އިހުތިސޯސްއާމެދު ސުވާލު އުފެއްދުމުން ވަގުތީ އަމުރަށް ގޮތެއް ނިންމުން ފަސްކޮށްފި

ރައީސް ނަޝީދުގެ ފެކްޝަނުގެ ވަކީލުންގެ ގޮތުގައި ކޯޓަށް ވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރެވެ.

ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އަރުވަނީ: ޕްރައިމަރީގެ ނަތީޖާއާމެދު އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދިނުމަށް ރައީސް ނަޝީދު ފެކްޝަނުން ވަނީ އެދިފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ޕްރައިމަރީ ބާއްވަން އަމުުރު ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުން ބެލުމުގެ އިހުތިސޯސް އޮތް މައްސަލައެއް ނޫން ކަމަށް އެޕާޓީން ބުނެފި އެވެ.

މި މައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް މުހައްމަދު ނަޝީދާއެކު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. މައްސަލަ ރައްދުވަނީ އެމްޑީޕީ އަށެވެ. 

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލުކުރި ނަމަވެސް، މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް އޮތް ކަމާމެދު އެމްޑީޕީ އިން ސުވާލު އުފެއްދުމުން މައްސަލަ ހުށަހެޅި ފަރާތުން އެދުނު ވަގުތީ އަމުރާމެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފަ އެވެ.

މަދަނީ އިޖުރާއަތުގެ ދަށުން އެމްޑީޕީގެ ވަކީލުން ކުރި އިއުތިރާޒާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުންނަށް އެކަމަށް ލިޔުމުން ޖަވާބުދާރީ ވާން 10 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ. ގާޒީ ނިންމެވީ ފުރަތަމަ އިހުތިސޯސާމެދު ސުވާލު އުފެއްދުމުން އެކަމަށް ގޮތެއް ނިންމުމަށެވެ. އެގޮތަށް ނިންމީ ޝަރީއަތުގެ މަޖިލީހުން ބޭރުގަ އެވެ.

އެބޭފުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރެދިނުމަށް އެދިފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއިން ލިބުނު ނަތީޖާ ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ. އެ މައްސަލަ ހުށަހެޅި ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުއްވާފަ އެވެ.

މައުލޫއީ މައްސަލައިގައި އޮތީ، ޕާޓީން 39،000 މެމްބަރުން ވަކިކޮށްފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވާތީ، އެ މެމްބަރުންގެ ވޯޓު ދިނުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ. އެހެންވެ އެއީ ސައްހަ ނޫން އިންތިހާބެއް ކަމަށް ކަނޑައަޅައިދީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.

ރައީސް ނަޝީދުގެ ފެކްޝަނުގެ ވަކީލުންގެ ގޮތުގައި ކޯޓަށް ވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު އަދި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރެވެ. ރައީސް ސޯލިހުގެ ފެކްޝަނުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވެސް ކޯޓަށް ވަޑައިގަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.