ސަލަފް ޖަމިއްޔާއަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީން ހިމެނޭ ދީނީ ހަރަކާތްތައް އެންމެ ފުޅާކޮށް ހިންގާ ޖަމިއްޔާ ކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި އެ ޖަމިއްޔާގެ ތާއީދު ހޯދަން ކެންޑިޑޭޓުން މަސައްކަތް ކުރެއެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުން، ޖަމިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
މިއަދުގެ ބައްދަލްވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ސަލަފް ޖަމިއްޔާއިން ބުނި ގޮތުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަން ބައްދަލުކުރަން އެދުމާއި ގުޅިގެން ސަލަފުގެ ރަސްމީ އޮފީހުގައި މިއަދު ވަނީ ބައްދަލުކޮށްފައެވެ.
މިއަދުގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބު ލީޑަރުން ކަަަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ސަލީމް އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އާއި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު އަދި ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ސަލަފުގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް އާއި ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އާއި އިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި އައްޝައިހް އަބްދުއްސަލާމް ދާއޫދް ބައިވެރިވެވަަަޑައިގެންނެވިއެވެ.
ބައްދަލްވުމުގެ ތަފްސީލެއް ނުދިނުމަށް މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓަށް ސަލަފުގެ ތާއީދު ހޯދުމަށް ބޭއްވުނު ބައްދަލްވުއް ކަމަށް ބެލެވެއެވެ.
މީގެ ކުރީން އެމްއެންޕީން އެދިގެންވެސް ސަލަފުގެ އިސް ބޭފުޅުންވަނީ އެޕާޓީގެ ލީޑާޝިޕާ ބައްދަލު ކުރައްވާފައެވެ.
ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރަނީ ސަލަފާއި އެ ޖަމާއަތަށް ނިސްބަތްވާ އިލްމުވެރީންނެވެ. އިސްލާމިކް މިނިސްޓްރީ އިން އެ މަސައްކަތް ހިންގާ މިންވަރަށް ވުރެ ފުޅާ ދާއިރާ ސަލަފުން ދީނީ ދައުވަތުގެ މަސައްކަތް ހިންގައެވެ.
ސަލަފް ޖަމިއްޔާއަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީން ހިމެނޭ ދީނީ ހަރަކާތްތައް އެންމެ ފުޅާކޮށް ހިންގާ ޖަމިއްޔާ ކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި އެ ޖަމިއްޔާގެ ތާއީދު ހޯދަން ކެންޑިޑޭޓުން މަސައްކަތް ކުރެއެވެ.