އެސްއޯއީ ސަބްސިޑީ އަށް ޕަންޕުކުރި ފައިސާ ބޮޑުތަނުން މައްޗަަށް

ސަރުކާރުގައި 31 ކުންފުންޏެއް އެބައޮތެވެ. ސަބްސިޑީ ފައިސާ އިތުރުވާން ޖެހުނު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލިގެން ދިއުމެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުން ބަލާ މަޖިލީހުގެ އެސްއީއޯ ކޮމެޓީން މިއަދު ބައްދަލު ކުރަނީ -- މަޖިލީސް

ސަރުކާރުގެ ބަޖެޓުން މިދިޔަ އަހަރު އެސްއޯއީތަކަށް ދިން ފައިސާގެ އަދަދު 50 ޕަސެންޓަށްވުރެ އިތުރު ވެއްޖެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޖިލީހުގައި ބުނި ގޮތުގައި ސަރުކާރު ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދޭން މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައި އޮތް ނަމަވެސް މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާ ވަނީ ދީފަ އެވެ. 

އިތުރު ތަފުސީލް ދެއްވަމުން ޕީސީބީގެ ފައިނޭންޝަލް އެނަލިސްޓް ފާތުމަތު ސަނާ ވިދާޅުވީ ސަރުކާރުގައި 31 ކުންފުނި އޮތްއިރު ސަބްސިޑީދޭން ވަނީ އިތުރަށް ދީފަ އެވެ. ސަރުކާރު ކުންފުނިތަކަށް ބޮޑު އަދަދެއް ސަބްސިޑައިޒް ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމެވެ.

"އެންމެ ގިނައިން ފައިސާ ދެވިފައިވަނީ އެސްޓީއޯ. އެސްޓީއޯއަށް ބޮޑު އަދަދެއް ދޭން ޖެހުނީ ތެލުގެ އަގު އުފުލުމާއެކު ފިއުލް ސަބްސިޑީ މަތިވެ އިންކްރީޒްވުން. މިދިޔަ އަހަރު 926 މިލިއަން ފެނަކައަށް ވެސް ވަނީ،" ސަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަބްސިޑައިޒް ކުރި އަދަދު އިތުރުވީނަމަވެސް ކުންފުނި ހިންގަން ދިން "ކެޕިޓަލް" ގެ ގޮތުގައި ދިން ފައިސާގެ އަދަދު މަދުވެފައިވާ ކަމަށެވެ.

ބަޖެޓުން ފައިސާ ނުދޭ ކުންފުނިތައް މާރަނގަޅު

ޕީސީބީއިން ބުނި ގޮތުގައި ކޮވިޑް-19 އަށްފަހު ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ފާހަގަ ކުރެވެ އެވެ. މިގޮތުން 2021 ގައި ކުންފުނިތަކަށް 22 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 45 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެންމެ ބޮޑަށް އާމްދަނީ ރަނގަޅުވެފައިވަނީ އެސްޓީއޯ އާއި އެމްއޭސީއެލްގެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ހަތަރު ކުންފުންޏަކުން ނުފޮނުވަ އެވެ. ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ނުފޮނުވާ ކުންފުނިތަކަކީ ފަހިދިރިއުޅުމާއި ޓްރޭޑްނެޓް އަދި އެމްޕީއެލްގެ އިތުރުން ރޯޑްޑިވްލޮޕްމަންޓް ކޯޕަރޭޝަން އެވެ. 

ސަނާ ވިދާޅުވީ ކުންފުނިތަކުގެ އާމްދަނީ އިތުރުވެގެން ދިޔަ ނަމަވެސް ކުންފުނިތަކުގެ ސާފު ފައިދާ އިތުރުވަމުން ނުދާ ކަމަށެވެ.

"ސަބަބަކީ ސަރުކާރުން ކެޕިޓަލް ދީގެން ހިންގާ ކުންފުނިތައް. ގިނަ ކުންފުނިތަކަކީ ގެއްލުންވާ ކުންފުނިތައް. ކޮވިޑަށްފަހު ކުންފުނިތައް ރަނގަޅު ނުހިނގާ. ނަމަވެސް 2022 ގައި ކުންފުނިތައް ހިނގަން ފެށުމާއެކު ހަރަދުތައްވެސް ވަނީ އިތުރުވެފަ. ބައެއް ކުންފުނިތަކަކީ އެކަށީގެންވާ ވަރަށް އާމްދަނީ ޖެނެރޭޓް ނުކުރާ ކުންފުނިތައް. އެހެންވެ ލޮސްވެސް ވަނީ އިތުރުވެފަ،" ސަނާ ވިދާޅުވި އެވެ.

"ނަމަވެސް ކެޕިޓަލް ނުދީ ހިންގާ ކުންފުނިތަކުގެ ޕާފޯމަންސް ވަނީ އިތުރުވެފަ." 

އެސްއީއޯގެ މާލީ އިތުރު ވާހަކަތައް

  •  ޖުމުލަ -- 31 ކުންފުނި
  •  ޖުމްލަ އެސްޓް -- 62.9 ބިލިއަން ރުފިޔާ
  •  ޖުމުލަ އާމްދަނީ 45 ބިލިއަން ރުފިޔާ

ކުންފުނިތަކަށް ބަޖެޓުން ދޭ ފައިސާ

  •  ކެޕިޓަލް ކޮންޓްރިބިއުޝަން -- 868 މިލިއަން
  •  އިލެކްޓްރިކް ސަބްސިޑީ -- 539 މިލިއަން
  •  ފުޑް ސަބްސިޑީ -- 283 މިލިއަން
  •  ފިއުލް ސަބްސިޑީ -- 341 މިލިއަން
  •  ވޭސްޓް މެނޭޖުމަންޓް ސަބްސިޑީ -- 15 މިލިއަން
  •  ޓްރާންސްޕޯޓް ސަބްސިޑީ -- 204 މިލިއަން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.