ADVERTISEMENT

ހިޔާގެ ކުއްޔާ ގުޅޭ އުފާވެރި ހަބަރެއް ދެ މަސްތެރޭ

ރިފާއު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އުފާވެރި ހަބަރަކާއެކު ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ހިޔާ އަވަށައި އެޕާޓްމަންޓްގެ ކުއްޔާ ބެހޭ ގޮތުން ރައީސް މިއަދު ބޭއްވި ބައްދަލު ކުރެއްވުން: މި ބައްދަލު ވުމުގައި ރައީސް ވަނީ ކުއްޔާ ބެހޭ ގޮތުން ރަނގަޅު ގޮތެއް ހަދައި ދެއްވާނެ ކަމަށް ބުނެފައި

ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުގެ ކުއްޔަށް ހެޔޮ ބަދަލެއް ގެނެސް ދެއްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ADVERTISEMENT

އެމަނިކުފާނު މިފަދަ އިޝާރާތެއް ދެއްވީ ހުޅުމާލެ ހިޔާ އަވަށުގެ "ހިޔާ ރައްޔިތުންގެ ގުޅުން" ހަރަކާތުގެ އިސް ބޭފުޅުންނާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ހިޔާ އަވަށަށް ނިސްބަތްވާ ހަތް ޖަމިއްޔާއަކާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އޮތް "ހިޔާ ރައްޔިތުންގެ ގުޅުން" ހަރަކާތަކީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ދައުލަތުގެ އިދާރާތަކާ ބައްދަލުކޮށް އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އުފެއްދި ހަރަކާތެކެވެ.

މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން މި ހަރަކާތުގައި އިސްކޮށް ހުންނެވި އަލީ ރިފާއު ވިދާޅުވީ ބައްދަލުވުމުގައި މައިގަނޑުކޮށް ވާހަކަ  ދެކެވުނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭ ގޮތުންނެވެ. ހިޔާ ސަރަހައްދުގައި ހުރި އިޖްތިމާއީ ހުރިހާ މައްސަލައެއްހެން ގުޅެނީ ކުލީގެ އަގު ބޮޑުވުމާއި ކަމަށް ބައްދަލުވުމުގެ ބައިވެރީން ވަނީ ރައީސަށް ދަންނަވާފަ އެވެ. 

މި ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭ ގޮތުން ސަރުކާރުން ތިން ވިސްނުމެއް ގެންގުޅޭ ކަން ހާމަ ކުރައްވާފަ އެވެ. އެއް ކަމަކީ ލޯނުގެ މުއްދަތަށް ބަލާ ވަކި މުއްދަތަކަށް ކުލި ކުޑަ ކުރުމެވެ. ނުވަތަ ކުލި ދެއްކުމަށް އެންމެ ދަތި މީހުން ދެނެގަނެ އެ މީހުންނަށް ސަބްސިޑައިސް ކުރުމެވެ. ތިންވަނަ ގޮތަކީ ހަމަހަމަ ކަމާއެކު އެންމެނަށް ކުލި ކުޑަކޮށް ދިނުމެވެ.

ހިޔާ ރައްޔިތުންގެ ގުޅުމުން އެދުނީ ހަމަހަމަ ކަމާއެކު އެންމެނަށް ކުލި ކުޑަކޮށް ދިނުމަށެވެ. އެ ނޫން ހައްލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބައިވެރީން ވަނީ ރައީސަށް ދަންނަވާފައެވެ. 

ހިޔާ ފްލެޓްތައް

ރިފާއު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އުފާވެރި ހަބަރަކާއެކު ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި ކުލީގެ މައްސަލައާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކާއި މަޝްވަރާ ކުރެއްވުމަށް ފަހު ގޮތް ނިންމުުމުގެ ކުރީން އަދި ހިޔާ ރައްޔިތުންގެ ގުޅުމާ ބައްދަލުކޮށް މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑުމެން މާޔޫސްކޮށެއް ނުލައްވާ. ރައީސް ސޯލިހް ދެއްވެވީ މުޅީންވެސް އުންމީދު. ވަރަށް އުންމީދީ ބައްދަލްވުމެއް މިއީ،" ރިފާއު ވިދާޅުވިއެވެ.

ހިޔާ ރައްޔިތުންގެ ގުޅުމުން އެދެނީ ފްލެޓްތަކުގެ ކުލި ކިހާ މިންވަރަކަށް ކުޑަވާންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އުންމީދަކީ ހިޔާ ފްލެޓްތަކުގެ ކުލި 5،500 ވުރެ ބޮޑު ނުވުން ކަމަށެވެ.

  •  ހިޔާގެ އާބާދީއަކީ 42،800
  •  ފްލެޓްތަކުގެ ކުއްޔަކީ 8،500 ރުފިޔާ
  •  އެދެނީ 5،500 އަށް ކުޑަކޮށްދޭން
  •  ރައީސް ވިދާޅުވީ ދެ މަސްތެރޭ އުންމީދީ ޖަވާބެއް ދެއްވާނެ ކަމަށް

ހިޔާ ފްލެޓްތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހަކު 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ އެވެ.

ނަމަވެސް އެ އަދަދަކީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށް ބުނެ އެވެ. ކުރީ ސަރުކާރުން ކަނޑައެޅީ 5،500 ރުފިޔާ އެވެ. 

ހިޔާ މަޝްރޫއުގެ ދަށުން 7،000 ފެލްޓް އަޅާފައިވެއެވެ. އެއީ 25 ބުރީގެ 16 ޓަވަރުގައެވެ. އާންމުންނަށް 6720 ފްލެޓް ވަނީ ދޫކޮށްފައެވެ. އެ ފެލްޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ކުލި ނުހިނގާ މުއްދަތެއްވެސް ސަރުކާރުން ދިނެވެ. ނަމަވެސް ފްލެޓްތައް ދިނީ ނުނިންމާ ކަމުން ފްލެޓްތަކަށް ވަންނަން މީހުން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހުނެވެ. ގިނަ ބަޔަކު ފްލެޓްގެ މަސައްކަތް ނިންމީ ލޯނު ނަގައިގެންނެވެ.

އެޗްޑީސީން ބުނި ގޮތުގައި ހިޔާ ފްލެޓަށް ގަވާއިދުން ކުލި ދައްކަނީ 60 ޕަސެންޓް މީހުންނެވެ. 40 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކާއިރު އެއްގޮތަކަށްވެސް ކުލި ނުދައްކާ މީހުން އުޅެެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައިވެސް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު އެވެ.

ކޮމެންޓް

1
450
ނުރަބޯ
5 days ago

ކުލި ކުޑަކޮށްދިނަސް ހިޔާގެ ރައްޔިތުން ސޯލިޙަކަށް ވޯޓެއްނުދޭނެ. އެމީހުންނަށް ޖެއްސި ތަކުލީފް އެމީހުން ދުވަހަކުވެސް ހަނދާނުން ފިލައިގެނެއް ނުދާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.