މަންކީޕޮކްސް އަކީ ސްމޯލްޕޮކްސް އާއިލާގެ ބައްޔެކެވެ. މި ބަލީގެ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ.
ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ނިސްބަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެފައި ވަނިކޮށް ރާއްޖޭގައި ހުރި ބިދޭސީއަކު މަންކީ ޕޮކްސް އަށް ޝައްކު ކުރެވި ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ބިދޭސީ އެމީހާ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކުމުން އެ ހޮސްޕިޓަލުގައި އޭނާ ކަރަންޓީނު ކޮށްފައިވާ ކަމަށް ވެއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ އަންނަ ކަމަށެވެ. އެހެން ނަމަވެސް އެމީހާގެ ގައިން ފެނުނީ މަންކީޕޮކްސް ކަން މިހާތަނަށް ކަށަވަރު ނުކުރެވޭ ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.
މަންކީޕޮކްސް އަކީ ސްމޯލްޕޮކްސް އާއިލާގެ ބައްޔެކެވެ. މި ބަލީގެ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ. މިވައިރަސް ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1970 ވަނަ އަހަރު ކޮންގޯއިންނެވެ. އެފްރިކާގެ ބޭރުން އެންމެ ފުރަތަމަ އިންސާނުންގެ ގައިން މަންކީޕޮކްސް ފެނުނީ 2003 ގައެވެ. ޑަބްލިއުއެޗްއޯ ބުނާ ގޮތުން މިހާތަނަށް މަންކީޕޮކްސްގެ 16،000 އަށް ވުރެ ގިނަ ކޭސް 75 ގައުމަކުން ފެނި ފަސް މީހަކު މަރުވެފައި ވެއެވެ. މަންކީޕޮކްސް އަށް އަދި ހާއްސަ ފަރުވާއެއް ނެތެވެ. މި ބަލި އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ.