ރޯދަ ވިޔަފާރި ކޮށްލަން ރޭ ނުކުތް މީހުން މަދުތަ؟

މާލޭގެ ފިހާރަތަކުން ރޭ ފެނިގެން ދިޔައީ ދިވެހިންގެ ވިޔަފާރި ކުރުމުގެ ޓްރެންޑަށް ބަދަލެއް އައިސްފައިވާ ތަނެވެ. މީގެ ސަބަބަކީ ކޮބައި ހެއްުޔެވެ؟ އޭގެ އެއް ސަބަބަކަށް އިންފްލޭޝަނަށް އައިސްފައިވާ ބަދަލު ވެދާނެ އެވެ.

ރޯދައިގެ ފުރަތަމަ ދުވަހުގެ ރޭގެ ވިޔަފާރި ފިހާރައެއްގައި ކުރަނީ

ރޯދަ މަސް ފެށެން އޮންނަ ރެއަކީ ވިޔަފާރިވެރިންގެ "އީދު ފެށޭ" ރެ އެވެ. އެ ރޭ އެކަނި މާލޭގެ ބޮޑެތި މާޓުތަކުން މިލިއަނުން ސޭލްސް ފައިސާ ވަތްގަނޑަކަށް ޖަމާ ކޮށްލާނެ އެވެ. އަދި މި ވިޔަފާރިއަށް ނުކުންނަ މީހުންނާއެކު މާލޭގެ މަގުތައް ފުރި ފިހާރަތައް އޮންނާނީ ތޮއްޖެހިފަ އެވެ. 

މި ވޭތުވެދިޔަ ދެ އަހަރު ވެސް މިކަން އޮތީ މިގޮތަށެވެ. ނަމަވެސް ރެއަކީ މިދިޔަ ދުވަސްތަކާ މުޅިން ތަފާތު ފަހަރެކެވެ. މާލޭގެ ބޮޑެތި މާކެޓުތަކަށް ގޮސް ބަލައިލުމުން ފާހަގަވީ ފުރަތަމަ ރޭގެ ވިޔަފާރިއަށް ނުކުމެ ތިބި މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. މީގައި ސަބަބެއް ވާނެ އެވެ. އެ ސަބަބު ކުރިމަތިވާން ދިމާވި ކަމެއް ވެސް އޮންނާނެ އެވެ. ރޯދައިގެ ފުރަތަމަ ރޭގެ ވިޔަފާރިއަށް ނުކުން ބޯ މަދުކަމަށް ފެނުނީ ކީއް ވެގެން ހެއްޔެވެ؟ 

"މި" ނޫހުން ރޭ މާލޭގެ ހުރިހާ ބޮޑެތި ފިހާރަތަކަށް ގޮސް ބެލުމުން އެކަން ފާހަގަވި އެވެ. ހަމަ ނުކުތް މީހުންގެ އަދަދު މަކެވެ. 

މިކަން ދިމާވެދާނެ ސަބަބެއް ކަމަށް ވިޔަފާރިވެރިން ދައްކާ ވާހަކަ ތަފާތެވެ. ބައެއް ވިޔަފާރިވެރިން މީހުން މަދު ކަމަށް ގަބޫލެއް ނުކުރެ އެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް ރިޓެއިލް ވިޔަފާރި ކުރާ ރެޑްވޭވް ކުންފުނީގެ ބޮޑު އޮޕަރޭޝަން ހެޑްކުރާ، މެނޭޖަރު  ވިދާޅުވި ގޮތުގައި މީހުން މަދުކަމަށް ދައްކާ އެއް ސަބަބަކީ މި އަހަރުގެ ރޯދަ އެލަވަންސާއި މުސާރަ ލިބި ގިނަ ދުވަސްތަކެއް ވެފައިވުމެވެ. އެހެންވެވުމުން މުސާރަ ޖަމާވި ދުވަހުން ފެށިގެން ގިނަ މީހުން ވިޔަފާރި ކުރަމުން ގޮސްފައިވެ އެވެ.

"ރެޑްވޭވަށް ގާތްގަނޑަކަށް އެއް ވާނެއްގައި މި މަހު މި އޮންނަނީ. ހަމަ އޮބި ނޯވެގެން މިދަނީ. އެހެންވެ ވެދާނެ މިރޭ [ރޯދައިގެން ފުރަތަމަ ރޭ] މީހުން މަދު ކަމަށް ފެންނަ ސަބަބެއް ކަމަށް،" ރާއްޖޭގެ އެންމެ ގިނަ މީހުން ވިޔަފާރިކުރާ ކުންފުނި ރެޑްވޭވް އިން ވާހަކަ ދެއްކެވި އަލީ ވިދާޅުވި އެވެ. 

