ފަންސާސް ބަދަލެއް، އިސްލާމީ ވެރިކަމެއް ކުރެއްވުމުގެ ވައުދާއެކު އުމަރު ކެމްޕެއިން ފައްޓަވައިިފި

އުމަރުގެ ކެމްޕެއިން ސްލޯގަންއަކީ "އާ މިސްރާބަކަށް" މި ސްލޯގަންް އެވެ. އުމަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް މުހިންމު 50 ބަދަލެއް ގެންނަވާނެ އެވެ. މުުހިންމު ބަދަލަކީ އިސްލާމީ ވެރިކަމެއް ގާއިމު ކުރުމެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިރޭ ވަނީ ފައްޓަވާފައި

ރާއްޖެއަށް މުހިންމު / ބޮޑު 50 ބަދަލެއް ގެނައުމުގެ ވައުދާއެކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މި އަހަރު އޮންނަ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިރޭ އިއުލާނު ކޮށްފި އެވެ.

އިންތިހާބުގައި ވާދަކުރައްވާނެ ކަން އުމަރު އިއުލާނު ކުރެއްވީ ސަލްޓަންޕާކް ސްޓޭޖް ސަރަހައްދުގައި މިރޭ ސަޕޯޓަރުންނާއެކު ބޭއްވެވި "އައު މިސްރާބަކަށް" ކެމްޕެއިން ބައްދަލްވުމުގައެވެ. އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެ މުހިންމު ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ ބޮޑު 50 ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މައިގަނޑު އެންމެ ބޮޑު ބަދަލަކީ ރާއްޖެއަކީ ފުރިހަމަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ބަދަލު ކުރުމެވެ.

އަދި ގާނޫނީ ހުކޫމަތު ހިނގާ ގައުމެއްކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި މީހުން މަރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަދި ރޭޕް ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހުކުމް ތަންފީޒު ކުރައްވާނެ އެވެ. 

"ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ. ސިންގަޕޫރުގައި އޮންނަ މޮޑެލް އޮންނާނީ. ދިވެހިރާއްޖެ ހުރަސްކޮށް ޑްރަގް ނުއުފުލޭނެ އެއްވެސް ބަޔަކަށް. ކަނޑުމަތިން ޑްރަގް އުފުލާނަމަ އެ ބޯޓްތަކަށް ސިފައިން ބަޑި ޖަހާ ބޯޓްތައް ފައްތާލާނެ،" އުމަރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިރޭ ވަނީ ފައްޓަވާފައި -- މި

ރާއްޖެ، ފުރިހަމަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ގިނަ ގޮތްގޮތުން ގޮންޖެހުންތައް ކުރިމަވާނެކަން އެނގިވަޑައިގަންނަވާ ކަމަށާ ނަމަވެސް އެއްވެސް ކަމަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އަޅުގަނޑާއެކު އާ މިސްރާބަކަށް މި ކުރާ ދަތުރުގައި ކޮރަޕްޝަން އަޅުގަނޑު ފިތާލާނަން، ކޮރަޕްޝަން އަޅުގަނޑު ފުނޑުފުނޑު ކޮށްލާނަން. އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާ މީހުންނާމެދު ހުރި ހުކުމް ދައުލަަތުން ވައްކަން ކުރާ މީހުންގެ މައްޗަށް އަޅުގަނޑު ގާއިމު ކުރާނަން،"

ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް. އޭނާ ދޮގެއް ނުހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތުން ނުދުވާނެ. އޭނަ އަދުލްވެރިވާނެ. އެންމެނާ މެދުގައި ހަމަހަމަކަން ގެންގުޅޭނެ. އެކަމަކު ހައްގަށް މަސައްކަތް ކުރުމުގައާ ފިޔަވަޅު އެޅުމުގައި ފަހަތަކަށްވެސް ނުޖެހޭނެ. ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެ ސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން.

