އާ ޕާޓީއެއް ނުހަދާނަން، ފެކްޝަނަށް ފުރުސަތު އޮންނަން ވާނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވި ގޮތުގައި ޕާޓީގައި / އެމްޑީޕީގައި ދެ ފެކްޝަން ހިންގަން ފުރުސަތު އޮންނަން ޖެހޭ އެވެ. އަދި ދެ ފެކްޝަން ގެންގުޅެން ވެސް ޗެެއާޕާސަން ފައްޔާޒް އިސްމާއީލަށް އެނގިވަޑައިގަންނަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވެވި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަންނަވަނީ - ދައުރު ނޫހުގެ ފޮޓޯއެއް
  •  އައު ޕާޓީއެއް ނުހަދާނެ
  •  އެމްޑީޕީ ފަނޑުވެގެން ނުދާނެ
  •  އެމްޑީޕީ ރޫޅިގެންވެސް ނުދާނެ
  •  ފެކްޝަނަށް ފުރުސަތު އޮންނަން ވާނެ
  •  ދެ ފެކްޝަނަށް ފައްޔާޒު ފުރުސަތު ދެއްވާނެ

އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ނުއުފައްދާނެ ކަމަށާ އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަން ރަސްމީކޮށް ކުރިއަށް ގެންދަން އެމްޑީޕީން ފުރުސަތު ލިބެން ޖެހޭނެ ކަަމަށް ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތަަކަށް އިސްކަން ދީފައި އޮންނަ "ދިވެހި ޗެނަލް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެ ވަޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ ބަސްދީގަތުމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމާއި ގުޅޭ ގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"އަޅުގަނޑަކީ އެ މީހާއެއް ނޫން އިނގޭތޯ. އެހެން ޕާޓީއެއް ނުހަދާނަން،" އެމްޑީޕީން ވަކިވެ އާ ޕާޓީއެއް ހައްދަވަން ގަސްތު ކުރައްވަންތޯ ދެންނެވުމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮންމެ ޕާޓީއަކަށް ވެސް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށާ ޕާޓީގެ ތެރޭގައި މައްސަލަތައް ޖެހި ބަލިކަށިވާ ވަގުތުތައް ވެސް އަންނާނެ ކަމަށެވެ. ނަަމަވެސް އެމްޑީޕީއަކީ އެމަނިކުފާނު ބައިވެރިވެގެން އުފައްދާފައިވާ ޕާޓީއެއް ކަމުން އެ ޕާޓީ ދޫކޮށް އެހެން ޕާޓީއެއް އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެމްޑީޕީ ރޫޅި ބައިބައިވެގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަދާފައި މި އޮތީ، އަޅުގަނޑު ބައިވެރިވީ، މަސައްކަތް ކުރީ އެމްޑީޕީ ހަދަން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅަށް ހެދިފައި އޮތް ވަރަށް ރަނގަޅު ޕާޓީއެއް. މި ޕާޓީއެއް ފަނޑުވެއެއް ވެސް ނުދާނެ. މި ފިކުރެއް ވެސް ނުގެއްލޭނެ. ރޫޅިއެއްވެސް ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.

ދެ ފެކްޝަނަށް ފުރުސަތު ދޭން ޖެހޭ

ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އެއީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ހުރިހާ ރަށެއްގައި ޕާޓީގެ ގޮފިތައް އަލުން ހެދުމާއި ޕާޓީން ކަނޑާލި 39،000 މީހުން އަލުން ޕާޓީއަށް ވައްދައި، އެ މީހުންނާއެކު ގޮތެއް ނިންމުން ކަމަށެވެ. އަދި އެ މެންބަރުންގެ ވިސްނުމާއެކު "ފިކުރެއްގެ ދިރުމުގެ" ރިޔާސީ ކެންޑިޑޭޓެއް ވެސް ކަނޑައަޅާ އިންތިހާބަށް ނެރުން ކަމަށެވެ.

