ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިފި: ގާސިމް

"ކޮންމެވެސް ދިމާއަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިގެންކަން ނުވަތަ ގާނޫނުތަކުގެވެސް ބާރު ކަނޑުވާލައިގެން،"

ރައްޔިތުން މަޖިލީހުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް -- ރައްޔިތުން މަޖިލީސް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބޭރު މީހުނާމެދު އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން އެންމެ ފަހުން އެކުލަވައިލި ގަވާއިދާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ އެއީ ގާނޫނު އަަސާސީގެ ބާރު ކަނޑުވާލި ގަވާއިދެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފި އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮންނަ، އެމްޑީޕީގެ ޕީޖީން އެ މައްސަލަ ބަލައި ނުގަތުމަށް ރެޑް ވިޕްލައިނެއް ނެރެފައި އޮއްވާ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބޭރު މީހުނާމެދު އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން އެންމެ ފަހުން އެކުލަވައިލި ގަވާއިދާމެދު ކަންބޮޑުވުން ފާޅުކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މިއަދު ވަނީ ބަހުސް ކޮށްފައެވެ.

އެ ބަހުސްގައި ބައިވެރިވެވަޑައިގެން ގާސިމް އިބްރާހިމް ވަނީ ހަސަން ހުށައެޅުއްވި މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ ވެރިކަމުގެ ބާރު ހިންގޭނީ ގާނޫނު އަސާސީއާ ގާނޫނުތަކުގެ ތެރެއިން ކަމަށާ ކޮންމެ ވެރިއަކު ކުރެއްވިޔަސް ގާނޫނު އަސާސީއާ ހިލާފު އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެ. އަދި ގާނޫނު އަސާސީއާ ގާނޫނާއި ހިލާފަށް މީހަކަށް ގަވާއިދެއް ނުހެދޭ ތަނުގައި ކުރާ އަމުރަކަށްވެސް ތަބާވާކަށް ނުޖެހޭ. އެއީ ކޮންމެ ވެރިއަކު ކުރިއަސްވެސް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެމީހާ ފޮނުވާލެވޭ ގޮތަށް އޮތް އޮތުމަކީ ގާނޫނު އަަސާސީއާ ހިލާފު ކަަމެކެވެ. ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު" ޖަނަވަރީ 26 ގައި ޝާއިއުކޮށްފައި ވަނިކޮށް ފެބްރުއަރީ 6 ގައި ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖް ގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނި އޭނާ ފޮނުވާލި ފޮނުވާލުމަކީ ގާނޫނު އަސާސީއާ ގާނޫނުތަކުގެ ބާރު ކަނޑުވާލުމުގެ އަމަލެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.

"ކޮންމެވެސް ދިމާއަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިގެންކަން ނުވަތަ ގާނޫނުތަކުގެވެސް ބާރު ކަނޑުވާލައިގެން،"

ގާސިމް ވިދާޅުވީ މިފަދަ ކަންކަން ހިނގާނަމަ އެ މުޖްތަމައުއެއް އެ ވަނީ ހަލާކުވެފައި ނުވަތަ ހަލާކަށް ހުށައެޅިފައި ކަަމަށެވެ.

މައްސަލަ ހުށައަޅުއްވަމުން މެންބަރު ހަސަން ލަތީފް ވިދާޅުވީ މި ގަވާއިދަކީ ރާއްޖެއަސް ފަސޭހަކަމާއެކު މަސްތުވާތަކެތި އެތެރެ ކުރެވޭނެ ފުރުސަތު ހުޅުވާލާފައި އޮތް ގަވާއިދެކެވެ. އަދި ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރި ކުރުމަށް މި ގަވާއިދުން މަގުފަހި ވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.