ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދޭކަށް ނުޖެހޭ، ރައީސަށް ވަކިވެސް ނުކުރެވޭނެ: ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގަައި ސަރުކާރު މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ތާޒުފުޅުން ދެއްވާ މަގާމެއް ނޫނެވެ. މަގާމުގައި ތިއްބެވީ އެމްޑީޕީ އިން ހުށައެޅި ބޭފުޅުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު: ރައީސަށް ފާޑުވިދާޅުވި

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ އެއްވެސް މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށާ ރައީސުލްޖުމްހޫރިއްޔާ އަށް އެ ބޭފުޅުން މަގާމުތަކުން ވަކިވެސް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް / އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ މި ވާހަކަފުޅު އައީ އެމަނިކުފާނު ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ކުރީން ހާއްސަކޮށްފައި އޮތް "އެމްއެން އަންއޮފިޝަލް - މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ފަހުން ވަނީ "އަނެއް ދިވެހިރާއްޖެ" ނަމުގައި ހިންގާ މި އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

މިރޭގެ ޓްވީޓްގައި ވިދާޅުވީ ސަރުކާރު މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ތާޒުފުޅުން ދެއްވާ މަގާމެއް ނޫން ކަމަށެވެ. މަގާމުގައި ތިއްބެވީ އެމްޑީޕީ އިން ހުށައެޅި ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

"އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބޭފުޅުން ވަކިވެސް ނުކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއްވެސް ނޫން ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މި މޭރުމުން ޓްވީޓެއް ކުރެއްވި ސަބަބެއް ސާފެއް ނޫނެވެ. ބެލެވޭ ގޮތުން ސަރުކާރުގައި ތިއްބެވި ނަޝީދުގެ ވަފާތެރި މެންބަރުން މަގާމުތަކުން ވަކިކުރެއްވުމުގެ ސިގްނަލެއް އެމަނިކުފާނަށް ކޮންމެވެސް ސިފައެއްގައި ލިބިވަޑައިގަތީ އެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ އެއްވެސް މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށާ ރައީސުލްޖުމްހޫރިއްޔާ އަށް އެ ބޭފުޅުން މަގާމުތަކުން ވަކިވެސް ނުކުރެވޭނެ ނަޝީދު ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ނިންމުމާއި ހިލާފަށް ނަޝީދު އިސްވެ އެމްޑީޕީގެ ނަމުގައި ރޭ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކޮށްފައި ވަނިކޮށެވެ. އެ މަޝްވަރާތަކުގައި ނަޝީދުގެ ފަރާތްޕުޅުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަށްވެސް މަގާމުތަކުން ވަކި ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ކޮންމެ ވަގުތަކު އެ ބޭފުޅުން މަގާމުތަކުން ވަކި ކުރެވިދާނެ އެވެ. އެ މަގާމުތަކަށް އެ ބޭފުޅުން އައްުޔަން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ އިހްތިޔާރާއި ބާރުގެ ދަށުން އެމަނިކުފާނު ހަވާލު ކުރައްވަވާ މަސްއޫލިއްޔަތެއް އަދާ ކުރެއްވުމަށެވެ. އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ގަބޫލު ކުރެއްވޭނަމަ ރައީސަށް އެ ބޭފުޅުން މަގާމުތަކުން ވަަކިކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.