ޔަގީންކަމާއެކު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ކުރިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް، އަދި ކުރީގެ އިސް ގާޒީ ޑރ. މުހައްމަދު ޖަމީލް މިއަދު ވަނީ އެ މައްސަލަ މިހާރު ހައިކޯޓަށް ހުށައަޅުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ ޖުޑިޝަރީ އެއް އޮވެގެން ކަމަށެވެ.
ހައިކޯޓުން މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑީޝަރީއެއް އޮވެގެން. ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާއި އޯޑިއޯ ލީކުވުން ފަދަ ކަންތައް ގޯސް. އިންޝާﷲ، ކާމިޔާބުވާނެ،" ޖަމީލް ވިދާޅުވި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެތައް ގޯސްތަކެއް ހައްދަވާފައިވާ ކަމަށް މީގެ ކުރިން އޭނާ ވިދާޅުވެފައިވެ އެވެ. ޔަގީންކަމާއެކު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ކުރިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ.
ޖަމީލް މިހެން ވިދާޅުވިއިރު، ޔާމީންގެ ޕާޓީ އަދި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ. ޔާމީން ނޫން އެހެން ކެނޑިޑޭޓެއް އެ ކޯލިޝަނުން ނުނިކުންނާނެ ކަމަށް ތަކުރާރުކޮށް އެ ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.