އުމަރު ނަސީރު | ރިޔާސީ ކެންޑިޑޭޓް

އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ބޮޑު ދެ ޕާޓީ -- އެމްޑީޕީ އާއި ޕީޕީއެމަށް ލިބިއްޖެ އެވެ. އެ ދެ ޕާޓީއަށް ރައްޔިތުން ބޭނުންވާ އަމާޒަށް ގައުމު ގެންގޮސް ދިނުމަށް ލިބުނު ފުރުސަތުގައި އެކަން ނުކޮށް ދެވި ފެއިލްވެފައިވާ ކަމަށާ އިތުރު ފުރުސަތެއް ދިން ނަމަވެސް މިހާރު ހިނގާ މިސްރާބު ބަދަލު ނުވާނެ ކަމަށް ވިދާޅުވިއެވެ.

"މި ގައުމަށް ބޭނުންވަނީ 12 ގަޑިއިރު މަސައްކަތް ކުރެވޭނެ ވެރިއެއް. މި ގައުމަށް ބޭނުން ވަނީ ހެނދުނު ހަގަޑި ބައިގައި ޓައި އަޅައިގެން އޮފީހަށް ގޮސް މޭޒު ކައިރީގައި އިށީންދެވޭވަރުގެ މުރާލި ވެރިއެއް. މި ގައުމަށް ބޭނުންވަނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ކަނާއަތުން ވައަތް ކަނޑާލަން ޖެހުނަސް އެކަން ކުރަން ކުރެވޭ ވަރުގެ ލޯ އެންޑް އޯޑަރު ވެރިއެއް،"

އުމަރު ވަނީ އޭނާގެ ވެރިކަމުގައި ކުރައްވާނެ މުހިންމު ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން އިގްތިސާދީ ގޮތުން ގެންނަވާނެ މުހިންމު ބަދަލުތަކާއި އިންޑަސްޓްރީތައް ތަރައްގީ ކުުރުމުގައި ގެންގުޅުއްވާނެ ވިސްނުން ހާމަ ކުރެއްވިއެވެ. އެގޮތުން އުމަރުގެ މައިގަނޑު ބައެއް ވައުދުތަކަކީ؛

  •  އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުން
  •  ދެކުނުގައި ފްރީ ޓްރޭޑް ޕޯޓް ޒޯނެއް ގާއިމު ކުރުން
  •  ރާއްޖެއިން ބޭރުކުރާ ހުރިހާ މަހެއް ބަންދު ކުރެވި ވެލިއު އެޑް ޕްރޮޑަކްޓްތަކަށް ހެދުން
  •  ދިވެހީންނަށް ފައިދާ ބޮޑު ގޮތަށް ޓޫރިޒަމްގެ ސިޔާސަތު ބަދަލު ކުރުން
  •  ދިވެހިން ތަމްރީނު ކުރުމަށް އަހަރަކު 100 މިލިއަން ޑޮލަރުގެ ބަޖެޓެއް
  •  ނެޝަނަލް ސާވިސް ތައާރަފުކޮށް އެއް އަހަރު ސިފައިންގޭގައި ހިދުމަތް ކުރަން ޖެހުން
  •  މަތީ ފަންތީގެ މަގާމުތަކަށް ދިވެހީން ތަމްރީނު ކުރުންް
  •  ރަށްރަށުގެ އިންޖީނުގެތައް އަލުން ކައުންސިލާ ހަވާލު ކުރުން
  •  ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލާނެ
  •  މާލޭގައި ސިޓީ ކައުންސިލެއް ނޯންނާނެ
  •  ކޮންމެ އަތޮޅެއްގައި ގަވަރުނަރެއް / ލޯކަލް ގަވާމަންޓް މިނިސްޓަރެއް
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ކުރައްވާނީ ފުރިހަަމަ އިސްލާމީ ވެރިކަމެއް ކަމަށް ވިދާޅުވި

އުމަރު ވިދާޅުވި ގޮތުގައި ނެޝަނަލް ސާވިސް ތައާރަފުކޮށް އެއް އަހަރު ސިފައިންގޭގައި ހިދުމަތް ކުރަން ޖެހުން މަޖުބޫރީ ފިިރިހެނުންނަށެވެ. އަންހެނުންނަށް އެއީ އިހްތިޔާރު ލިބިގެންވާ ކަމެކެވެ.

