"ރުކުބަލި" ފެތުރި، ރުއްތަކު މަތިވަރެއް ނެތް: ކާށި ރަނަށް

ރުއްތަކުގެ މަތިވަރު ހުސްވެ، ފޯދުން މަދުވުމުގެ އަނެއް ސަބަބަކީ ގިނަ ރުއްތައް އުމުރު ދިގުވެ މުސްކުޅިވެ، "މަރުވާން" ކައިރި ވުމެވެ.

ސިނާއީ ރަށް ލ. މާންދޫ ރުއްގަނޑު: މި ދުވަސްވަރު ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ވަނީ އާންމުވެފައި -- ޒޭނާ
  •  ދިވެހި ރުއް އާބާދީ ވަނީ މުސްކުޅިވެފައި
  •  "ރުކުބަލި" ތަކަށް ފަރުވާ ލިބޭނެ ރުކުގެ އާ ޖިލަކުން

ރޯދަ މަސް އޮތީ ބޯމަތީގަ އެވެ. މާލޭ ބާޒާރުގައި ކާށީގެ އަގު ރަނަށް ވެއްޖެ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައި ޖަމާވެފައި އޮތް މާލޭ ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10ރ. އާއި 30ރ. ދެމެދުގައެވެ. ހެޔޮވަރުގެ ކާއްޓެއް ލިބެނީ 25ރ. އަށެވެ. ކާށި މިހުރީ ކުދީންގެ ގޮތު، ރުއް ދަނޑުތަކުގައި ދުވެ ބޮޑެތިވި ރަށްފުށު މީހުން ހައިރާންވާހާ ބޮޑެތި އަގުތަކުގަ އެވެ. 

ކާށީގެ އަގު އުފުލިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުޅާލައިގެން "މި" ނޫހުން ހޯދި މައުލޫމާތުން އެނގުނީ މި ދުވަސްވަރު ދިވެހި ރުއްކަރައަށް ބަލިތަކެއް ޖެހި ހެދިބޮޑުވުމާއި ފޯދުން ހުއްޓިފައިވާ ކަމަށެވެ. ރުއްބައި އެކަން ހަލާކުވަމުދާ ކަމެވެ. އެހެންވެ ކާއްޓެއް ނުލިބެ އެވެ. 

"މިހާރު ވަލަށް ވަނަސް ހޮވާނެ ކާއްޓެއް ނުލިބޭ! ހުރިހާ ހިސާބެއްގެ ހުރިހާ ރުކެއްގެ މަތިވަރު ހުސްވެފައި ހުންނަނީ" އުތުރު ސިޓީ، ހދ. ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރާއްޖޭގެ ދެކުނާއި، މެދު އަތޮޅުތަކުގެ ރަށްތަކުން "މި" ނޫހާއި އިއްޔެ ވާހަކަދެއްކި ގިނަ މީހުން ވެސް ކާށީގެ ވާހަކަ ފަށާ ހިސާބަކީ ހައިރާން ކުރުވާ ބަލިމަޑުކަމެއްގެ ސަބަބުން ދިވެހި ރުއްތަކުން ހަލާކުވެ ކާށިލިބުން މަދުވެފައިވާ ހިސާބުންނެވެ. 

ރުއްތަކަށް ޖެހިގެން އުޅެނީ ކޮން ބައްޔެއް؟

ރާއްޖޭގެ ރުއް އާބާދީގެ ތެރޭގައި މި ދުވަސްވަރު ދެ ބައްޔެއް އެބަ ފެތުރެ އެވެ. އޭގެތެރެއިން އެއް ބައްޔެއް ޖެހުމުން ރުކުގެ ފަންތައް އެއްކޮށް ކަޅުވެ، ހިކިގެން ދެ އެވެ. 

އެގްރިކަލްޗާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ނަސްރުﷲ ހުސައިން ވިދާޅުވި ގޮތުގައި ރުއްތަކަށް "ކަޅު ބަލި" ބަލި ޖެހެނީ ހިސްޕިޓް ބީޓްލް ކިޔާ، ކިރިޔާ ލޮލަށް ފެންނަ ވަރުގެ ކުޑަކުޑަ "ރުކުމަޑިއެއް" ގެ ސަބަބުންނެވެ. އެ ކުޑަ މަޑީގެ ހަމަލާ އަމާޒު ކުރަނީ ދިގު ރުކުގެ ބޮންތިއަށެވެ. 

