މާލޭ ކައުންސިލާއި މާލޭ އިންޖީނުގެ - ރަނގަޅަށް ކަރަންޓުގައި ޖެހިފައި

ސްޓެލްކޯ އާއި ސިޓީ ކައުންސިލްގެ ދެމެދުގައި އޮތް ހޫނު ޒުވާބު ނިމެން އުޅޭ ތަނެއް އަދި ނުފެނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އެތައް ވާހަކައަކާއެކު ޒުވާބުތައް ގަދަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް: ދެ ބޭފުޅުން ޒިންމާ އޮތް ދެ އިދާރާގެ މެދުގައި ގުޅުމެއް ނެތް

މިދިޔަ އޮކްޓޫބަރު މަހުގެ ތެރެއެވެ؛ މާލޭގެ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯގެ އިންޖީނުގެއާ ދިމާއިން ތާރުގަނޑު އަޑިން ކުއްލިއަކަށް ފެން އަރަން ފެށި އެވެ. ވީކީއްކަން ނޭނގިފައި ތިބި އާންމުންނަށް އެންމެ ފުރަތަމަ ޖަވާބެއް ދިނީ މާލޭ ސިޓީ ކައުންސިލުންނެވެ. 

ފެން އަރަން ފެށިތާ ދުވަހެއް ފަހުން ކައުންސިލުގެ އިއުލާނަކުން ބުނީ އެއީ ސްޓެލްކޯގެ އިންޖީނުތައް ފިނި ކުރަން މޫދުން ލޮނު ނަގާ ހޮޅިއެއް ފަޅައިގެން ދިޔުމުން ދިމާވި ކަމެކެވެ. އަދި އެ މައްސަލަ ސްޓެލްކޯއިން ކައުންސިލުގެ ސަމާލު ކަމަށް ގެންދިއުމުން ބަލަން ޖެހޭ ކަންކަން ބަލަނީ އެވެ. އެކަން ހައްލު ކުރަން އެ ކުންފުންޏަށް ދެފަހަރެއްގެ މަތިން އަންގާފައިވާނެ އެވެ. 

ފަހަކަށް އައިސް އެއްވެސް ކަމެއްގައި ރައްދު ދޭން ފަސް ނުޖެހޭ މައި ކަރަންޓު ކުންފުނިން އެ ތުހުމަތުތަކަށް ރައްދު ދިނީ ވެސް ތުހުމަތަކުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި މަސައްކަތް ނުފެށި ލަސްވީ ސިޓީ ކައުންސިލުން އެ ކަމަށް ހުއްދަތައް ނުދީގެނެވެ. ހުއްދަ އަވަސް ކުރަން އެދުމުން ކައުންސިލުގެ ކަމާބެހޭ ފަރާތްތަކުން ފޯނު ވެސް ނުނަގަނީ އެވެ. 

ހޮޅި ޑެމޭޖްވީކީ މިދިއަ ސަރުކާރުން ތާރު އެޅި ފެންވަރު ދަށް ވެގެން ކަމަކަށް ދަންވަން ބޭނުމެއް ނެތް. ކޮންމެ ގޮތެއް ވިޔަސް ހޮޅި ޑެމޭޖް ވެއްޖެ، 15 އަހަރަށް ފަހުގައި އެ ހޮޅިން ލީކުވާން ފެށީ! އެހެންވީމާ ވަކި ބަޔަކަށް އެކަމުގައި ބުރަ ބަހެއް ދަންނަވާކަށް ބޭނުމެއް ނޫން! ހޮޅި ޑެމޭޖް ވެގެން ލީކުވާ ލީކް ވުން ހުއްޓުވައިފިން،

އަހްމަދު ޝަރީފް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު

ސްޓެލްކޯއިން އެ ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ފަރުވާ ބަހައްޓައިގެން ބަރާބަރަށް ކުރި އެވެ. އެކަމަކު އެ މަސައްކަތް ނިމި ކޮނުނު ވަޅުގަނޑުގެ މަތީގައި ތާރު އަޅާ ނިމެންދެން ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ދިޔައީ ބަދަލު ވަމުންނެވެ. 

އެ ޒުވާބުގެ ތެރޭ އެ މަގުގެ މަރާމާތު އެންމެ ފަހުން ނިންމާލެވުނީ ދެމަހެއްހައި ދުވަސް ފަހުންނެވެ. މިއީ ސްޓެލްކޯއާ ކައުންސިލްގެ ޒުވާބު ބޭރަށް ވެސް އައި ހިސާބެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އަންނަނީ އަރައިރުމާއި ޒުވާބު އިތުރުވަމުންނެވެ. 

