ސަލްމާން މިސްކިތް މިހާރު ފިނިވާނެ، މައްސަލަ ދިމާވަނީ ލޮނާ ހެދި: މިނިސްޓަރު

މިއީ 24.95 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހޭދަކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން ސައުދީ ރަސްގެފާނު އަޅައިދިން މިސްކިތެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

ކިންގް ސަލްމާން މިސްކިތުގެ އޭސީ މައްސަލަތައް މި މަސްތެރޭގައި މަސައްކަތްކޮށް މިހާރު ހައްލު ކުރެއްވިފައިވާ ކަމަށާއި އެ މިސްކިތުގެ އަޑަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅު ވެއްޖެ އެވެ. 

ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މިއަދު އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ ސަލްމާނު މިސްކިތުގެ އޭސީގެ މައްސަލަ ދިމާވީ މިދިއަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އެކަން ހައްލު ކުރަން ތުރުކީގެ ކޮންޓްރެކްޓަރާއެކު 25 އޯގަސްޓްގައި ވާހަކަ ދެކެވި ރަނގަޅު ކޮށްފައި ވަނިކޮށް މިދިއަ އޮކްޓޫބަރުގައި އަނެއްކާ ވެސް މައްސަލަ ދިމާވެފައިވާ ކަމަށާއި އޭގެ ފަހުން 13 ނޮވެމްބަރުގައި އެއްބެސްވުމެއް ހަދައި 23 ޖަނަވަރީން ފެށިގެން މަސައްކަތްކޮށް މިހާރު އޭސީތައް ރަނގަޅު ކޮށްފައިވާ ކަމަށެ. އެ މަސައްކަތް މި މަހުގެ 22 އާ ހަމައަށް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު އޭސީގެ މައްސަލަތައް ހައްލު ކޮށްފައި އެ ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ. 

އަޑާއި ފިންޏަށް މައްސަލަ ދިމާވަނީ ކީއްވެ؟ - މިނިސްޓަރު ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވީ ސަލްމާނު މިސްކުތުގެ އޭސީތަކަށް މައްސަލަ ދިމާވަނީ މިސްކިތް ހުރި ސަރަހައްދުގެ ގޮތުން ލޮނު އަސަރު ކުރާތީ އޭސީތައް ދަބަރަށް ވަމުން ދާތީ ކަމަށެވެ. މީގެ އިތުރުން ސަލްމާން މިސްތުގެ ތާލަފިލިތަކުގެ އަޑާ ބެހޭ ގޮތުން ވެސް މިނިސްޓަރު ވިދާޅުވީ ބަންގީގެ އަޑާއި ނަމާދުގައި ކިޔަވާ އަޑު މަޑުވެފައި ވަނީ ވެސް ލޮނުގެ ސަބަބުން ތާޅަފިލިތަކަށް މައްސަލަ ދިމާ ވެގެން ކަމަށާއި މިސްކިތް ބޭނުން ކުރަން ފެށީ ވެސް އެއް މުންނާރުގެ އަޑާއެކުގައި ކަމަށާއި މިހާރު އަޑު ރަނގަޅު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވީ މިސްކިތުގެ ދޮރުތައް ހުުޅުވުމުގައި ވަކި އޫސޫލެއް ގެންގުޅެނީ އޭސީ ރަނގަޅު ކުރި ފަރާތުން އެގޮތަށް ލަފައެއް ދީފައި އޮތުމުން ކަމަށެވެ.
ހުކުރު ނަމާދަށް ސަލްމާން މިސްކިތަށް ދިޔަ ބަޔަކު މީހުން: މުޅި އެ މިސްކިތުގައި ހޫނު ގަދަ ކަމުން ކެތްކޮށްލެވޭވަރު ނުވޭ -- މި
މިސްކިތް ހުޅުވަނީ ކޮންއިރަކު؟ - ސަލްމާން މިސްކިތް ހުޅުވަން ކޮވިޑްގެ ކުރިން މަޝްވަރާކޮށް ގޮތްތަކެއް ރާވައި ސައުދީގެ ވަފުދެއް ވެސް ރާއްޖެ އައިސް މަޝްވަރާކޮށް ތައްޔާރީތައް ވެފައި އޮތް ކަމަށައި އޭގެ ފަހުން ދުވަހެއް ކަނޑައަޅަގައި ރާއްޖެ އަންގާނެ ކަމަށް ބުނެފައި އޮތް ނަމަވެސް ސައުދީން އަދި އެ ތާރީހު ނުލިބޭ ކަމަށެވެ.

