ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަަތު ނެތް ހާލަތެއްގައި ނެރޭނެ ކެންޑިޑޭޓަކާމެދު ދެ ޕާޓީގެ ލީޑާޝިޕްގައި ސިއްރު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް ބަޔަކު އަޑުފަތުރައެވެ. އެވާހަކަތައް ޕީޕީއެމާއި ޕީއެންްސީން ދޮގު ކުރެއެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ އިތުރު ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފި އެވެ.
ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން މި ވަގުތު ހުންނެވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާށެވެ. ދަށު ކޯޓްގެ އެ ނިމުން ހައިކޯޓްގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ އެވެ. މަތީ މަރުހަލާއިން ރަައީސް ޔާމީން ސަލާމަތްވެވަޑައިނުގެންފިނަމަ މިއަހަރުގެ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަަތު ނެތް ހާލަތެއްގައި ނެރޭނެ ކެންޑިޑޭޓަކާމެދު ދެ ޕާޓީގެ ލީޑާޝިޕްގައި ސިއްރު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް ބަޔަކު އަޑުފަތުރައެވެ. އެވާހަކަތައް ޕީޕީއެމާއި ޕީއެންްސީން ދޮގު ކުރެއެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި އެ ދެ ޕާޓީން ވަނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައެވެ. އެއީ ރައީސް ޔާމީނެވެ. އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެހެން އެއްވެސް އިތުރު ޗޮއިސްްއެއް ހޯދުމަށް މަޝްވަރާ އެއް ނުކުރެއެވެ. ސިއްރު މަޝްވަރާތަކެއް ހިނގާ ކަަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ވިދާޅުވިއެވެ.
"މި [ޕީޕީއެމް، ޕީއެންސީ] ކޯލިޝަން އަކުން އެހެން ޗޮއިސް އަކަށް މަޝްވަރާއެއް ނުކުރެވޭ. އިތުރު ޗޮއިސް އެއް ނެތް. ޕީޕީއެމް، ޕީއެންސީގެ ހުރިހާ ޗޮއިސްއަކީ ރައީސް ޔާމީން،" ހީނާ ވިދާޅުވިއެވެ.
ހީނާ މިހެން ވިދާޅުވިއިރު ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް "ހޯފް ކޮންފަރެންސް" ގެ ނަމުގައި ތިން ދުވަހުގެ މަހާސިންތާއެއް ވަނީ ބާއްވާފައެވެ. ވަރަށް ރަނގަޅު އިންތިޒާމްތަކަކާއެކު ކުރިއަށް ގެންދިޔަ މަހާސިންތާގައި މުޅި ރާއްޖެ ތަމްސީލުވާހެން ހާހަކަށް ވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. ރައީސް ޔާމީންގެ ލީޑާޝިޕްގެ ހަރުދަނާކަން ސާބިތުކޮށް ދެއްވާ އެމަނިކުފާނުގެ ސިޔާސަތުތަކާއި ކާމިޔާބީ ހިއްސާކުރުމަށް މަހާސިންތާގައި ޖުމްލަ 10 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އަދި "ބުންވަރު" ގެ ނަމުގައި ބޮޑު ހިނގާލުމެއް ބޭއްވިއެވެ.