"އިބޫ [ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ] ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް. ގާސިމްއެއް ނާރާނެ. 100 ޕަސެންޓު ޔަގީން،"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުހުންނާނެ ކަމަށާ އެއީ 100 ޕަަސެންޓް ޔަގީން ކަމެއް ކަމަށް އެމްޑީޕީގެ ރައީސް / ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި މިއަދު ހިނގި ސިޔާސީ ބަހުސެއްގެ ތެރެއިން ފޮނުއްވެވި މެސެޖެެއްގައެވެ. ރައީސް ސޯލިހާއި ރަައީސް ނަޝީދުގެ ގުޅުން މުޅީންހެން ކެނޑި ދެ ރަައީސުންނަށް ތާއީދު ކުރާ ދެ ފެކްޝަން އެމްޑީީޕީގައި އުފެދިފައިވަނިކޮށް "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް އުފައްދާ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނަޝީދުގެ އެ މަސައްކަތަށް ރައީސް ސޯލިހްގެ ފެކްޝަންގެ ފާޑުކިޔުން އޮވެއެވެ. އަދި ރަައީސް ސޯލިހް ހުންނެވީ ބޮޑު ކޯލިޝަނަކާއެކު އަލުން އިންތިހާބަށް ނިކުންނަވަން ތައްޔާރަށް ކަމަށް އެ ފެކްޝަނުން ބުނެ އެވެ. އެ ބަހުސްގެ ތެރެއަށް ވަންނަވާ ރަައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް، ގާސިމްގެ ތާއީދު މި ފަހަރު ލިބިވަޑައިނުގަންނަވާނެ ކަަމަށެވެ. އެއީ ވަރަށް ޔަގީން ކަމާއެކު ވިދާޅުވާ ވާހަކަފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"އިބޫ [ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ] ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް. ގާސިމްއެއް ނާރާނެ. 100 ޕަސެންޓު ޔަގީން،" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.
ނިމިގެންދިޔަ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ކޯލިޝަނެއް އެކުލަވާލައްވަން އެންމެ ފަސޭހަ ވާނީ އެމަނިކުފާނަށް ކަމަށެވެ. އެހެން ވިދާޅުވަނީ ކޯލިޝަން ސަރުކާރެއް މިހާ ދިގު މުއްދަތަކަށް ހިންގެވުނު ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށްވާތީ އެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް އެކުލަވާލެއްވި ކޯލިޝަން މަސް ދުވަސްތެރޭ ރޫޅިއްޖެ އެވެ. ދެ އަހަރާއި ދުވަސްކޮޅެއް ފަހުން ވެރިކަން ވެއްޓުނުއިރު ކޯލިޝަންގެ އެއްވެސް ބައިވެރިއަކު ނެތެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމަށް ހަތަރު އަހަރާއި ދެ މަސް ދުވަސްވީއިރު ކޯލިޝަންގެ ހުރިހާ ޕާޓީތައް ސަރުކާރުގައި އެބައޮތެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2018 ގެ އިންތިހާބުގައި ރަައީސް ސޯލިހަށް ޕާޓީތަކުން ތާއީދު ކުރެއްވީ ހާލަތު އޮތްގޮތުންނެވެ. އޭރު ހުރިހާ ލީޑަރުން ތިއްބެވީ ޖަލު ބަންދުގައެވެ. ނުވަތަ އަރުވާލެއްވިގެން ބޭރުގައެވެ. ނަމަވެސް މިއަދުގެ ހާލަތު މުޅީން ތަފާތެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގާސިމް، ރައީސްގެ ފަހަތްޕުޅަށް އަރަން ޖެހޭ ސަބަބެއްވެސް މި ފަހަރު ނެތެވެ. އަދި ކުރިއަށް އޮތީ ގާސިމްގެ ރަނުގެ ފުރުސަތު ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިހާބު ތިންވަނަ ފިކުރަކުން ކާމިޔާބު ކުރައްވާނަމަ އެ ބޭފުޅަކަށް ވެވަޑައިގަންނަވާނީ ގާސިމް ކަަމަށް ސިޔާސީ ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ އެކަމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު ޖޭޕީގެ މިވަގުތުގެ ސްޓޭންޑަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމެވެ. ނަމަވެސް އެއީ އެ ޕާޓީން ކެންޑިޑޭޓަކު ނެރުން ކަމެއް އެހެން ޕާޓީއަކާއި ގުޅިގެން މަސައްކަތް ކުރުން ކަމެއް އަދި ނުނިންމަ އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް، މި ފެބްރުއަރީ 24، 25 ދެ ދުވަހު ކުރިއަށް ގެންދަން އޮތީ ނިންމާފަ އެވެ. ކޮންގްރެސްގައި ހޮވާ އާ ކައުންސިލުން ޖޭޕީގެ ރަސްމީ ސްޓޭންޑް ސާފުކޮށް ނިންމާނެ އެވެ.
އިއްޔެ ގާސިމް ވަނީ ޖޭޕީގެ ކައުންސިލް އެއްކުރައްވާފައެވެ. އެ ބައްދަލްވުމުގައި ސަރުކާރަށް ފާޑުވިދާޅުވިއެވެ. ސަރުކާރުގެ ހިއްސާއިން 10 ޕަސެންޓްވެސް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ހިންގުމުގައި ހުރި ބައެއް ކަންކަމަށްވެސް ފާޑުވިދާޅުވިއެވެ. އަދި ކޯލިޝަން ދެމެހެއްޓެވުމާއި ގައުމުގައި އަމާން މާހައުލެއް އޮތުމުން އެކަމަށް ތައުރީފުވެސް ކުރެއްވިއެވެ.
ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް "ކިންގް މޭކާ" އަކީ ގާސިމް އިބްރާހިމެވެ. ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ތާއީދު ބޭނުން ވެގެން ބޮޑު ދެ ޕާޓީން ކޮންމެ ފަހަރަކުވެސް އާދެއެވެ. މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް ކާމިޔާބު ލިބުނީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާއެކު ގައެވެ.
ނަމަވެސް މި ފަހަރު އެ ގޮތް ބަދަލުވުމަކީ ގާތް ކަމެކެވެ. އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއި ގުޅިގެން ރިޔާސީ އިންތިހާބުން މޮޅުވުމުގެ ފުރުސަތު މިފަހަރު ބޮޑުވާނެ ކަމަށް ބެލެވެނީ ރަައީސް ނަޝީދު ތާއީދު ކުރައްވާ ކެންޑިޑޭޓެކެވެ. ޖޭޕީން ގާސިމް ވާދަކުރައްވާނަމަ ނަޝީދުގެ ތާއީދު ލިބުން ވަރަށް މުހިންމެވެ. އެކަމަށް މިހާރު އޮތް ހާލަތުން މަަސައްކަތް ކުރާނެ ކަމަށްވެސް ބެލެވެއެވެ.