"ބީވީމާ" އެންމެ އުފާވެރި ހަނދާންތައް އާކޮށްދިން މޮޅު ފިލްމެއް

ފިލްމަށް ވަތް ކޮންމެ މީހަކު ތިން ގަޑިއިރުގެ ދިގު ފިލްމު ބަލާލާފައި ނިކުތީ ހިތްހަމަޖެހިގެންނެވެ. ރީތި މޮޅު ފިލްމެއް ބަލާލެވުމުން އުފަލުން ހުރެއެވެ. ފިލްމު މޮޅެވެ. ރީއްޗެވެ. މަންޒަރުތައް ފުރިހަމަ އެވެ.

"ބީވީމާ" ޕްރައިމިއާ ކުރުމުގެ އިވެންޓް

އޮލިމްޕަހުގެ މަރާމާތަށް ފަހު ބޮޑު ސްކްރީންގައި ފިލްމު ބަލާލަން އަލުން ލިބުނީ އެވެ. ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބޮޑު ސްކްރީނުން ދިވެހި ފިލްމެއް ބަލާލަން ކެތްމަދުވެފައި ތިބި ދިވެހީންނަށް ރެއަކީ އުފާވެރި އެކެވެ. އެ އުފާ އިތުރުކޮށް ދިން އެންމެ ބޮޑު ސަބަބަކީ މިހާ ގިނަ ދުވަހަަށް ފަހު ބަލާލަން ލިބުނު ފުރަތަމަ ފިލްމަކީ ބެލުންތެރީން އިންތިޒާރުކުރި ފަދަ ފިލްމަކަށްވުމެވެ.

ޑާކްރެއިން އެންޓަޓައިންމެންޓްސް ގެ އާ ފިލްމް "ބީވީމާ" ޕްރިމިއާކޮށް ރޭ ދެއްކި ހައުސްފްލް ޝޯއާއެކު ދިވެހި ސިނަމާ އަލުން ހުޅުވުނީ އެވެ. ފިލްމަށް ވަތް ކޮންމެ މީހަކު ތިން ގަޑިއިރުގެ ދިގު ފިލްމު ބަލާލާފައި ނިކުތީ ހިތްހަމަޖެހިގެންނެވެ. ރީތި މޮޅު ފިލްމެއް ބަލާލެވުމުން އުފަލުން ހުރެއެވެ. ފިލްމު މޮޅެވެ. ރީއްޗެވެ. މަންޒަރުތައް ފުރިހަމަ އެވެ. ފިލްމުގެ ވާހަކަައަކީ ދިވެހީންނާއި ވަރަށް ގުޅޭ ރީތި ވާހަކައެކެވެ. އެކްޓަރުންގެ ހުނަރުވެެރިކަން މައްޗެވެ. މި ހުރިހާ ކަމަކުން ފިލްމަށް ދެވެން އޮތީ މަތީ މާކުހެކެވެ. 

ޑާކްރެއިން އެންޓަޓޭންމެންޓްސްގެ "ބީވީމާ" ގެ މެއިން ކެރެކްޓާސް

ރޭ ފިލްމު ބެލި އެންމެންވެސް މިކަންކަމަށް އިއްތިފާގު ވެއެވެ. "ބީވީމާ" އާ ގުޅޭގޮތުން ޑާކްރެއިންގެ ބާނީ / ފިލްމްގެ ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) އެންމެ ގިނައިން ދެއްކި އެއް ވާހަކަ އަކީ މި ފިލްމުން މާޒީގެ އެންމެ އުފާވެރި ހަނދާންތަކުގެ ތެރެއަށް ކޮންމެ މީހަކުވެސް ގެންދާނެ ވާހަކަ އެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. ފިލްމުގެ ވާހަކަ އަހަރެމެން ކޮންމެ މީހެއްގެ ހަޔާތާވެސް ގުޅެއެވެ. ސުކޫލް ދައުރުގެ އުފާވެރި ހަނދާންތަކާއި ފުރަތަމަ ލޯބީގެ ހަނދާންތައް އާކޮށްދޭނެ އެވެ. އެއީ ސަތޭކައިގެ ޔަގީން ކަމެކެވެ. ފިލްމު ޕްރޮމޯޓް ކުރަން މޮގާ ދެއްކީ ފޮނި ވާހަކަތަކެއް ނޫނެވެ. އެއީ ހަގީގަތެވެ.

"މި ހުރީ އެންމެ ފުރަަތަމަ ވެވުނު ލޯބީގެ ހަނދާންތައް އާވެ ވަރަށް އެހެން ކަހަލަ އިހުސާސެއްގެ ތެރޭގައި. މޮޅު ފިލްމެއް ބަލާލެވުމުގެ އިތުރުން ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ހަނދާނަށް ގެނުވައިދީފި،" ރޭ ފިލްމު ބެލި ނޫސްވެރިއަކު ބުންޏެވެ.

އަޝްފާ އާއި އިއްސެ: ފެނުނީ މޮޅު އެކްޓިންއެއް

އަޝްފާ މޮޅު، ތަފާތު

މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފް ކުރި ފިލްމަކީ "ބީވީމާ" އެވެ. މިއީ އޭނާއަށް މުޅީން އާ ކަމެކެވެ.

ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮތީ އަޝްފާއަށް ތަފާތެއް ދައްކައިލަން އުނދަގޫވާނެ ކަމަށެވެ. އާންމުކުރި ޓްރެއިލާ މަންޒަރުތަކުން ބައެއް މީހުންނަށް ގަބޫލުކުރެވުނީ އަޝްފާގެ ޑައިލޮގް ޑެލިވަރީ ވަަރަށް ރޮބޮޓިކް ވާނެ ކަމަށެވެ. ނަމަވެސް ފިލްމު ބަލާލުމުން އެ ހީ މުޅީން ފިލާނެ އެވެ.

"ބީވީމާ" އަށް އެންމެ ރަނގަޅު ޗޮއިސްއަކީ އެއީ އެވެ. މޮގާއާ އައިޝަތު ފުއާދު، އަދި ޑައިރެކްޓަރު އަހްމަދް ޒަރީރްގެ ހޮވުން ސަތޭކަ އެވެ. އަޝްފާ ނެގި ރިސްކު އަދި މާ ރަނގަޅެވެ.

"އަޝްފާ ވަަރަށް ނެޗްރަލް. އެއްވެސް ވަރަކަށް ހީއެއް ނުވޭ އާ ތަރިއެކޭ. ވަރަށް މޮޅު، ވަރަށް ތަފާތު،"

އަޝްފާގެ ހުނަރުވެރިކަން މިގޮތަށް ފެނުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޒަރީރަށެވެ. ފުރަތަމަ ޑައިރެކްޝަނުން ޒަރީރު ވިދާލައިފި އެވެ.

ތޮލް، މޮގާ އަދި ޗިއްޕެ: ބީވީމީ އަކީ މޮޅު ފިލްމެއް

އަޝްފާގެ ރޯލަށް ފުރިހަމައަށް ލިބެނީ ފިލްމުގައި ލީޑް ތަރިއެއްގެ ގޮތުގަައި އޭނާއާއެކު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ފެނުމުންނެވެ. އެ ދެ ތަރީން ގުޅެއެވެ. ލޯބީގެ މިވަރުގެ ފިލްމަކަށް މި ޖޯޑް ފުރިހަމަ އެވެ. 

މި ދެ ތަރީންގެ ސުކޫލު ދައުރުގެ މަންޒަރުތަކުން ފެންނަނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) އެވެ. އާޝާއަކީ މި ފަންނުގައި މިހާރު ކުރިއަރަމުން އަންނަ ތަރިއެކެވެ. ނާނަ މުޅީން އަލެވެ. ނަމަވެސް ދެ ތަރީންގެ އެކްޓިން ރަނގަޅެވެ. މި ދެ ތަރީންގެ ބައިން ފިލްމަށް ގެނެސްދޭ ފުރިހަމަކަން އިތުރެވެ.

ފިލްމުގައި ވަނީ ކިހިނެތް؟ "ބީވީމާ" އަކީ ލޯބީގެ ފިލްމެކެވެ. ސުކޫލް ދައުރުގައި ދެ ކުއްޖެއްގެ މެދުގަައި އުފެދޭ ލޯތްބެކެވެ. އެ ލޯބި ހޯދަން ކުރާ މަސައްކަތެވެ. އިސް ނެގުމާއި ޖެހިލުންވުމުގެ ތެރެއިން ލޯބި ދަމަހަޓަން ކުރާ މަސައްކަތެވެ. އެކަކު އަނެކަކާ ކުއްލިއަކަށް ވަކިވާން ޖެހި ދެން ބައްދަލްނުވެ ދާ ދިއުމެވެ. އޭގެ ފަހުން ދެން ކަންކަން ވެގެން ދަނީ ވަރަށް ޝައުގުވެރި ގޮތަަކަށެވެ. މިއީ ފިލްމު ބަލައިލާން ދާން ދައުވަތެއްގެ ގޮތުގައި ހިއްސާކޮށްލެވޭނެ މިންވަރެވެ.
ބީވީމާގެ މުހިންމު ރޯލްތަކުން ފެނިގެންދާނީ މި ހަތަރު ތަރިން

"ބީވީމީ" ގައި ވަރަށް ފާހަގަކޮށްލެވޭ އެހެން ކަމެއް އެބައޮތެވެ. އެއީ ދިވެހި ސިނަމާގެ ބެލުންތެރީން ފިލްމެއްގައި ހިމަނަން ވަރަށް އެދޭ އެކަމަކު ގިނަ ފިލްމުތަކުގައި ނުހުންނަ ކަމެކެވެ. 

ފިލްމަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ހެއްވާލާއެވެ. މިއީ ފިލްމު އިތުރަށް މޮޅުކޮށް ރީތިކޮށް ފުރިހަމަ ކޮށްދިން ކަމެކެވެ.

އަވަހަށް ޓިކެޓެއް ނަަގާށެވެ. "ބީވީމާ" ކޮންމެެހެން ބަލައިލާން ވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.