ރެކޯޑެއް: މިދިޔަ އަހަރު މިފްކޯއިން މަސްވެރީންނަށް އެއް ބިލިއަން

މިދިޔަ އަހަރަކީ މަސްވެރިކަމުގެ ތާރީހުގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރެވެ. އެއީ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

މަސްވެރި އުޅަނދެއް: މަސްވެރީންނަށް އެންމެ ގިނަ ފައިސާ ދޫކުރީ މިދިޔަ އަހަރު -- ފޮޓޯ: ޒުވާން މަސްވެރިޔާ

ދިވެހި މަސްވެރިކަމުގެ ތާރީހުގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަަރަަކަށް މިދިޔަ އަހަރު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ގޮތުން މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަން ފާހަަގަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަލިމަޑު ކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިސާދީ ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު ވަރަށް ބޮޑު ސަބަބެއް ވެއެވެ. ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު ވަށާ މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާ ދެއްކި ފަންވަރަކީ އޭގެ ހަގީގީ ސިއްރު  ކަމަށް ވިދާޅުވިއެވެ. 

"ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަހުމަތްފުޅު ބޮޑު. ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު. އަދި މަސްވެރިކަމުގެ ތާރީހުގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރު. އެއީ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ މާރިޗު 1، 2022 ން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރިކަން ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"އެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ އަށް ލުޔެއް ލިބުމުގައި އިތުރަށް ގިރާ ކުރަން ޖެހޭ އޮޅިއެއް ދެން ނެތް. މިއާއެކު މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ތޮއްޑޫ ދަނޑެއްގައި މީހަކު މަސައްކަތް ކުރަނީ

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވާ އެ ކަމަށް ސަރުކާރުން ފަހިކޮށް ދެމުންދާ ފުރުސަތުތައް ފާހަގަ ކުރައްވާފައެވެ.

ދަނޑުވެރިޔާ ކުރި މަސައްކަތް އާމްދަނީ އަށް ބަދަލު ކުރުމަކީ މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެގްރޯނެޓް ކުންފުންޏަކީ އެކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކޮށި މަގެއް ކަމަށް ވިދާޅުވިއެވެ. ޖުމްލަ 46 ރަށެއްގެ 800 އަށް ވުރެ ގިނަ ދަނޑުވެރިން މިހާރު ވަނީ އެގްރޯނެޓްގެ ނެޓްވޯކާ ގުޅިފައި ކަމަށް ވިދާޅުވިއެވެ.

"ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންގާ 485 ދަނޑުވެރިން ދަނީ ހަރަކާތް ތެރިވަމުން. ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރި އަކަށް ފޯރުކޮށްދެވިއްޖެ،"

ރައީސް ވިދާޅުވީ މި އަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެ މަސައްކަތް ފަށާ އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.