މީގެ އިތުރުން ޓެކްސް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެ އިންކަމް ޓެކްސް ކަނޑާލާފައި މުދަލުގެ ޒަކާތް ދެއްކުން ލާޒިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެހެން ބައެއް ޓެކްސްތައް ކުޑަކުރާނެ ކަމުގެ ޔަގީން ކަމެއް މިވަގުތު ނުދެއްވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން ދޭން އިންކަމް ޓެކްސް ކަނޑާލާފައި މުދަލުގެ ޒަކާތް އަޅުގަނޑު އިންޓްރޮޑިއުސް ކުރާނަން. އެއީ އިސްލާމީ ޝަރީއަތާއި ކައިރިއަށް ދިވެހިރާއްޖެ ޖެއްސުމަށްޓަކާ،"

އަދި ބިދޭސީން މަދުކޮށް ދިވެހީންނަށް ވަޒީފާ ދީ ދިވެހިންގެ ބެންކުގައި ފައިސާ ރޯލްކުރާ ބޭރުގެ ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސް ކުޑަކޮށް ތިން މިލިއަން ނުލިބޭ ވިޔަފާރިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޮންލައިން ކޮށް ވިޔަފާރި ކުރާ މީހުންނަށް ޓެކްސް އެއް ނެތި މުދާ އެތެރެކުރެވޭނެ ގޮތް ހަދައިދިނުމާއި ސަރުކާރުން ކުރާ ގިނަ ވިޔަފާރިތައް ހުއްޓާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން ހަމައެކަނި ކުރާނީ ސެކިއުރިޓީއަށްޓަކައި ހަމައެކަނި ކުރަން ޖެހޭ ކަމެއް. އެއީ ހަނޑޫ ހަކުރު، ފުއް އަދި ޑީސަލް އާއި ޕެޓްރޯލް މިކަހަލަ އެއްޗެހި. މި ނޫން ހުރިހާ އެއްޗެއްސަކީ ޕްރައިވެޓް ސެކްޓަރުގެ އަތްމައްޗަށް ދޫކޮށްލެވޭނެ އެއްޗެހި،" އުމަރު ވިދާޅުވިއެވެ.

އަޅުގަނޑު އިސްލާމީ ޝަރީއަތުގައި ހިފާ، ގުރުއާންގައިވާ ގޮތަށް އަމަލު ކުރާނެ ވާހަކަ ދަންނަވަން. މަހުޝަރުގެ ބިމުގައި އަޅުގަނޑު ހުރެ ޖަވާބުދާރީވާން ޖެހޭނެކަން މިއަދުވެސް ހަނދާން ކުރަމުން މި ވާހަކަ މި ދަންނަވަނީ އަދި ﷲގެ ވާގިފުޅާއެކުގައި އެ ދުވަހުވެސް އަޅުގަނޑު ހަނދާން ކުރާނަން. ވެރިކަން ކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް އިރާދަކުރެއްވިއްޔާ ވެރިކަން ކޮށްފައި

އުމަރު ނަސީރު | ރިޔާސީ ކެންޑިޑޭޓް

އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އެކުވެރި ގައުމުތަކާއި ވަރަށް ރަނގަޅު ހަމަހަމަ ގުޅުމެއް ބާއްވަވާނެ އެވެ. ހާއްސަކޮށް އެކުވެރި އެއްވެސް ގައުމަކަށް ރާއްޖޭގެ ކަނޑަކުން ބިމަކުން ނުރައްކަލެއް ކުރިމަތި ކުރުވުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ އިންޑިއާއަށް ވިޔަސް ލަންކާއަށް ވިޔަސް އެ ގައުމުތަކަށް ރާއްޖެ މެދުވެރިކޮށް އެހެން އެއްވެސް ބަޔަކަށް ނުރައްކާ ކުރިމަތި ކުރުވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކުރައްވާނެ ކަަމަށެވެ.