ބައެއް ބިން ތަކުން ކަރަންޓު ކެނޑުން

ފެން ހޮޅީގެ ކަންކަން ހަނދާން ނެތޭހައި ދުވަހެއް ނުވެއެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު އައި ހަބަރަކީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ކަރަންޓު ކަނޑާލި ހަބަރެވެ. އެ ކައުންސިލުގެ ބައެއް އޮފީސްތަކުގެ އިތުރުން ޕާކުތަކާއި ލޭބާ ކުއާޓަރު ތަކުން ވެސް ކަރަންޓު ކަނޑާލި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އޭރު ވިދާޅުވި ގޮތުގައި އެ ބިންތަކުގެ ކަރަންޓު ފީގެ ފައިސާއިން ނުލިބޭ 21 މިލިއަނެއްހާ ރުފިޔާ އެބަ އޮތެވެ. ކައުންސިލުން ބުނަމުން ދިޔައީ ނުދައްކާ އޮތް އަދަދު އެއަށްވުރެ ކުޑަވާނެ އެވެ. އެފަހަރު ކޮންމެވެސް ގޮތަކުން އެއްބަސްވުމަކަށް ހެދި ކަރަންޓު ދިނެވެ. 

އޭގެ ފަހުން ސްޓެލްކޯއިން މިދިއަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އެމްޑީ ޝަރީފް ވަޑައިގަތީ ކައުންސިލުން ؛ލިބެންޖެހޭ ފައިސާގެ ތަފްސީލާއި، އެ ފައިސާ ދެއްކުމަށް ސިޓީ ކައުންސިލާއެކު ހެދި އެއްބަސްވުމާއި، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ފޮނުވި ސިޓީބިޓީ ވެސް ހިއްޕަވައި ގެނެވެ. ހުރިހާ ވާހަކައެއް އެއްކޮށްލެއްވުމަށް ފަހު ވިދާޅުވި މައިގަނޑު ވާހަކައަކީ "ފާޑުފާޑުގެ ވާހަކަ އެކި ޕްރެސްކޮންފަރެންސް ތަކުގައި ނުދައްކާ ކަރަންޓު ބިލް ދައްކާ" ށެވެ.

ސްޓެލްކޯގެ އެ ބައްދަލުވުމާއެކު ނުމާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއަށް ދައްކަން ޖެހޭ ބިލްތަކަށް 2021 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 10.6 މިލިއަން ރުފިޔާ ދައްކާފައިވާނެ އެވެ. ބާކީ، ނުދައްކާ ހުންނާނީ 16.5 މިލިއަން ރުފިޔާ އެވެ. 

ސްޓެލްކޯގެ ބިންތަކުގެ ކުލީގެ ފައިސާ

އަދާ ނުވެ ހުރި ކަރަންޓު ބިލްތަކުގެ ވާހަކައަށް ކައުންސިލުންދޭ ރައްދަކީ ކަރަންޓު ކުންފުނިން ވެސް އެ ކައުންސިލަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރި ވާހަކައެވެ. އެއީ، އެ ކައުންސިލުގެ 49 ބިމެއްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 68 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.

އެމްޑީ ޝަރީފުވެސް އެ ފައިސާގެ ވާހަކަ ސިޓީ ކައުންސިލުން އެކި ބައްދަލުވުންތަކުގައި ދައްކާކަން ފާހަގަ ކުރައްވަ އެވެ. ނަމަވެސް ޝަރީފު ނޫސްވެރިންނާ ހިއްސާ ކުރެއްވި ޑޮކިއުމެންޓްތަކުގެ ތެރެއިން، މީރާގެ ލިޔުމެއް ދައްކަވާފައި ވިދާޅުވި ގޮތުގައި ސްޓެލްކޯއިން އެ ބިންތަކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތެވެ. 

އޭގެ ފަހުން މާލޭގެ މޭޔަރު އެ ފައިސާގެ ތަފްސީލެއް މީޑިއާއަށް ނެރުއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި މީރާގެ ޒިންމާއަކީ ނަގަންޖެހޭ ފައިސާއެއް ނެގުމެވެ. ބިންތަކުގެ މައްސަލާގައި ސްޓެލްކޯއިން ދައްކަންޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށް މީރާއަށް ނުނިންމޭނެ އެވެ. 

