ރޯދައަށް ކަނޑޫދޫ ތައްޔާރު: ކާން ކެރޭ ބަޔަކަށް މިރުސް ލިބޭނެ

ތ. ކަނޑޫދޫ ދަނޑުވެރިން އަދި ތިބީ މޫޅީން ގަދަކޮށެވެ. ދަނޑުތައް އޮތީ ފެހިކޮށެވެ. މުޅި ރަށުން ދޭ ޔަގީން ކަމަކީ މި ފަހަރު ރޯދަމަހު މިރުހަކަށް ނުޖެހޭނެ އެވެ. ކާން ކެރޭ މީހަކަށް މިރުސް ހުސް ނުވެ ލިބޭނެ އެވެ.

ކަނޑޫދޫގެ މިރުސް ދަނޑުތައް؛ ރޯދައަށް އެ ރަށުގެ ދަނޑުވެރިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި -- މި

މުހައްމަދު ޔަމީންގެ ރިޕޯޓް ކުރުމެއް: ތ. ކަނޑޫދޫން، 

ކޮޅާކޮޅު ނުފެންނަ ހިސާބު، ސަރާސަރަށް ދަމާލާފައި އެވަނީ މިރަށް، ތ. ކަނޑޫދޫގެ މަޝްހޫރު މިރުސްދަނޑު ތަކެވެ. މާލޭގެ ބާޒާރުގައި މުޅި ރާއްޖޭގައި ވެސް އެންމެ މަގުބޫލު މިރުހުގެ ބްރޭންޑުގެ އުފެއްދުންތެރިކަން ފެށޭ ހިސާބަކީ މިއީ އެވެ.

ކޮންމެ އަހަރަކު ވެސް، ހާއްސަކޮށް ރޯދައާ ދިމާކޮށް ކަނޑޫދޫ މިރުހުގެ ޑިމާންޑު އެތައް ތަނަކުން އިތުރު ވެއެވެ. ބައެއް އަހަރުތަކުގައި ކަނޑޫދޫ މިރުހުގެ އަގު ރަނަށް ބަދަލު ވެއެވެ. އެހެންކަމުން، ގިނަ ބަޔަކު ރޯދަޔާ ދިމާކޮށް ކުރާ އެއް ސުވާލަކީ މި ފަހަރު މިރުހުގެ އަގު ކިހާވަރަކަށް އަރާފާނެތޯ އެވެ؟ 

ކަނޑޫދުއަށް ލަފައި މި ރަށުގެ ދަނޑުވެރިންނާ ވާހަކަ ދެއްކުމުން އެނގެނީ މި އަހަރު ވެސް ސަޕްލައި ހިފަހައްޓާލެވޭނެ ކަމުގެ ޔަގީންކަން އެމީހުނަށް އެބައޮތް ކަމެވެ. ކަނޑޫދޫ ކައުންސިލުގެ ނައިބު ރައީސް އިލްޔާސް މަހުމޫދު ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު އެކަނި ވެސް ޓަނަކަށް ވުރެ ގިނަ އަދަދެއްގެ މިރުސް އެރަށުން ބޭރު ކުރި އެވެ. 

"އެންމެ ދަށްކޮށް ދާއިރު ވެސް 500 ކިލޯ މިހާރު ބޭރު ކުރެވޭ. އެއަށްވުރެ ވެސް ރަނގަޅަށް މިހާރު މިދަނީ،" އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ތިން ދުވަހުން އެއް ދުވަހު މިރުސް ޝިޕްމަންޓެއް އެރަށުން މިހާރު ބޭރު ކުރަމުން ދެއެވެ.

މިރަށު މީހުންގެ ވާހަކަތައް ޔަގީން ކޮށްލަން ދަނޑުތަކަށް ދިޔައިރު ގަސްތަކުގެ ސިއްހަތު ރަނގަޅެވެ. މިރުސް އޮތީ އަޅާ ބަރާވެ ފައެވެ. ދޮންވެ ފައްކާވެފަ އެވެ. ދަނޑުތަކުންނާއި، ދަނޑުވެރިންގެ ފަރާތުން ލިބުނު ޔަގީން ކަމަކީ ޑިމާންޑު މަތިވެގެން މިރުހުގެ އަގު މަތިވި ނަމަވެސް، ސަޕްލައިއަށް އެއްވެސް ބުރުލެއް މި އަހަރު ވެސް ނާރާނެ އެވެ.    

ކަނޑޫދޫގެ މިރުސް ދަނޑެއްގެ ގަހެއްގައި އިން މިރުހެއް؛ ރޯދަޔަށް އެ ރަށުގެ ދަނޑުވެރިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި -- މި

ކަނޑޫދޫ ދަނޑުވެރިންގެ ކަންބޮޑުވުން

ރާއްޖޭގައި މިރުސް ހައްދަނީ ހަމައެކަނި ކަނޑޫދޫއަކު ނޫނެވެ. އެހެން ރަށްރަށުގެ "ބްރޭންޑު" މިރުހުގެ އުފެއްދުންތެރިކަން ވެސް ބާޒާރުން ޖާގައެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ. އެކަމަކު މި ރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުމަކީ މިރަށުގެ ބްރޭންޑު ބޭނުން ކޮށްގެން އެހެން ބާވަތްތަކުގެ މިރުސް ވިއްކަމުން ދިޔުމެވެ. މި ރަށުގެ ގިނަ ދަނޑުވެރިން ކިޔައިދިން ގޮތުގައި ނަހަމަގޮތުގައި އެފަދަ ކަންކަން ކުރުމުގެ ނޭދެވޭ އަސަރު ކޮންމެ އަހަރަކުވެސް ރަށުގެ މިރުސް ވިޔަފާރިއަށް ކުރަމުންދެ އެވެ.

އެހެންވިޔަސް ކަނޑޫދޫ ދަނޑުވެރިން އަދި ތިބީ ގަދަކޮށެވެ. ދޭ ޔަގީން ކަމަކީ މިފަހަރު ރޯދަމަހު ކާން ކެރޭ މީހަކަށް މިރުސް ހުސް ނުވެ ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.