރުފިޔާ ޖަމާކޮށް ދިނުމަށް ފަހު އޭގެ ދެތީން އަހަރު ފަހުން އެއީ އޮޅިގެން ޖަމާކޮށްފައިވާ ފައިސާ ކަމަށް އަންގާ އެ ފައިސާ އަނބުރާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑު އެއީ ކީއްވެގެންތޯ އެހުމުން މި ބުނަނީ އެ މުއްދަތުގައި ވެސް އެބަހުއްޓޭ ރިސޯޓަށް އަޅުގަނޑު ތަރުކާރީ ވިއްކާ އާމްދަނީ ހޯދާފައި. އެކަމަކު ބަންދުކޮށް ހުރިހާ މުވައްޒިފުން ފޮނުވާލާފައިވާ ރިސޯޓަކަށް އަޅުގަނޑު ތަރުކާރީ ވިއްކާނީ ކިހިނެތްތޯ. އަނެއްކާ ތިން އަހަރުވާން މި ދަނީ އެ ފައިސާ ޖަމާކުރި ފަހުން. އަޅުގަނޑުގެ ސުވާލަކީ އޮޅިގެންކަން އެނގެންވީ މިއަދު ހޭ،" 

އޭނާއަށް މިއަދު މިނިސްޓްރީން ވަނީ މެއިލް މެދުވެރިކޮށް ސިޓީއެއްވެސް ފޮނުވާފައެވެ. ސިޓީގައި ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށައެޅި ފޯމްގައި އިތުރަށް ލިބެމުންދިޔަ އާމްދަނީއާ ގުޅޭ މައުލޫމާތެއް ހާމަކޮށްފައި ނެތް ކަމަށާ އެހެން ކަމުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުގައި ޖަމާކޮށްދިން 10،000 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގަައި ދެއްކުމަށެވެ. އަދި އެ މުއްދަތުގައި ފައިސާ ދައްކަން އުނދަގޫ ނަމަ މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ޕޭވްމަންޓް ރިފަންޑް ޝެޑިއުލެއްގެ ދަށުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަަށެވެ. އެ ގޮތުން ތިން މަހަށް ބަހާލައިގެން ކޮންމެ މަހަކު 3،333 ރުފިޔާ ދެއްކުމުގެ ފުރުސަތު ދެއެވެ.

މިނިސްޓްރީގެ ޕްރޮގްރާމް ޑިރެކްޓަރު ޝުހާދު އިބްރާހިމް ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ފައިސާ ނުދައްކާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަަމަށާ މައްސަލަ ޝަރުއީ މަރުހަލާއާ ހަމައަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.