ސްޓެލްކޯއާ އިންވެގެން ހުރި މަގުތަކުގެ މައްސަލަ

މާލޭ މޭޔަރު ކުރައްވާ ޝަކުވާއަކީ، ސްޓެލްކޯގެ މައި އިމާރާތާ ގުޅިގެން އޮތް ތިން މަގެއް އެ ކުންފުނިން ބަންދު ކޮށްގެން އުޅޭ މައްސަލައެކެވެ. އަމީނީ މަގާ ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯއަށް އެ މަގުތައް މުހިއްމު ވާތީ، އެ މަގުތައް ހުޅުވަން އެދުމުން ވެސް އިޖާބަ ނުދޭ ވާހަކައެވެ. 

އެހެން ނަމަވެސް ޝަރީފުގެ ނަޒަރުގައި އެ މަގުތައް ހުޅުވާލުމުގެ ވާހަކައަކީ ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫނެވެ. އެކަން ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ސްޓެލްކޯއިން އެކަމެއް ނުކުރާނެ އެވެ. އަދި އެ މަގުތައް ސްޓެލްކޯގެ އިހުތިސޯސުގައި ހިމަނަން މަޝްވަރާ ކުރަމުން ގެންދާނެ އެވެ.

ސްޓެލްކޯއިން ކައުންސިލް ގޮވައިގެން ކޯޓަށް

މި ދެބައި މީހުންގެ ޒުވާބުގެ ފަހުގެ އަޕްޑޭޓްތައް ބައިވަރެވެ؛ ޒުވާބު ހިނގަހިނގާ އެބައޮތެވެ. ސްޓެލްކޯއިން ސިޓީ ކައުންސިލް ގޮވައިގެން ކޯޓަށް  ދިއުމެވެ. އެއީ އެ ކައުންސިލުން އެކުލަވާލި މަގު ކޮނުމާއި، ބަންދުކޮށްގެން މަސައްކަތް ކުރުމާ ބެހޭ ގަވާއިދުތައް ގާނޫނާ ހިލާފު ވާތީ އެ ގަވާއިދު ބާތިލު ކުރާށެވެ.

މައިގަނޑު ސަބަބެއް ކަމަށް ސްޓެލްކޯ ދެކެނީ އެ ގަވާއިދު އެކުލަވާލުމުގެ ކުރިން އެލްޖީއޭއާ މަޝްވަރާ ކޮށްފައި ނެތުމެވެ. އާ ގަވާއިދުގެ ސަބަބުން މަސައްކަތްތަކަށް ނަގާ ފީ އެތައް ތަނަކުން ބޮޑުވެ އެވެ. އެކަމާ ގުޅިގެން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ  ހޯދާފައެއް ނުވެއެވެ. އަދި ޖެނުއަރީ 1 ގައި  އަމަލުކުރަން ފެށި ގަވާއިދު ގެޒެޓު ކުރީ ޖެނުއަރީ 2، ގައެވެ. 

އެފަދަ މާލީ ބުރައެއް އަންނަ ގަވާއިދެއް ފާސް ކުރުމުގެ ކުރިން މުއްދަތެއް ދޭން ޖެހޭނެ ކަމަށް ސްޓެލްކޯ ގަބޫލު ކުރެ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އެ ގަވާއިދުގެ ދަށުން ފީ ނަގާނީ ކުންފުނިތަކުގެ އިމާރާތްތަކާ ގުޅޭ މަސައްކަތްތަކުން އެކަންޏެވެ. ނަމަވެސް އެމްޑީ ޝަރީފް ވިދާޅުވާ ގޮތުގައި މޭޔަރު މުއިއްޒުގެ ވާހަކަތަކަކީ އޮޅުވާލުމެކެވެ. 

ޝަރީފް ވިދާޅުވާ ގޮތުން ސިޔާސީ ބޭނުމެއްގައި ސިޓީ ކައުންސިލުން ސްޓެލްކޯއަށް ޖެއްސުން ކުރަނީ އެވެ. އަނެއްކޮޅުން މުއިއްޒު އާއި ކައުންސިލަރުން ކުރާ ތުހުމަތަކީ ވެސް އެއީ އެވެ. ސްޓެލްކޯ އާއި ސިޓީ ކައުންސިލްގެ ދެމެދުގައި އޮތް ހޫނު ޒުވާބު ނިމެން އުޅޭ ތަނެއް އަދި ނުފެނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އެތައް ވާހަކައަކާއެކު ޒުވާބުތައް ގަދަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.