އެކަަމަށް ފުރުސަތު އޮންނާނެތޯ ދެންނެވުން ފުރަތަމަ ވިދާޅުވީ މިހާރުވެސް "އެމްޑީޕީގެ ތެރޭގައި ހަމަ ގަައިމުވެސް ދެ ފެކްްޝަން އެބައޮތް" ކަމަށެވެ. އަދި ވިދާޅުވީ ދެ ފެކްޝަނަށް ފުރުސަތު އޮންނަން ޖެހޭ ކަމަށާ ދެ ފެކްޝަން ގެންގުޅެން ޗެެއާޕާސަން ފައްޔާޒް އިސްމާއީލަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން [ފައްޔާޒް އިސްމާއީލް] އަކީ ކުޅަދާނަ ބޭފުޅެއް. އޭނާއަށް އެނގެން ޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އޭނައަށް އެނގޭނެ ވެސް މެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު: ހުންނެވީ އެމްޑީޕީއާއެކު ކަމަށް ވިދާޅުވި

ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގޮފި ހިންގޭނެ ކަމަށާ ޕްރައިމަރީގެ އަދަދު އޮތް ގޮތް ފައްޔާޒަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެ އަދަދުގެ މެންބަރުން ދޫކޮށް އެމްޑީޕީއަށް ކުރިއަށް ދެވޭނެ ގޮތެއް ނޯންނާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

އަދި އެމަނިކުފާނު އުފައްދަވާ ގޮފީގެމައިގަނޑު މަސައްކަތަށް ވާނީ ޕާޓީގެ މެންބަރުންގެ ބައިވެރިވުން އިތުރުކޮށް އެމްޑީޕީގެ އަސްލު / ހަގީގީ ފިކުރު ދިރުވުން ކަމަށެވެ.

"އަޅުގަނޑު ދެކެނީ ވީހާވެސް ގިނަ ބަޔަކު މި ގޮތްޕަަށް ގުޅޭނެ ކަމަށް. އަދި މިއީ މިހާރު ތިބި ބޭފުޅުންނަށް އޮތް ފުރުސަތެއް،"

ނަޝީދު މިރޭ ވެސް ވަނީ ހޮނިހިރު ދުވަހު އޮތް ޕްރައިމަރީގެ ކަންކަން ދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ވިދާޅުވީ ވޯޓް ގަތުމާއި އިތުރަށް ވޯޓް ލުމުގެ ކަންކަން އިންތިހާބުގައި ހިނގައި ދިޔަ ކަަމަށެވެ. އެ ވޯޓްތައް ބާތިލް ކުރުމުން އެމަނިކުފާނާއި ރައީސް ސޯލިހްގެ ފަރަގު ވަރަށް ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މި ޕްރައިމަރީން 24،000 ވޯޓް ރައީސް ސޯލިހަށް ލިބިފައިވާ ކަަމަށް ދެއްކި ނަމަ ވެސް އެއީ ކަށަވަރު ކުރަން ޖެހިފައިވާ އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ވޯޓް [އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު] މި ދިޔައީ ދާންވީ ގޮތަކަށް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

1
450
ސ
1 year ago

މަނިކުފާނު ވިދާޅުވަނީ ކާމިޔާބީގަ ހިތްތިރިކޮށް ނާކާމިޔާބީގަ ހިތްވަރު ގަދަކުރަން އެކަމަކު އެމަންޒަރެއް ނުފެނޭ އަޅުގަޑުމެން ދަންނަ ސިޔާސީ ޕާޓީތަކުގަ ދެފެކުޝަން އެއް ނޯވޭ ޕުރައި މަރީއިން ބަލިވީމަ ހިތް ތިރިކޮށްގެން ކާމޔާބުވި ލީޑަރަކާއި އެއްކޮށް ކުރިއަށް ދިއުން އޮންނަނީ. އަޅުގަޑުމެން ނަށް މިފެން ނަނީ މަނިކުފާނު ބޮޑުތަނުން ޕުރައި މަރީން ބަލިވީމަ ހަޖަމް ނުކުރެވިގެން އުޅުއްވާ މަންޒަރު އެއްގޮތަކަށްވެސް ހިތްވަރު ގަދަކޮށްގެން އުޅުއްވާ ތަނެއް ނުފެނޭެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.