މުޅި ދުނިޔޭން ފާހަގަވީ ކަމެއް

މި ބަދަލީ ހަމައެކަނި ރާއްޖޭން އެކަނި ރޭ ފެނުނު މަންޒަރެއް ނޫނެވެ. މުސްލިމް ބޮޑު ކޮމިއުނިޓީތައް ދިރިއުޅޭ އިނގޭސި ވިލާތާއި މެދުއިރުމަތީގެ ގައުމުތަކުން މޯލްތަކުގައި ވެސް މި ޓްރެންޑް ރޯދައިގެ ފުރަތަމަ ދުވަހުގެ ވިޔަފާރިން ފާހަގަވި ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އެގޮތުން ލަންޑަންގެ މުސްލިކް ކޮމިއުނިޓީ އެންމެ ބޮޑު ސަރަހައްދުތަކުގެ މޯލްތައް ރޯދައިގެ ފުރަތަމަ ރޭ މިދިޔަ ދެ އަހަރު ފުރިގެންދެ އެވެ. ނަމަވެސް މި އަހަރު އެ ޓްރެންޑް އޮތީ މުޅީން ބަދަލުވެފަ އެވެ. 

ލަންޑަންގެ މަގެއްގެ މަތި ރޯދަ މަސް ފެށޭތީ ޒީނަތްތެރިކޮށްފައި

މުލަ ރޯދައިގެ ރޭގެ ވިޔަފާރިއަށް ނުކުތް މީހުން މަދުކަމަށް ދެއްކިއިރު ވިޔަފާރި ކުރަމުން ގޮސްތިބި މީހުންގެ އަތްމައްޗަށް ބަލައިލުމުން ޑެއިލީ ގުޑްސް ނުވަތަ ގްރޯސެރީސް ގަތުމުގެ ޓްރޭންޑަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެން ރޯދަ މަސްތަކުގައި ރޯދަ މަސް ފެށޭ ރޭގެ ވިޔަފާރިއަށްދާ ގިނަ މީހުން ބަލްކްކޮށް މުދާ ގަނެލަ އެވެ. ނަމަވެސް ރޭ ފެނުނު މަންޒަރަކީ ނިސްބަތުން ހަމަ އެންމެ ރެއަކަށް ބޭނުންވާ ވަރުގެ ކުޑަ މިންވަރެއް ގަތް ގިނަ މީހުންގެ އަދަދު ގިނަވުމެވެ.  

ތަޖުރިބާކާރުންގެ ނަޒަރުގައި ދުނިޔޭގައި ފެންނަ މި ޓްރެންޑަކީ އިންފްލޭޝަންގެ އަސަރު ގޭބިސީ ތަކަށް ކޮށްފައިވާކަމުގެ ހެއްކެވެ. ބައެއް ތަކެތީގެ އަގު ސީދާ ބޮޑު ވެގެން މައްޗަށް ނުދިޔަ ނަމަވެސް ހިދުމަތްތަކާއި އެހެން ގޭގައި ގެންގުޅޭ އެއްޗިހީގެ އަގު މަތިވެގެން ދިއުމުން ރައްޔިތުންގެ ޖީބަށް ކޮށްފައިވާ އަސަރު މިފަދަ ކަންކަމުން ދައްކާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

ދުނިޔޭގައި އޮތް މި މައްސަލަ ރާއްޖެއަށް ނާންނާނެ ސަބަބެއް ނެތެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކާބޯތަކެތީގެ އަގު ވަނީ 7.82 ޕަސެންޓަށް އުފުލިފަ އެވެ. ގާތްގަނޑަކަށް 9.000 އަށްވުރެ ގިނަ މުދާ ހިމަނައިގެން އެ ޑިޕާޓްމަންޓުން ހަދާ ސީޕީއައި ބާސްކާޓުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ފެށުނު ހިސާބު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.9 ޕަސެންޓުގަ އެވެ. އެހެންވެ މިއީ މިހާރުގެ އަގުތަކާ އަޅާ ކިޔާނަމަ 75 ޕަސެންޓުގެ އިތުރުވުމެކެވެ. 

