އެއްހާސް ފަހަރުވެސް ބުނަން ތައްޔާރު، ކެންޑިޑޭޓަކީ ޔާމީން: އަބްދުއްރަހީމް

"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތަށް އިރާދަކުރެއްވިއްޔާ މި އިންތިހާބެއް ނޯންނާނެ. އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމޭ އެއްހާސް ފަހަރު ބުނަން ޖެހުނަސް މި ތިބީ ބުނަން ތައްޔާރަށް،"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ އިހްތިޖާޖުގައި ވާހަކަ ދައްކަވަނީ

ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނޯންނާނެ އެއްވެސް ގޮތެއް ނެތް ކަމަށާ އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެއްހާސް ފަހަރު ބުނަން ޖެހުނަސް އެ ވާހަކަ ބުނަން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން މި ވަގުތު ހުންނެވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާށެވެ. ދަށު ކޯޓްގެ އެ ނިމުން ހައިކޯޓްގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ އެވެ. މަތީ މަރުހަލާއިން ރަައީސް ޔާމީން ސަލާމަތްވެވަޑައިނުގެންފިނަމަ މިއަހަރުގެ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އޮތް ހުކުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާ ހާލަތުގައި އެމަނިިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެއެވެ. ޕީޕީއެމް، ޕީއެންސީންވެސް ދެކެނީ އެ ގޮތަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ރަސްފަންނުގައި އޮތް މާހެފުމުގައި ބައިވެރިވެވަޑައިގެން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ދޭތެރޭ ސުވާލު ކުރަން އެހެން ޕާޓީތަކަށް ނުޖެހޭނެ ކަމަށެވެ. އަދި އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާ އެކަން ބަދަލު ނުކުރެވޭނެ ކަމަށްް ވިދާޅުވިއެެވެ.

"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތަށް އިރާދަކުރެއްވިއްޔާ މި އިންތިހާބެއް ނޯންނާނެ. އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމޭ އެއްހާސް ފަހަރު ބުނަން ޖެހުނަސް މި ތިބީ ބުނަން ތައްޔާރަށް،"

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދަށު ކޯޓުން ކޮށްފައިވަނީ އަނިޔާވެރި ހުކުމެކެވެ. އެ ހުކުމަށް ހައިކޯޓް މަރުހަލާ އިން ކާމިޔާބު ކުރެވޭނެ ކަމަށެވެ. ޕީޕީއެމް ޕީއެންސީ މެންބަރުންނާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ މިއީ މާޔޫސްވާން ވީ ވަގުތު ނޫން ކަމަށާ މިއީ ހިތްވަރު ގަދަކުރަންވީ ވަގުތު ކަމަށެވެ.

"ސަރުކާރެއް ފެއިލްވެގެން ދިޔައީ އޭ. އަމިއްލައަށް އަމިއްލަ ގޭތެރޭގައި ތަޅާ ސަރުކާރެއް ބަލިވީއޭ. މިއީ މާޔޫސްވާން ވީ ވަގުތެެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.