ބްލިންކެންގެ މެދުއިރުމަތީ ދަތުރު: އަކުރުން އަކުރަށް ދެބޯގެރި ދުއްވުމެއް

ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެން ހާރިޖީ ސިޔާސަތުގައި އިންސާނީ ހައްގުތައް މަރުކަޒު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭ ގޮތުން ކަމެއް ނިންމުމަށްވުރެ އިސްކަން ދެނީ އިޒްރޭލަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން: މުޅީން ދެއްކެވީ އޮޅުވާލައްވާފައިވާ ވާހަކަތަކެއް

އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ދިގު ޒަމާންތަކެއްވީ އަރައިރުން އެ އޮތް ގޮތަކަށް އެބައޮވެ އެވެ. ފަލަސްތީނުގެ ބިމުގެ ސަރަހައްދުތަކަށް އަރައިގަނެ ހިފައި ހިސޯރު ކުރުމާއި މީހުން މެރުމުގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައި އޮވެ އެވެ. ކުއްލި ކުއްލިއަށް ވަރު އަރުވާލަ އެވެ. އަދި މިދިއަ ހަފުތާއިން ފެށިގެން އަނދަމުންދާ ފިތުނައިގެ އަލިފާން ބޮޑުވެފައި އޮއްވާ އޭގެ މެދު ތެރެއިން ކަހަލަ ގޮތަކަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ އިޒްރޭލަށް އިއްޔެ ވަޑައިގެންފަ އެވެ. 

އެކަމަކު ބްލިންކެން އިޒްރޭލަށް ވަޑައިގެން ދައްކަވާފައިވާ މޫނަކީ ދެފުށްކެހެރި ސިޔާސަތުގެ މޫނެކެވެ. އޭނާ ހަމައެކަނި ތަކުރާރު ކުރެއްވީ، މި ދެ ގައުމުގެ މައްސަލައާ ގުޅޭ ގޮތުން ވޮޝިންޓަންގެ ޒަމާންވީ ތާކުންތާކު ނުޖެހޭ މުސްކުޅި ވާހަކަތަކެވެ. އާ ވާހަކައެއް އެއްގޮތަކަށް ނެތެވެ.

ހޯމަ ދުވަހު ގުދުސްގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްލިންކެން ވިދާޅުވި، ގާތްގަނޑަކަށް ހުރިހާ ވާހަކައެއް އޭނާ އަކުރުން އަކުރަށް ނަންގަވާފައި ވަނީ މީގެ ކުރިން ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާންތަކުގައި ހުރި ފޮޅުވަތް ތަކުންނެވެ. 

އިޒްރޭލަށް ވަޑައިގެން ހާރިޖީ ވަޒީރު ބްލިންކެން ބޮޑުވަޒީރު ނަތަންޔާހޫއާ ސަލާމް ކުރައްވަނީ


ސެން ފްރެންސިސްކޯގެ ޔޫސީ ހެސްޓިންގްސް ކޮލެޖް އޮފް ދަ ލޯގެ ޕްރޮފެސަރު ޖޯޖް ބިޝާރަތު ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްތީނުގައި ދޭތެރެ ދޭތެރެއިން އަނިޔާވެރިކަން ކުރިޔަށް ނެރުމަކީ "މެނޭޖް ކޮށްލަން ޖެހޭ ކުޑަ އުނދަގުލެއް" ގެ ގޮތުގައި އެމެރިކާގެ ވެރިކަމުން ދެކެ އެވެ. އަދި ޝަރުތަކާއި ނުލައި އިޒްރޭލުގެ ސަރުކާރަށް އަބަދުވެސް ތާއީދު ދެވެ އެވެ.

"އެމެރިކާއިން ފަލަސްތީނުގެ ހަޔާތަށްޓަކައި އެއްވެސް ކަމެއް ނުކުރޭ... އެމީހުން ކަންބޮޑު ވަނީ ހަމައެކަނި މެދުއިރުމަތީގައި އެމެރިކާގެ ސްޓްރެޓެޖިކް މަސްލަހަތުތަކަށް ހުރަސްއެޅޭ މިންވަރުތަކަށް ބަލައިގެން ... އޭގެ ތެރެއަށް ފަލަސްތީނުގެ އެއްވެސް މީހެއްގެ ހައްގުތަކެއް ނުވަދޭ. އެމީހުންގެ ހައްގެއް ނޯވޭ،" ބިޝާރަތު އަލްޖަޒީރާއަށް ވިދާޅުވި އެވެ.

ބްލިންކެންގެ މި ދަތުރުފުޅަކީ އިރުމަތީ ގުދުސްގައި ފަލަސްތީނު މީހަކު ބަޑިން ދިން ހަމަލާއެއްގައި އިޒްރޭލުގެ ހަތް މީހަކު މަރާލުމުން ނުތަނަވަސްކަން ބޮޑު ވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ދަތުރުފުޅެކެވެ.

