ގަރާރު ފާސްކޮށްފި، ކޮންގްރެސް އެއް އަޑަކުން ރިޔާސީ ރޭހަށް ގާސިމް ނިކުންނަވާ

"ދިވެހި ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ވަކި އަޅުގަނޑުމެން 2023 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން މި ތިބީ ވެވުނު ކޮންމެ މަސައްކަތެއް ކޮށްދޭން،"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސްޓޭޖުން ފައިބާ ވަޑައިގަންނަވަނީ: ކޮންގްރެސްގެ މަންދޫބުން އެދެނީ ޖޭޕީން ވާދަކުރުމަށް
  •  ހުރިހާ ބޭފުޅުންހެން ވާހަކަ ދެއްކެވީ ގަރާރާ އެއްކޮޅަށް
  •  ގަރާރު ފާސްކުރެއްވީ އިއްތިފާގުން
  •  އިންތިހާބަށް ގާސިމް ނިކުންނެވުމަށް ފާޅުގައި ގޮވާލެއްވި
  •  ގަރާރު ބަލައިގަންނަ ކަމަށް ގާސިމް ވިދާޅުވި
  •  ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި

ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށައެޅުއްވި ގަރާރަށް ތާއީދު ކުރައްވާ ކޮންގްރެސްގެ ގިނަ މެންބަރުން ވާހަކަ ދައްކަވާ އެ ގަރާރު ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި އެވެ.

ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ގަރާރު ހުށައެޅުއްވުމާއެކު ބަހުސަށް އެއްގަޑިއިރު ހަމަޖެއްސިއެވެ. ޕާޓީގެ އިސް ބޭފުޅުން ވަނީ ދިގުކޮށް އެ ގަރާރަށް ބަހުސް ކުރައްވާފައެވެ. ފުރަތަމަ ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ. މިނިސްޓަރު ބޮޑަށް ވާހަކަފުޅު ބިނާކުރެއްވީ ކޯލިޝަން ސަރުކާރުގައި ޖޭޕީއަށް ކުރިމަތިވި ގޮންޖެހުންތަކަކަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުގައި ކޯލިޝަން ދެމެހެއްޓެވި ދެމެހެއްޓެވުމަށެވެ. ޖުމްހޫރީ ޕާޓީން ވަކީން އިންތިހާބަށް ނިކުންނަވަން ބާރު އަޅުއްވާ މިނިސްޓަރު ވާހަކައެއް ނުދައްކަވައެވެ.

އޭގެ ފަހުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ސިޔާސީ ބޮޑެތި ޕާޓީތަކުން ޖެއްސެވިހާ ބެރަކަށް މިދިޔަ 15 އަހަރު ޖޭޕީން ނަށާފައިވާ ކަމަށާ ނަމަވެސް މިއަދަކީ "ހަމަޖަހަން" ޖެހޭ ދުވަސް ކަމަށް ވިދާޅުވެފައެވެ.

"ބެރު ޖެހިއްޖެ. ބެރުޖަަހަން ފުރުސަތު ދެވިއްޖެ. ދެން އަޅުގަނޑުމެން ޖެހޭނީ ހަމަ ޖަހަން. ހަމަޖެހުމަށް އަޅުގަނޑުމެން ދަތުރު ކުރަން މި ޖެހެނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ކްރައިސިސް މެނޭޖްކުރާނެ މެނޭޖަރެއް ނޫން ކަމަށެވެ. ގައުމަށް ބޭނުންވަނީ ގައުމު ލީޑު ކުރައްވާނެ ބޭފުޅެއް ކަމަށެވެ. ރާއްޖެ މިހާރު ދަތުުރުކުރާ މިސްރާބު ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"މިދާ މިސްރާބުން އަޅުގަނޑުމެންނަށް ފެންނަނީ ފަރަށް އަރާ މަންޒަރު،"

