ހަމަތެދެއް | ހުޅުމާލެއަށް ޖައްސާލަން ފެނަކަ ސައީދު 2.8 މިލިއަންގެ ކާރެއް

އުޝާމް ވަނީ ދެ ބިލިއަނުން ދަރާފައި އޮތް ކުންފުންޏެއްގެ ވެރިއެއްގެ އަމަލުތައް މި ގޮތަށް ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު / މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަހްމަދު އުޝާމް އަދި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުތަކެއް ކުރައްވާ ވިލިމާލެ ދާއިރާގެ މެންބަރު / މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަހްމަދު އުޝާމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝައުގުވެރި ވާހަކަތަކެއް ދައްކަަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީން އެޓާނީ ޖެނެރަލްގެ ނާއިބުގެ މަގާމުވެސް ފުރުއްވާފައިވާ އުޝާމް ވަނީ ފެނަކަ ކޯޕަރޭޝަންގައި ބޮޑު ދަރަންޏެއް އޮތްއިރު ކުންފުނީގެ އެމްޑީ އަހްމަދު ސައީދުގެ ބޭނުމަކަށް ބޮޑެތި ހަރަދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއް ކަމަކަށް ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރެއްވުމަށް ސައީދު، އަގު ބޮޑު ކާރެއް ބައްލަވައިގެންފައިވާ ކަމަށެވެ.

އުޝާމްގެ ވާހަކަފުޅުގައި އެއީ ސައީދު އަމިއްލަފުޅު ހަރަދުގައި ބައްލަވައިގެންނެވި ކާރެއް ކަމެއް ނުވަތަ ކުންފުނީގެ ހަރަދުގައި ބައްލަވައިގަތް ކާރެއް ކަމެއް ސާފުކޮށް ވިދާޅެއް ނުވެއެވެ. ނަމަވެސް އުޝާމްގެ ވާހަކަ ބިނާ ކުރެއްވި ގޮތުން ބެލެވެނީ އެ ކާރަކީ ފެނަކައިގެ ހަރަދުގައި ގަތް ކާރެއް ކަމަށެވެ.

ހުދު ކުލައިގެ ވަރަށް ރީތި އެ ކާރުގެ މައުލޫމާތު އޭނާއަށް ދެއްވީ ރަހުމަތްތެރިޔަކު ކަމަށާ އެއީ ތިން މިލިއަނަށް ގަނެފައި އޮތް ކާރެއް ކަމަށް ރަހުމަތްތެރިޔާގެ ފަރާތުން އެނގި ވަޑައިގެންނެވި ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އަދި އެކަމުގެ ހަގީގަތް ބެލި އިރު އެއީ 2.8 މިިލިއަން ހަރަދުކޮށްގެން ގަނެފައިވާ ކާރެއްކަން އެެނގިވަޑައިެގެންނެވި ކަމަށެވެ. 

އުޝާމް ވިދާޅުވީ ދެ ބިލިއަނުން ދަރާފައި އޮތް ކުންފުންޏެއްގެ ވެރިއެއްގެ އަމަލުތައް އެ ގޮތަށް ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"މި ފަހަކުން އަޅުގަނޑު ގޭ ކައިރީ ރައްޓެއްސަކާ ވާހަކަ ދައްކާލަން ހުއްޓާ މިވާ ގޮތަކީ މަގުމަތީން ލާފައި ދަނީ ހުދު ކުލައިގެ ކާރެއް. ސީ ބޯޑެއް ޖަހާފައި އިން ކާރެއް. ވަރަށް ރީތި ކާރެއް. ދެން އަޅުގަނޑު އެ ކާރާ ދިމާއަށް ބަލަހައްޓައިގެން ހުރުމުން އަޅުގަނޑުގެ ރަހްމަތެރިޔާ މި ބުނާ ވާހަކަ އަކީ، 'އުޝާމް އޭ! ކަލެއަށް އެނގޭ ހެއްޔޭ، ތިއީ ކާކުގެ ކާރެއްކަން؟ ކޮން ތަނަކުން ގެނެސްފައި އޮތް ކާރެއްކަން. އަޅުގަނޑު ނޭނގެއޭ ބުނީމަ ބުނީ އެއީ ފެނަކަ ކުންފުނީގެ އެމްޑީ [އަހްމަދު ސައީދު] މާލެއިން ހުޅުމާލައަށް ދަތުރު ކޮށްލުމަށްޓަކައި ގަނެފައި އޮންނަ ކާރެކޭ! ކަލެއަށް އެނގޭހޭ ކިހާ ވަރަކަށް ގަނެފައި އޮތް ކާރެއްކަން. ތިން މިލިއަން ހަރަދުކޮށްފައި ގަނެފައި އޮތް ކާރެކޭ،" އުޝާމް ވިދާޅުވި އެވެ.

އުޝާމު އަދި ވިދާޅުވީ - އުޝާމް ވިދާޅުވި ގޮތުގައި ފެނަކަ ކޯޕަރޭޝަނަކީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވަން އުފައްދާފައި އޮތް ކުންފުންޏެކެވެ. ކޮންމެ އިންތިހާބަކަށް ބަލާލުމެއް ނެތި ރަށްރަށުގައި އެތައް ވަޒީފާތަކެއް އުފައްދަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުން އަމަލު ކުރާ ގޮތެވެ. އޭގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދޭ މިންވަރަށް ކަންކަން ގޮސްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.