ރައްޔިތުން އެއް އަޑަކުން ގޮވަނީ ގާސިމް ނިކުންނެވުމަށް: ސައުދު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ކޯލިޝަނަކާ ވަކިން ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ ގާސިމަށް ލަފާދީފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

މިއަދު ރައްޔިތުން އެއް އަޑަކުން ގޮވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށް އެ ޕާޓީގެ ނާއިބު ލީޑަރު އަހްމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޯލިޝަނާއި ގާސިމް ގުޅިވަޑައިގަތުމަށް ބާރު އަޅުއްވާ އެމްޑީޕީގެ ބައެއް މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމުން ގާސިމަށް ކުރިމަތިވެވަޑައިގެން ކަންކަން ހަނދާންކޮށް ދެއްވާ އެފަދަ ކަމެއް ތަކުރާރު ކުރެއްވުމަށް ގާސިމް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ފަހަރު އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ކާމިޔާބު ލިބިވަޑައިނުގަތުންވެސް ބައެއް މެންބަރުން ފާހަގަ ކުރައްވައެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ސައުދު ވިދާޅުވީ ކޮންމެ ސަރުކާރެއް ގެންނަން ގާސިމް ގުރުބާންވެވަޑައިގަންނަވާއިރު ވެރިކަން ލިބުމާއެކު ގާސިމް ކޯލިޝަނުން ނެރުއްވާ ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ގާސިމް ނުކުރައްވާ އިތުރު ތަޖުރިބާއެއް އޮތީތޯ އެފަދަ މެންބަރުންނަށް އަމާޒު ކުރައްވާ ސުވާލު ކުރެއްވިއެވެ.

"[ގާސިމަށް] ނުލިބޭ އަނިޔާއެއް އޮތީތޯ. މިއަދު ރައްޔިތުން އެއް އަޑަކުން ގޮވަނީ ޖޭޕީގެ ލީޑަރު [ރިޔާސީ ރޭހަށް] ނިކުންނަން،"

ސައުދު ވަނީ ރައްޔިތުންގެ އެ ގޮވާލުން ހުއްޓުވަން ދެއްކޭނެ ވާހަކައެއް ދެން ނެތީތޯވެސް ސުވާލު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަހްމަދު ސައުދު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ކޯލިޝަނަކާ ވަކިން ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ ގާސިމަށް ލަފާދީފަ އެވެ. ޖޭޕީގެ ލަފާ ހިމެނޭ ގަރާރު ކޮންގްރެސްގައި ފާސް ކުރުމުން ގާސިމް ވަނީ އެ ގަރާރު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެ ގަރާރު ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އޭރު ދެއްވާފައި ވެއެވެ. ގާސިމްގެ އެ އިޝާރާތަކީ ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމުގެ އިޝާރާތަކަށް ވެފައި ވެއެވެ.

ޖޭޕީގެ އެ ގަރާރެއް ފާސް ކޮށްފައި ވަނީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި އެމްޑީޕީގެ ރިޔާސީ ޓީކެޓް ކަށަވަރު ކުރެއްވުމަށް ފަހު ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވައި އެމްޑީޕީން އުފައްދާ ކޯލިޝަންގައި ބައިވެރިވާން ޖޭޕީ އާއި ގާސިމަށް ދައުވަތެއް ދީފައި ވަނިކޮށެވެ.

އަނެއްކޮޅުން ގާސިމާއި ރައީސް ސޯލިހާ ދެ ބޭފުޅުން މިއަދު ވަނީ މަޝްވަރާތަކެއް ބާއްވަވާފައެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޕާޓީގެ ކޮންގްރެހުން ލަފައެއް ދީފައި ވިޔަސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ ތާއީދު ދެއްވާނީ ރައީސް ސޯލިހަށް ކަމަށް އެމްޑީޕީގައި އޮތް ރައީސ ސޯލިހުގެ ފެކްޝަނުން ބުނެ އެވެ.

ރައީސް ސޯލިހާއި ގާސިމްގެ މަޝްވަރާތައް ހިނގާއިރު ގާސިމާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ވެސް އަދި ގާސިމާ ޕީޕީއެމާ ދެމެދުގައި ވެސް އިންތިހާބާ ގުޅޭ މަޝްވަރާތައް ހިނގާ ކަމަށް ވެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.