އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ލިޔަސް ކަންބޮޑުވުމެއް ނުފިލާ: ނަޝީދު

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

މަޖިލީހުގެ ޖަލްސާއެއް ހިނގަނީ: އިންތިހާބާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުންތަކެއް ވަނީ އުފައްދާފައި

އިންތިހާބާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުން، އެ ގާނޫނުގައި ހުރި ކަންބޮޑުވުންތައް ފިލައިގެން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

އެ ބިލު ހުށަހެޅުއްވުމާއެކު ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއް އެމަނިކުފާނުގެ އަރިހަށް ވަޑައިގަތް ކަމަށެވެ. އަދި ހުށަހެޅިފައިވާ އިސްލާހުތަކަށް އެބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ. 

އެގޮތުން، ގާނޫނާ ގުޅިގެން ހުރި މައްސަލަތަކަށް ހައްލު ގެނެސްފައި ނުވާ ކަން ފާހަގަ ކުރެއްވި އެވެ.

"ހާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުން ކުރުމާ އަދި މީޑިއާ، ދައުލަތުގެ މީޑިއާ ހަމައެކަނި ބޭނުން ކުރަމުން ގެންދިއުން. މި ދެ ކަންތައް އެބޭފުޅުންގެ ކަންބޮޑުވުންގެ ގޮތުގައި ފާހަގަ ކުރެއްވި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެކަންކަމާ ގުޅޭ ގާނޫނީ ފަރުވާ ލިބުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ނަޝީދުގެ އިތުރުން އެ މަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ވަނީ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެއީ މިވަގުތު ބޭނުންވާ އިސްލާހުތަކެއް ނޫން ކަަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އިންތިހާބާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު

ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. ގާނޫނަށް ގެނައި އިސްލާހުގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކޮށްދީފައި ވެއެވެ. 

އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިން ކަމުގައި ކަނޑައަޅާފައި ވެއެވެ.

އެ ބިލުގައި ގާނޫނުގެ 61 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވެ އެވެ. އިތުރުކުރާ މާއްދާގެ. (ހ) ބަޔާން ކޮށްފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 30 ދުވަހުގެ ނިޔަލަށް ވޯޓުލުމުގައި ބޭނުން ކޮށްފައިވާ ލިޔެކިޔުމާއި ތަކެތި ރައްކާކޮށްފައިވާ ބަހައްޓަން ވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި ވަނީ ޝަރުއީ ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ނުވަތަ ކޯޓަށް އިންތިހާބާ ގުޅޭ މައްސަލައެއް ހުށަނާޅާކަން ކަށަވަރު ކުރުމަށް ފަހު އެ މުއްދަތުގެ ފަހުން ގުނާފައިވާ ވޯޓު ކަރުދާސްތައް ނައްތައިލެވޭނެ ކަމަށެވެ.

ކެނޑިޑޭޓުން ރިޝްވަތު ދިނުން ކަނޑައަޅާފައިވާ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރަށް ވެސް އިސްލާހެއް ހުށަހަޅާފައިވެ އެވެ. އެ މާއްދާގައި ބަޔާން ކޮށްފައި ވަނީ އިންތިހާބަށް އިއުލާނުކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުން ފެށިގެން ކެނޑިޑޭޓުންގެ ވައުދުތައް ފިޔަވައި ފައިސާދީ، މަންފާއެއް ހޯދާ ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށެވެ.

އެކަމަކު މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނުގައި އޮތް މުއްދަތު ވަނީ އުނިކޮށްފަ އެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.