ތައުރީފުގައި ރައީސްގެ ނަން ނުހިމެނުއްވި ކަމަށް ބުނާތީ ގާސިމް ރައްދު ދެއްވައިފި

ވަރަށް ދިގުކޮށް އަދި ވަރަށް ގިނަ ސަމާސާ ވާހަކަތައް ހިމަނުއްވައިގެން ގާސިމް މިރޭ ކުރިއަށް ގެންދެވި ތަގުރީރުގައިވެސް ރައީސް ސޯލިހަށް ތައުރީފެއް ނުކުރައްވައެވެ. އެމަނިކުފާނު ގޯހޭ ވިދާޅުވިތޯ ސުވާލު ކުރެއްވި ނަމަވެސް ރަނގަޅެކޭވެސް ވިދާޅެއް ނުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް --

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވި ހުރިހާ ބޭފުޅުންނަށް ތައުރީފު ކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ނުކުރައްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަމާޒު ކުރާ ފާޑުކިޔުންތަކަށް ގާސިމް މިރޭ ރައްދު ދެއްވައިފި އެވެ.

ގާސިމްގެ މި ރައްދު އައީ ގައުމީ ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ ދަރުބާރޭގައި ބޭއްވި ޖަލްސާގައެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ފެށުނު ގައުމީ ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގައި ގާސިމް އިބްރާހިމް ވަނީ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެ ރައީސުން ކޮށްދެއްވާފައިވާ މުހިންމު ބައެއް ހިދުމަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެން ނުވަ މަސް ދުވަހަށް ވެފައިވާއިރު ގާސިމްގެ ތަގުރީރުގައި އެމަނިކުފާނުގެ ސަރުކާރުން ގެނެސްދެއްވި ތަރައްގީގެ އެއްވެސް ވާހަކައެއް ވިދާޅެއް ނުވެއެވެ. އެކަން ފާހަގަކޮށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ބައެއް އާންމުން އެ ވާހަކަތައް ހިއްސާކޮށްފައިވެއެވެ. 

އެފަދަ ވާހަކަތައް ލިޔެފައި ހުރިތަން ފެނިވަޑައިގެން ކަމަށް ވިދާޅުވެ ގާސިމް ވަނީ ވެގެން އުޅެނީ ކީއްތޯ ސުވާލު ކުރައްވާފައެވެ. ކުރީ ފަހަރާއި ހިލާފަށް މިފަހަރު ގާސިމް ވަނީ މައުމޫން ފެށިގެން މިހާތަނަށް ވެރިކަން ކުރެއްވި ކުރީގެ ހުރިހާ ރައީސުންގެ ނަންފުޅު ވިދާޅުވެފައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީނުގެ ރަނގަޅު ވާހަކަ އެމަނިކުފާނު ދެއްކެވި ކަމަށާ ނަމަވެސް މިހާރުގެ ރައީސްގެ ރަނގަޅު ވާހަކަ ނުދައްކާ ކަމަށް ބައެއް މީހުން ބުނާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ރައީސް ސޯލިހް ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިތޯ ސުވާލު ކުރައްވާފައެވެ. 

"އެކަމަކު އެއް ބޭފުޅެއްގެ ރަނގަޅު ވާހަކައެއް ނުދައްކަވޭ. އެއީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ރަނގަޅު ވާހަކައެއް ނުދައްކަވައޭ. އަޅުގަނޑު ބުނެފިތޯ އެބޭފުޅާ ގޯހޭ، ގޯހުން ކަމެއް ކަމެއް ކުރެއްވި އޭ. އެންމެ ފަހަރަކުވެސް އަޅުގަނޑު ދަންނަވައިތޯ. ކީއްތޯ މިވަނީ،" 

ވަރަށް ދިގުކޮށް އަދި ވަރަށް ގިނަ ސަމާސާ ވާހަކަތައް ހިމަނުއްވައިގެން ގާސިމް މިރޭ ކުރިއަށް ގެންދެވި ތަގުރީރުގައިވެސް ރައީސް ސޯލިހަށް ތައުރީފެއް ނުކުރައްވައެވެ. އެމަނިކުފާނު ގޯހޭ ވިދާޅުވިތޯ ސުވާލު ކުރެއްވި ނަމަވެސް ރަނގަޅެކޭވެސް ވިދާޅެއް ނުވިއެވެ. އޭގެ ބަދަލުގައި އަނެއްކާވެސް ކުރީގެ ރައީސުންނަށް ތައުރީފްގެ ބަސްތައް އަމާޒު ކުރެއްވީއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.