"އެކަމަކު ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންނަކަށް ނުތިބެވޭނެ. އެ މީހުން ޖެހޭނީ ފައިބާން. އަޅުގަނޑު އެ މީހުން ފޮނުވާލާނަަން. މިކަމަކާ އެއްވެސް ވާހަކައެއް އަޅުގަނޑާ ނުދެއްކޭނެ. މިއީ ހަމަ ސީދާ ނޮން ނެގޯޝިއޭބަލް ކަމެއް،"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ކުރައްވާނީ ފުރިހަަމަ އިސްލާމީ ވެރިކަމެއް ކަމަށް ވިދާޅުވި -- މި

މީގެ އިތުރުން އުމަރު ވަނީ ރާއްޖޭގައި ޕާޓީ ސިސްޓަމް އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު އޮތް ސިސްޓަމުން ރައްޔިތަކަށް / ގައުމަކަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުން ދަރަނިވެ އަހުލާގު ގެއްލިފައިވާ ބަޔަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އުމަރުގެ ވެރިކަމެއްގައި ޓީވީތަކަށް އަރާ ބޭނުން ވާހަކަ އެއް ނުދެއްކޭނެ ކަމަށް ވިދާޅުވެ ހަރުކަށި އުސޫލުތަކެއް ގާނޫނުގެ ތެރެއިން ގެންނަވާ އަހުލާގު ރަނގަޅު އެންމެންނަށްވެސް ކަމޭހިތާ ގައުމަކަށް ރާއްޖެ ބަދަލުކޮށްލައްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ގެންނަވާނެ ބައެއް ބަދަލުތަކަކީ؛

  •  ވާހަކަ ދެއްކޭނީ އިސްލާމީ އުސޫލުތަކުގެ ތެރޭގައި
  •  ދޮގެއް ނުހެދޭނެ، ހިތުހުރި އެއްޗެއް ނުބުނެވޭނެ
  •  ނޫސްވެރީންނަކީ ދޮގު ނުހަދަން ހުވާ ކޮށްގެން ތިބޭ ބަޔަކަށް ހެދުން
  •  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން
  •  މަޖިލީހުގައި ތިބެވޭނީ މަދުވެގެން 50 މެންބަރުންނަށް
  •  މަޖިލީސް މެންބަރުން ކޮންޓްރެކްޓް ނެގުން މަނާ ކުރުން
  •  މަޖިލީހުގައި ދޮގު ވާހަކަ ދައްކާނަމަ ޓީވީތަކުން ނުދެއްކޭނެ
  •  ޕާޓީތަކުން ވިޕް ނެރުން ގާނޫނަކުން މަނާ ކުރުން
  •  މެންބަރު ކަމުނުދާނަމަ ރިކޯލް ވޯޓް ނެގޭނެ ގޮތް ހެދުން

މީގެ އިތުރުން އުމަރު ވަނީ މިބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީސް ދެކޮޅު ހަދާ ނުކުޅެދިއްޖެނަމަ ހާއްސަ މަޖިލީހަކަށް ގޮވާލައިގެން ނަމަވެސް އެ ބަދަލުތައް ފަސް އަހަރުގެ ތެރޭގައި ގެންނަވާނެ ކަމަށެވެ. 

އަަދި ވިދާޅުވީ ރައްޔިތުންގެ އަމަން އަމާން ކަމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އޭނާގެ ވެރިކަމުގައި މަތީ ތައުލީމަށް ވަރަށް ބޮޑު ހަރަދެއް ކުރައްވާނެ ކަމަށާ އެކަމަށް ވަރަށް ބޮޑު ބަޖެޓެއް ކަނޑައަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަމުގެ ފުރަތަމަ ތިރީސް ދުވަސްތެރޭ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ ހުރިހާ ތަނެއް ބަންދު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުމަރު ވަނީ އޭނާގެ މި ދަތުރުގައި ބައިވެެރިވުމަށް ޕީޕީއެމް އާއި އެމްޑީޕީގެ މެންބަރުންނަށް ދައުވަތުވެސް ދެއްވާފައެވެ.

"ދިވެހިރާއްޖެ މިހާރު ދަތުރުކުރަމުން މިދާ ގޯސް މިސްރާބު ބަދަލުކޮށް ދިވެހިރާއްޖެ މުޅީން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި މާތްﷲގެ ވާގިފުޅާއެކީގައި އަންނަ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނެކަން މިރޭ އިއުލާނު ކުރަން،" އުމަރުގެ ދިގު ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އުމަރުގެ ކެމްޕެއިން މެނޭޖަރަކަށް މާޒް އަހުމަދު ސަލީމް ހަމަޖެއްސެވިކަންވެސް މިރޭ އިއުލާނު ކުރެއްވި އެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.