މާރިޔާ ކުފޫ ހަމައެއް ނޫން، އިސްތިއުފާ ދެއްވާ: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު، އާޒިމާ ވަނީ އަންހެނުންގެ ހައްގުގައި މާރިޔާ އަޑުއުފުއްލެވީ ކޮން އިރަކުތޯވެސް ސުވާލު ކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝަކޫރު: މާރިޔާގެ ވާހަކަތަކަށް އާޒިމާ ރައްދު ދެއްވި

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ލެވެލެއްގައި ކަމެއް ގޯސް ހިނގައިފި ނަމަ އެކަމުގެ ޒިންމާ އެކަމަނާ ބޮލުގައި އަޅުވަނީ "އަންހެނަކަށް ވީތީ" ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ދެއްކެވި ވާހަކަތަކަށް ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝަކޫރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފި އެވެ.

މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން އިދާރާތަކުން ގޯހެއް ހެދުމުން މިނިސްޓަރުގެ ބޮލުގައި ޒިންމާ ނާޅުވާ ކަމަށެވެ. އެކަމަކު އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ލެވެލެއްގައި ކަމެއް ގޯސް ހިނގައިފި ނަމަ އެކަމުގެ ޒިންމާ އެކަމަނާ ބޮލުގައި އަޅުވަނީ "އަންހެނަކަށް ވީތީ" ކަމަށެވެ.

އެކަމަކު އެކަމަނާގެ ޒިންމާގައި ގައުމީ ސަލާމަތް އޮތްކަން އެކަމަނާ ފާހަގައެއް ނުކުރައްވަ އެވެ.

"އައިޖީއެމްއެޗްގެ އޮޕަރޭޝަނެއްގައި ކަމެއް ގޯސްކޮށް ހިނގައިފިނަމަ އެކަކުވެސް ހެލްތު މިނިސްޓުގެ ބޮލުގައެއް ނާޅުވާ! ފުލުހުން ގޯސް ކަމެއް ކުރީމަ ހޯމް މިނިސްޓަރު ބޮލުގައެއް ނާޅުވާ،" އެކަމަނާ ލިޔުއްވާފައި ވެއެވެ.

މާރިޔާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އާޒިމާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިނގައި ދިޔަ ނުރަނގަޅު ހުރިހާ ކަމެއްގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި ހަނދާން ނެތީތޯ ސުވާލު ކުރައްވާފަ އެވެ. އަދި 2014 ވަނަ އަހަރު ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހޮސްޕިޓަލްގެ އިހުމާލުން ބަލި މީހެއްގެ ގަޔަަށް އެއިޑްސް ޖެހިފައިވާ މީހެއްގެ ގައިން ނެގި ލޭ އެޅި މައްސަލާގައި އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް ޝަކީލާގެ އިސްތިއުފާއަށް ގޮވާލެއްވިއިރު އިސްކޮށް ހުންނެވީ މާރިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިމާ ވަނީ އަންހެނުންގެ ހައްގުގައި މާރިޔާ އަޑުއުފުއްލެވީ ކޮން އިރަކުތޯ ވެސް ސުވާލު ކުރައްވާފައެވެ. އަދި މާރިޔާ އަކީ އަންހެނުންނާއި އަންހެން ކުދީންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއްނަމަ މޫނު ބުރުގާ އަޅައިގެން ސުކޫލަށް ދިއުން މަނާ ކުރަން ކުރާ މަސައްކަތާއި ދެކޮޅަށް ތެދުވުމަށް އެދިވަޑައިގެންފަ އެވެ.

"މާރިޔާ ލަދު ގަންނަން ޖެހޭ... މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ކުފޫ ހަމަނުވާ ކަމަށް ގަބޫލުކޮށް އިސްތިއުފާ ދޭން ޖެހޭ،" އާޒިމާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް އަމާޒުުކުރި ހަމަލާއާ ގުޅޭ މައުލޫމާތު މިނިސްޓަރު މާރިޔާއަށް ކުރީން ލިބިވަޑައިގެން ހުންނަވާ އެކަމަށް ފިޔަވަޅު ނޭޅުއްވި މައްސަލަ އާއި އެ މައުލޫމާތު ފުލުހުންނާއި ހިއްސާ ނުކުރެއްވުން ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ. މާރިޔާ މަގާމުގައި ހުންނެވީ ބޭރުގެ "ސްޕޮންސަރުން" ބޭނުން ވާތީ ކަމަށާ އެއީ ގައުމާމެދު ކުލުނެއް ނެތް ބޭފުޅަކު އެ މަގާމުގައި ބަހައްޓަވަން އެ ފަދަ ނުފޫޒުތަކުން ބޭނުން ވާތީ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.