އަލީ ހުސައިން ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކަށް ފުރުސަތު ފަހިކޮށްދޭން ޖޭޕީއަށް އެކަށީގެންވާ މަސައްކަތްތައް ވަނީ ކުރެވިފައެވެ. އަދި ޖުމްހޫރީ ޕާޓީފަދަ ބޮޑު ޕާޓީއަކުން އެއް އަޅައިގެން ކަނޑަށް ނުނިކުމެ ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މިހާލަތުގައި އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑާ މަގުމަތީން ދިމާވި މީހަކުވެސް ބުނި، 'ޖުމްހޫރީ ޕާޓީގައި މީހުން އެބަތިއްބޭ. ޖުމްހޫރީ ޕާޓީން ރޫހެއް އެބަ ފެނޭ. ތިހެން ތިބެފައި ބައެއްގެ ފަހަތަށް އެރުމަކީ އެއީ ވަރަށް ލަދުވެތި ކަމެކޭ. އަޅުގަނޑުގެ ނަޒަރުގައިވެސް އެއީ ވަރަށް ލަދުވެތި ކަމެއް،" އަލީ ވިދާޅުވިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް

އަބްދުﷲ ގެ ގަރާރަށް ތާއީދު ކުރެއްވި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހްވެސް ވަނީ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ޝާހް ވަނީ ދިވެހީން ބޭނުންވި ހިސާބަށް ރާއްޖެ ގެންދެވިފައިވޭތޯ ސުވާލު ކުރައްވާފައެވެ.

އަދި ކޮންމެ ފަހަރަކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދި ނަމަވެސް ވެވޭ އެއްބަސްވުމަށް އިހްތިރާމް ނުކުރާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ކޯލިޝަން އެއްބަސްވުން ދެމެހެއްޓޭނެ ގޮތެއް ނެތި އެއްވެސް ބަޔަކާއެކު އެއްބަސްވުމެއް ވެެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ދެން އެއްވެސް ހާލަތެއްގައި އެހެން ބަޔަކާއެކު ކޯލިޝަން ހަދަން ޖެހޭނީ ގާނޫނީ ގޮތުން އެ ފުރުސަތު ހޯދައިގެން،"

ޝާހް ވަނީ ޖޭޕީއަކީ ކެންޑިޑޭޓަކު ނެރެން ޖެހޭތޯ މަންދޫބުންނާއި ސުވާލު ކުރައްވާފައެވެ. ހުރިހާ މަންދޫބުންހެން ހަރުއަޑުން ވަނީ ކެންޑިޑޭޓަކު ނެރެން ޖެހޭ ކަމަށް ބުނެފައެވެ. 

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންްގްރެސްގެ ތެރެއިން

ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް ވަނީ މި އަހަރު ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެދެއްވުމަށް ގާސިމް އަރިހުގައި އާދޭހާއެކު އެދިވަޑައިގެންފައެވެ. އަދި އެފަދައިން އެދިވަޑައިގަންނަވަނީ އުންމީދެއް އޮވެ އެ ކަމުގެ މަގު ތަނަވަސްވެފައި އޮތް މަންޒަރު ފެނިވަޑައިގަންނަވާތީ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ވަކި އަޅުގަނޑުމެން 2023 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން މި ތިބީ ވެވުނު ކޮންމެ މަސައްކަތެއް ކޮށްދޭން،"

އިގްބާލް ވިދާޅުވީ ރިޔާސީ ރޭހަށް ގާސިމް ނިކުންވަން ހުންނެވި ނަމަ އެކަމަށް ހުރިހާ ވަގުތެއް ހުސްކުރައްވަން ތައްޔާރަށް ހުންނެވި ކަަމަށެވެ.

"އަޅުގަނޑުމެންނަށް ތިފަދަ ކޮލެޓީ ބޭފުޅަކު ފެނިވަޑައެއް ނުގަންނަވާ،" ގާސިމްގެ ޕާސަނަލް ސެކްރެޓަރީކަންވެސް ކުރެއްވި އިގްބާލް ވިދާޅުވިއެވެ.

ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު / ދީނީ އިލްމުވެރިޔާ މޫސާ ނިޒާރު އިބްރާހިމް

ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު / ދީނީ އިލްމުވެރިޔާ މޫސާ ނިޒާރު އިބްރާހިމްވެސް ވަނީ ގާސިމް، ރިޔާސީ ރޭހަށް ނިކުންނެވުމަށް އެދިވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ ގާސިމަކީ މިއަދު ސިޔާސީ މައިދާނުން ފެންނަ ލީޑަރުންގެ ތެރެއިން އެއް ނަންބަރު ލީޑަރު ކަމަށެވެ.

މޫސަ ވިދާޅުވީ މިހާތަނަށް ކޮންމެ ވެރިކަމެއް ގެނައުމުގައި ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ބައިވެރިވުން އެބައޮތް ކަމަށާ ނަމަވެސް ދިވެހީން އެދުނު ކަންކަން ފުރިހަމަ ވެގެން އަންނަނީ އުންމީދުކުރި ވަރަށް ވުރެ މާ ލަހުން / މަދުން ކަމަށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ފުރިހަމަ ބައިވެރިވުން އޮތް ސަރުކާރެއް ނެތުމުން ދިމާވި ކަންކަން ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ މި ހިނދަށް އަޅުގަނޑުމެން ބޭނުންވާ ތަޖުރިބާކާރު، ހިންގުންތެރި ސިޔާސީ ގޮތުން ފުންނާބު އުސް އަދި ވަރަށް ބޮޑަށް ދިވެހި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު، އިހްސާންތެރިކަމާއެކު މި ދިވެހި އިސްލާމީ އުންމަތް ކުރިއަށް ގެންގޮސްދޭނެ ލީޑަރަކު. އަޅުގަނޑަކަށް ހަމަ ރަނގަޅަށް މި ދަންނަވަނީ އެއްވެސް ކަހަލަ ހުޝާމަދުކުރުމެއް ހިތުގައި ނެތި އަޅުގަނޑަށް މި ދެންނެވި ކޮލެޓީގެ އެހެން އެއްވެސް ބޭފުޅެއް އަޅުގަނޑަކަށް ނުފެނޭ،" މޫސަ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންްގްރެސްގެ ތެރެއިން

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީއާއެކީގައި ކުރިއަށް ވަޑައިގެންނެވެން އޮތް ކަމަށް ވަންޏާ އެކަން ނުކުރައްވާ ފަހަތަށް އެންމެ ފިޔަވަޅެއްވެސް އަޅުއްވާކަށެއް އަޅުގަނޑަކަށް ނުދެންނެވޭނެ. އެހެންވީމަ މަނިކުފާނު މިކަމާމެދު ވިސްނަވަންވީ،" ގާސިމަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކު ވާހަކަ ދެއްކެވުމުން އެ ވާހަކަފުޅަށް ޝުކުރު ދަންނަވާ ގާސިމް ވާހަކަފުޅު ދައްކަވައެވެ. ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވުމަށް ފަހު ވަރަށް ގިނަ ވާހަކަފުޅު ދައްކަވައެވެ. އެމަނިކުފާނުގެ ގައުމީ ހިދުމަތާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އޮތް ޝައުގުވެރިކަން ފާޅު ކުރައްވައެވެ.

ގަރާރު ފާސްކުރެއްވުމުން ގާސިމް ވަނީ އެ ގަރާރު ބަލައިގަންނަ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ގަރާރު ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ގާސިމްގެ އެ އިޝާރާތަކީ ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމުގެ ވަރަށް ސާފު އިޝާރާތަކަށް ފުދެއެވެ. ޖޭޕީގެ ކޮންގްރެސްގައި މިފަދަ ގަރާރެއް ފާސްކޮށްފައި މިވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާ އެމްޑީޕީން އުފައްދާ ކޯލިޝަންގައި ބައިވެރިވާން އެ ޕާޓީއަށް ދައުވަތު ދީފައި ވަނިކޮށެވެ.

ކޮމެންޓް

1
450
ޓީޖެޓީ
2 years ago

2008 ގަވެސް 2013 ގައި ވެސް ޤާސިމް ނިކުތް. ހަމައެކަނި ނުނިކުންނަނީ 2018 ގަ. އެހެންވީމާ ހަމައެކަނި ބެރުޖަހަން އެކަނި ތިބީއަކީ ނޫން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.