އެޗްޑީސީގެ ޑީއެމްޑީއަކަށް ގައިސް އައްޔަން ކޮށްފި

ކުރީން ގދ. އަތޮޅު ކައުންސިލްގެ މެންބަރުކަން ވެސް ކުރެެއްވި ގައިސަކީ ކުރީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެ މަނިކުފާނާ ވަރަށް އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެވެ.

އަހުމަދު ގައިސް: އެޗްޑީސީގެ އިސް ދެވަނަ މަގާމަށް ވަޑައިގެންނެވި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ކޮމިޝަންގެ މެންބަރު ކަމުން މިދިއަ ޖެނުއަރީ މަހު އިސްތިއުފާ ދެެއްވި އަހުމަދު ގައިސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފި އެވެ. -- އެކަން އޭނާ "މި" ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ. އެކަމަކު އިންޓަވިއެއް ނުދެއްވި އެވެ. 

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ގައިސް އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެއްވި އިރު، ދައުލަތުގެ ބްރޯޑްކޮމް ދޫކޮށްލެއްވުމަށް ފަހު އޭރު ވިދާޅުވީ ދައުލަތުގެ ހިދުމަތުން ދުރަށް ވަޑައިގަތީ ތިން އަހަރެއްހާ ދުވަސްތެރޭގައި ރާއްޖޭގެ ބްރޯޑްކާސްޓްގެ ދާއިރާއަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވުނު ކަމަށް ގަބޫލުފުޅު ކުރެއްވުމާއެކު އެހެން މަސައްކަތަކަށް ވަގުތު ހުސް ކުރައްވަން ކަމަށެވެ. 

އޭނާ އެހެން ވިދާޅުވި ނަމަވެސް އޭގެ ފަހުން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯސް ކުރައްވައި އެ މަނިކުފާނަށް ކެމްޕޭން ކޮށް ދެއްވަން އަމިއްލަފުޅު ރަށް، ގދ. ތިނަދޫއަށް ވަޑައިގެން އިސްވެ އެ ކެމްޕޭނުގައި އުޅުއްވެވި އެވެ. 

ގައިސަކީ ކާކު؟ - ކުރީން ގދ. އަތޮޅު ކައުންސިލްގެ މެންބަރުކަން ވެސް ކުރެެއްވި ގައިސަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި މިހާރު ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ކުރީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެ މަނިކުފާނާ ވަރަށް އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވި ވެސް ބޭފުޅެވެ. އެމްޑީޕީ ރަސްމީކޮށް އުފެދުމުގެ ކުރީން އައި އެމްޑީޕީގެ ހަރަކާތްތަކުން ފެށިގެން އެ ޕާޓީގައި ހުންނެވި ގައިސަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ތިނަދޫ ދާއިރާއިން ރައީސް ނަޝީދުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވެވި އެއް ބޭފުޅެކެވެ.

ސަރުކާރުގެ އެޗްޑީސީގެ އިސް މަގާމަކަށް ގައިސް ވަޑައިގެންނެވި އިރު މިނިވަން ކޮމިޝަން ބްރޯޑްކޮމަށް އޭނާ ލާން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 އިގަ އެވެ. ކޮމިޝަންގެ ނައިބު ރައީސް ކަމަށް އޭނާ އިންތިހާބު ކުރީ ޑިސެމްބަރު 5. 2019 އިގަ އެވެ. ބްރޯޑްކޮމް އިން ގައިސް އިސްތިއުފާ ދެއްވީ ޖެނުއަރީ 8، 2023 ގައެވެ.    

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.