  •  އަހަރު ދުވަހުން އަގު އުފުލުނު ނިސްތަބް 7.8 ޕަސެންޓް
  •  އަހަރު ފެށުނުއިރު ރާއްޖޭގެ އިންފްލޭޝަން 1.9 ޕަސެންޓް
  •  އަހަރު ދުވަހަށް ބަލާނަމަ ބޮޑުތަނުން ވަނީ އުފުލިގެން ގޮސްފަ

އަގުތައް މަތިވެފައިވާ ކަމަށް ހަމައެކަނި ނެރޭ މުދަލުގެ އަގުން ދެއްކި ނަމަވެސް ވިޔަފާރިވެރިން އެކަމާ ދެކޮޅެވެ. އެ މީހުން ބުނާ ގޮތުގައި އެއްޗެއްގެ އަގު މަތިވެގެން ގޮސްފައެއް ނުވެ އެވެ. މަތިވީ ނަމަވެސް މަތިވުމެއް އައިސްފައި ވަނީ ނިސްބަތުން ކުޑަ މިންވަރެކެވެ. މި ވަރަށް އަގު މަތިވެގެން ގޮސްފައިވަނީ ވެސް އިމްޕޯޓަށް ޑޮލަރު ބްލެކް މާކެޓުން ގަންނަން ޖެހުން ފަަދަ ރާއްޖޭގެ އެތެރޭގައި ކުރަން ޖެހޭ އިންތިޒާމްތަކުގެ ސަބަބުންނެވެ. 

އަމިއްލަ އަގު ހެޔޮ ފިހާރަ ހޯދަން ޖެހޭ

ބާޒާރުމަތީގައި ވިޔަފާރި ކުރަން ގޮސް ހުރި މީހަކު : އަގު ހެޔޮ ފިހާރަ އަމިއްލައަށް ހޯދަން ޖެހޭ -- މި

ރާއްޖޭގައި މަމީ ނޫޑުލްސް ވިއްކާ ލިލީ އިންޓަނޭޝަނަލްގެ ވެރިޔާ އާމިރު މަންސޫރު ވިދާޅުވި ގޮތުގައި އެ ކުންފުނިން ޕްރިމިއަލް ގިނަ އުފެއްދުންތަކެއް ރާއްޖެ ގެންނައިރު މި ތަކެތީގެ އަގުތައް ރޯދަމަ އަށް ހާއްސަކޮށް އަގު މަތިކޮށްފައެއް ނުވާނެ އެވެ. 

ދިވެހި ވިޔަފާރިވެރިން ގަސްތުގައި ނޫން ނަމަވެސް ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކާ އަގުތަކުގައި ބޮޑު ފަރަހެއް އެބަހުއްޓެވެ. މިކަން އެނގޭނީ ލިސްޓެއް ހަދައިގެން ގޮސް ފިހާރަތަކަށް ވަދެ ކޮމްޕެއާ ކޮށްލުމުންނެވެ. މި ކޮމްޕެރިޒަން ހަދައިލުމުން އަސްލު ވިޔަފާރި ކުރަން ޖެހޭ ފިހާރަ އެނގޭނެ އެވެ. 

ކުރިން ވާހަކަ ދެއްކެވި ރެޑްވޭވް ކުންފުނީގެ މެނޭޖަރު އަލީ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކަސްޓަމަރުންގެ ގާތު އަބަދުވެސް ބުނަން ބޭނުންވަނީ އަގު ބަލާފަ ވިޔަފާރި ކުރުމަށެވެ. 

"ރެޑްވޭވުގައި އަގު ހެޔޮވާނެ އާއްމު ހުރިހާ އެއްޗެއް. ކަސްޓަމަރުންގެ ގާތުން އަޅުގަނޑުމެން އަބަދުވެސް މި އެދެނީ އަގު ބަލާފަ ގަންނާށޭ. އަމިއްލަ އަށް އަގު ހެޔޮ ފިހާރަ ހޯދާށޭ،" އަލީ ވިދާޅުވި އެވެ. 

ރޯދަ މަހުގަ އޮންނަނީ މުލަ ރޯދަ އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކީ ވެސް ވިޔަފާރި ކުރަން ޖެހޭނެ ދުވަހެވެ. މި ވިޔަފާރި ކުރާއިރު މިހާރު ވިސްނަން ޖެހިފައިވާ ކަމަކީ އަގު ބަލާފައި ގަތުމެވެ. އެންމެ އަގުހެޔޮ ފިހާރަ އަމިއްލަ އަށް ހޯދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.