ހިސްޕިޑް ބީޓްލް: މި ދުވަސްވަރު ރުއްތަކަށް ޖެހޭ ބަލީގައި މި މަޑީގެ ދައުރު ބޮޑު --- ވިކިޕީޑިއާ
ހިސްޕިޓް ބީޓްލް - މި މަޑި އެންމެ ފުރަތަމަ ރާއްޖެއިން ފެނުނީ 1999 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުންނެވެ. އެ ދުވަސްވަރު އެ ރަށާއި ކައިރީ ހުރި ގިނަ ރަށްތަކަށް މި މަޑީގެ އުނދަގޫ ފޯރިއެވެ. އެގޮތުން، ހޮލިޑޭ ރިސޯޓާއި، ވައިޓް ސޭންޑްސް (މިހާރު ލަކްސް އަރި އެޓޯލް) ރިސޯޓުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އދ. އަތޮޅުގެ، މާމިގިއްޔާއި ފެންފުއްޓާއު ދިގުރަށާއި ދިއްދޫ އަދި އޭރު ފަޅު ރަށެއްގެ ގޮތުގައި އޮތް އަރިޔަދޫގެ ރުއްތަކަށް ވެސް އޭގެ އަސަރު ކުރި އެވެ. އެ ދުވަސްވަރު ވަނީ އެ މަޑި ކޮންޓުރޯލް ކުރަބް ބޭސް ޖެހުމުގެ ޕްރޮގުރާމެއް ވެސް ހިންގާފަ އެވެ.

ދެވަނައަށް މި ދުވަސްވަރު އާންމުވެފައިވާ ބަލީގައި ރުކުގެ ފަންތައް ހުދުވެ، އޮލަ ދިޔައެއް ރުކުން ފައިބަ އެވެ. 

ނަސްރުﷲ ވިދާޅުވި ގޮތުގައި ރުކަށް ޖެހޭ ބަލިތަކާއި އަންނަ އާ ބަލިތައް ރާއްޖޭގެ ރުއްތަކަށާއި ގަސްގަހާގެއްސަށް ޖެހެނީ ބޭރުން ގެންނަ ގަސްގަހާގެހީގެ ސަބަބުނެނެވެ. އެގޮތުން ރުއްތަކަށް ޖެހޭ ބަލިތަކެއް އުޅޭތާ އެތައް ދުވަހެއް ވީ ނަމަވެސް މި ދުވަސްވަރު އާދަޔާ ހިލާފަށް "ރުކުބަލި" ގިނަ ވެފައިވެ އެވެ. އެކަން ވަނީ ފާހަގެ ވެފައެވެ.

ފަންތައް ހުދުވާ ބަލި ޖެހިފައި ހުރި ރުކެއްގެ ފަންތައް

މިހާރު ރުއް އާބާދީ މާ މުސްކުޅި!

ރުއްތަކުގެ މަތިވަރު ހުސްވެ، ފޯދުން މަދުވުމުގެ އަނެއް ސަބަބަކީ ގިނަ ރުއްތައް އުމުރު ދިގުވެ މުސްކުޅިވެ، "މަރުވާން" ކައިރި ވުމެވެ.

ރާއްޖޭގައި މިހާރު ހުރި ގިނަ ރުއްތަކަކީ ވަރަށް ދޮށިވެފައިވާ ރުއްތަކެކެވެ. ނަސްރުﷲ ވިދާޅުވި ގޮތުގައި އާންމުކޮށް ދިވެހި ރުކެއްގެ އުމުރަކީ 80 އަހަރާއި، 90 އަހަރާ ދެމެދެވެ. ރުކުގެ އާ ޖީލެއް އާލާ ކުރަން ހަނިމާދޫ އެގްރި ސެންޓަރުގައި އާ މުޑުވަކެއްގެ ރުއްތަކެއް އިންދާ އާލާ ކުރަމުން އެބަދެއެވެ.

"އެތަނުން ރުއްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ވެސް ބަހަމުން މި ދަނީ. މި ޕްރޮގުރާމް ހިންގާތާ ވެސް ދުވަސްކޮޅެއް ވެއްޖެ މިހާރު" ނަސްރުﷲ ވިދާޅުވި އެވެ.

އާ ޖީލުގެ ރުއްތައް ހެދި، ފޯދެން ފެށުމުން މިހާރު ހުރި ގިނަ މައްސަލަތައް ހައްލުވާނެ އެވެ. އަދި މިހާރު ފެތުރެމުންދާ "ރުކުބަލި" ތަކަށް ފަރުވާ ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.