ސަލްމާން ރަސްގެފާނު މިސްކިތް

ހެންވޭރު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހާއްސަ ކޮށްފައި ވަނީ އެ މިސްކިތުގެ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިސްކިތެއްގައި އަންނަ އެންމެ މަތީ ނަމްބަރެވެ.

މުޅި މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުން ކުރެވޭ ގޮތަށެވެ. މުޅީން އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.

ތިން ވަނަ ބުރީގެ އެއް ބަޔާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމެކެވެ. އޮޑިޓޯރިއަމްގައި 350 ގޮނޑި ޖަހާފައިވެ އެވެ. އެއީ ހިތްގައިމު ލޮބީއަކާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމަށް ވެއެވެ. ސަލްމާނު މިސްކިތުގެ ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ މަލްޓި ޕާޕަސް ހޯލެކެވެ.

ދިވެހި ރުކަށް ވުރެ ވެސް ނަލަޔަށް ކަދުރު ރުއް ވަށައިގެން ހައްދާފައިވާ، ފަސް މުންނާރާއި ތަފާތު ބިޔަ ގުއްބެއް ހިމެނޭ ގޮތަށް ހަދާފައިވާ މިސްކިތުގެ ބޮޑެތި ބިއްލޫރި ދޮރުތަކުން ސާފުކޮށް ރީތިކޮށް ބޭރުގެ ހިތްގައިމު ވިއު ފެންނާން އޮވެ އެވެ. މި ހިތްގައިމު މިސްކިތް ވެސް ހަދާފައި ވަނީ ވަށައި ބުރަކަށް ކަހަލަ ސިފައެއް ގެނުވައި ޑައިމީޓަރަކަށް ވާނެހެން މަންޒަރު ފެންނާނެ ގޮތަށެވެ.

މިސްކިތުގައި ހަރުކޮށްފައިވާ ކީރިތި ގުރުއާންގެ މޫރިތި އާޔަތްތައް، ކަނޑާ ނަގާފައި ވަނީ، އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ހުންނަ ގޮތަށް ލަކުޑީގެ ބަދަލުގައި މުޅީން މާބުލްގަ އެވެ. މިސްކިތުގެ ތެރެއަށް މަޑުމަޑު ރަން އައްޔެއް ފޭދި ފަތުރާލާފައި އޮންނަ އިރު ބޭރުން އިރުމަތީ ފަރާތުގެ ހިތްގައިމު މަންޒަރު އެ އަލީގެ ތެރެއަށް ވަދެ ހިމުންވެފައި އޮވެ އެވެ. އާދަޔާ ހިލާފު ރީތި ކަމަކާއެކު މިސްކިތެއްގެ ފުރިހަމަ ހިމޭން ކަމެއް ގެނުވައި ދެ އެވެ. މުޅި މިސްކިތަށް ހާއްސަ ބައިތަކުގައި ދޫލަ އަޅައި، އަޖައިބު ރީތިހާ ބޮކިތައް ހަރުކޮށްފައި ވާއިރު އެކި ދިމާއިން ދޮރުތަކުގެ ދެމެދުގައި ހިމެނޭ ފާރުތައް ނަލަހައްދާފައި ވަނީ އިސްލާމީ ޝަހުސިއްޔަތު ވިދައިގަންނާނެ ރަން ކުލައެއް ޖެހޭ ހާއްސަ މާބުލް އަކުންނެވެ.

މިއީ 24.95 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހޭދަކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން ސައުދީ ރަސްގެފާނު އަޅައިދިން މިސްކިތެކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.