ވަކީން ވާދަކުރުމުގެ ހައްގު އޮންނާނެ، ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރެއް ނޯންނާނެ: ގާސިމް

ގާސިމް ހަނދާންކޮށްދެއްވީ 2018 ގެ ރިޔާސީ އިންތިހާބަށް ކޯލިޝަނެއް ހަދަން ޖެހުނު ގޮތެވެ. ވިދާޅުވީ ރިޔާސީ ރޭހަށް ޝައުގުހުރި އެކަމުގެ ވިސްނުން ގެންގުޅުއްވި ކޮންމެ ބޭފުޅަކު އޭރު ހުންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކީން ވާދަކުރާތީ މިހާރު އޮތް ސަރުކާރު ކޯލިޝަން ރޫޅިއްޖެނަމަ / ރޫޅާލައިފިނަމަ ސަރުކާރެއްވެސް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދުވެސް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ސޯލިހް ވަނީ ނިންމަވާފައެވެ. އެމްޑީޕީގެ ޕްރައިމަރީން ކާމިޔާބު ހޯއްދަވާ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުން އެމަނިކުފާނު ވަނީ ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކަށް އައު ކޯލިޝަނެއް އެކުލަވާލެއްވުމަށް ދައުވަތު ދެއްވާފައެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހް ގެންދެވީ ވަރަށް އިތުބާރާއެކު ބޮޑު ކޯލިޝަނަކާއެކު އިންތިހާބަށް ނިކުންނެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެމަނިކުފާނާއި ވާދަވެރި، ރައީސް ނަޝީދާއި ދެކޮޅަށް އެންމެ ބޮޑަށް ބޭނުން ކުރެއްވީވެސް އެކަމެވެ. 

ޕާޓީތަކާއެކު އެއްބަސްވެ ބޮޑު ކޯލިޝަނެއް ނަޝީދަށް ނުހެއްދެވޭނެ ކަމަށާ ބިޔަ ކޯލިޝަނަކާއެކު ނިކުންނަވާ އެއްބުރުން އިންތިހާބު. ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް ކުރީން ހީކުރެވިފައިވާ ގޮތާއި ހިލާފަށް ރައީސް ސޯލިހަށް ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީތަކާއެކު ދެވަނަ ދައުރަކަށް އެކުގައި ކުރިއަށް ދިއުން ވީ އުނދަގޫ ކަމަކަށެވެ. އެމްޑީޕީ އޮތީ ބައިބައިވެފައެވެ. ކޯލިޝަން ތިން ޕާޓީގެ ތެރެއިން ފަސޭހަކާއެކު އައު ކޯލިޝަންގެ ތެރެއަށް ގެނެވުނީ އަދާލަތު ޕާޓީ އެކަންޏެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ނިންމީ ވަކީން ވާދަކުރުމަށެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް މައުމޫންގެ އޮފީސްކޮޅުގައި ބައްދަލްވުމެއް ބާއްވަވާފައެވެ. މިއަދުގެ ބައްދަލްވުމަކީ ގާސިމްގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލްވުމެކެވެ. ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ގާސިމް އާއި މައުމޫންގެ އިތުރުން ފާރިސް އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ގާސިމްގެ ތާއީދެއް ނުލިބުނު

އެ ބައްދަލްވުމަކަށް ފަހު ގާސިމް ވަނީ ޖުމްހޫރީ ޕާޓީން ވަކީން ވާދަކުރުމަކީ އެ ޕާޓީއަށް އޮތް ހައްގެއް ކަމަށް ވިދާޅުވެފައެވެ. އަދި ކޯލިޝަންގައި އޮތް ކޮންމެ ޕާޓީއަކަށް އެ ހައްގު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެކަމާ އަޅުވާ ކޯލިޝަން ރޫޅާނަމަ ސަރުކާރެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ހަނދާންކޮށްދެއްވީ 2018 ގެ ރިޔާސީ އިންތިހާބަށް ކޯލިޝަނެއް ހަދަން ޖެހުނު ގޮތެވެ. ވިދާޅުވީ ރިޔާސީ ރޭހަށް ޝައުގުހުރި އެކަމުގެ ވިސްނުން ގެންގުޅުއްވި ކޮންމެ ބޭފުޅަކު އޭރު ހުންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ. އެހެން ކަމުން އެ ހާލަތު ބަދަލު ކުރަން އޮތް ގޮތަކީ އެންމެން އެކުވެ ކޯލިޝަން ހެދުމެވެ. ނަމަވެސް މިއަދު ހާލަތު އޮތްގޮތް ތަފާތު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންވެސް އެ ގޮތަށް މަސައްކަތް ކުރުމުގެ [ވަކީން ނިކުމެ އިންތިހާބުގައި ވާދަކުރުމުގެ] ހައްގު އަޅުގަނޑުމެން ކޮންމެ ޕާޓީއަކަށްވެސް އެބަ އޮތް. ކޮންމެ ބަޔަކަށްވެސް އެބަ އޮތް. އެހެނޭ ކިޔާފައި މިއަދު ކޯލިޝަން ބްރޭކްވީ [ރޫޅުނީ] އެއް ނޫން. ބްރޭކެއް ނުވޭ. އެހެން ކަމަށް ވަންޏާ އެ ބްރޭކްވާއިރު ސަރުކާރެއްވެސް ނޯންނާނެ. ގަވާމެންޓެއްވެސް ނޯންނާނެ އެނގޭތޯ. އޮވެގެން ނުވާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޖޭޕީގެ ނިންމުމާއެކު ސަރުކާރުގައި ތިބި އެ ޕާޓީގެ މެންބަރުން މަގާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލާފައި ވަނިކޮށެވެ. ބައެއް ބޭފުޅުން ވަނީ ޖޭޕީގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އެހެން ނޫން ނަމަ ހުތުުރު ގޮތަކަށް ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.

ސަރުކާރުން ވެސް ކޯލިޝަންގައި ދެ ރިޔާސީ ކެންޑިޑޭޓަކަށް ނުހުންނެވޭނެ ކަމަށާ އެއީ ވަރަށް ދަތި ކަމަކަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ. އެ މައްސަލާގައި ރައީސް ސޯލިހް، ގާސިމާއި މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.