ފަލަސްތީނާއި އިޒްރޭލުގެ އަރައިރުންތައް ދައްކުވައިދޭ ވިޑިއޯއެއެއްް

އެމެރިކާގެ ތިންކް ޓެންކެއް ކަމަށްވާ ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ ރިސާޗާ، އެނެލް ޝެލައިން ވިދާޅުވާ ގޮތުގައި އާންމުކޮށް މެދުއިރުމައްޗާ މެދު ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ސިޔާސަތު، އަދި ހާއްސަކޮށް އިޒްރޭލާ މެދު ބިނާވެފައި އޮތީ އަމިއްލަ ސްޓޭޓަސް ކޯ ދެމެހެއްޓުމެވެ.

"އާ ގޮތެއް ގެންގުޅެން ވަގުތު ފާއިތުވެފައި ކަހަލަ! އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ދުނިޔެއަކު އެފަދަ ތަނެއް ފެނުމުގެ ފުރުސަތު ބޮޑު ހެނެއް" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަކަށް ނުފެނޭ އެމެރިކާގެ އެޑްމިނިސްޓްރޭޝަންގެ އެއްވެސް މީހެއްގެ ފަރާތުން އިސްރޭލަށް ޕްރެޝަރު ކުރަން މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަކަށް،"

ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެން ހާރިޖީ ސިޔާސަތުގައި އިންސާނީ ހައްގުތައް މަރުކަޒު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭ ގޮތުން ކަމެއް ނިންމުމަށްވުރެ ބޮޑަށް އިޒްރޭލުގެ ކަންކަމަށް އެމެރިކާގެ ތާއީދު ދީ ހަރުދަނާ ކުރަން ބާރުއަޅައި ދެއެވެ.

އެމެރިކާގެ އަސްކަރީ އެހީގެ ގޮތުގައި އިޒްރޭލަށް އަހަރަކު 3.8 ބިލިއަން ޑޮލަރު ދެ އެވެ. އަދި މިދިޔަ އަހަރު ރައީސް ބައިޑެން ވަނީ އެ އެހީއަށް އެއް ބިލިއަން ޑޮލަރު އިތުރުކޮށް ދެއްވާފަ އެވެ.

ދެ ދައުލަތުގެ ހައްލަކީ އެމެރިކާއިން ބޭރަށް ދައްކާފައި އޮންނަ މޫނެވެ. އެ ފުރުސަތުތުގެ ވާހަކާ އާއެކު އެމެރިކާގެ އޮފިޝަލުން ހަމައެކަނި މަސައްކަތް ކުރަނީ އިޒްރޭލުގެ ޖަރީމާ ތަކާއި ހިސާރު ކުރުމާއި ހިފާފައިވާ ބިންތަކުގައި ޔަހޫދީ އާބާދުތައް ދެމެހެއްޓުމަށެވެ. ފަލަސްތީނު ގާޒާގެ މިންވަރަށް ކުޑަކޮށް ނިކަމެތި ކޮށްލާށެވެ.  

ފަލަސްތީނުން ހިފާފައިވާ ސަރަހައްދެއްގައި އިޒްރޭލު ސިފައިން

ބައިޑެންގެ ވެރިކަމުގެ އެހެން އޮފިޝަލުން ފަދައިން ބްލިންކެން ވެސް ވަނީ އާންމުކޮށް އިޒްރޭލަށް ފާޑުކިޔުމަށް ފަސްޖެހި ވަޑައިގެންފަ އެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި އިޒްރޭލުގެ އިއްތިހާދަށް ތައުރީފު ކުރައްވައި، މެދުއިރުމައްޗާއި އިޒްރޭލު އިތުރަށް "އިންޓެގްރޭޓް" ކޮށް، އަރަބި ގައުމުތަކާއެކު އެމެރިކާ އިސްވެ ފެށި ނޯމަލައިޒޭޝަން ޕްރޮގްރާމްގެ ޑީލްތައް ހަރުދަނާ ކުރުމަށް ވޮޝިންޓަނުން ކުރާ މަސައްކަތަށް އަލިއަޅުވާލައްވާ ފޮނިކޮށް ވާހަކަފުޅު ދައްކަވާކަށް ފަސްޖެހި ވަޑައި ނުގަތެވެ.

"މިއީ ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމާމެދު ސުވާލެއް ނެތް. އަޅުގަނޑުމެންނަށް ފެނިފައި ވަނީ ފާއިތުވި ދުވަސްތަކުގައި ބިރުވެރި ޓެރަރިސްޓް ހަމަލާތަކެއް. އަހަރެމެންނަށް ފެނިފައިވަނީ އެތައް މަހެއްގެ ތެރޭގައި އެތައް ބަޔަކަށް އަސަރު ކުރަމުންދާ އަނިޔާވެރިކަން އިތުރުވަމުންދާތަން،” ބްލިންކެން މެދުއިރުމައްޗަށް ވަޑައިގަތުމުގެ ކުރީން މިސްރުގެ ގާހިރާގައި ހުންނަވައި ވިދާޅުވި އެވެ.

ނަތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްލިންކެން ވަނީ މިދިޔަ ހަފުތާގައި ބަޑިޖެހި ފަލަސްތީނު މީހާ މަރާލި އިޒްރޭލުގެ ހަތް މީހުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އެއީ އެމެރިކާއިން ބޭނުންވި ގޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.