އާބިދަށް ދައުވާ ކޮށްފައިވާ މައްސަލައިގައި އޭނާގެ ދިފާއަކީ ޝަމީމް މަރައިލީ ގަސްދުގައި ނޫން ކަމެވެ. ޝަމީމަށް މާރާމާރީ ހިންގި ކަމަށް އާބިދު ދެކޮޅެއް ނުހަދަ އެވެ.
ހުޅުމާލޭގެ "ޚާންޖީ" ރެސްޓޯރަންޓްގައި މާރާމާރީ ހިންގައި ލޭ އޮހޮރުވި ހާދިސާއެއްގައި އެ ތާނުގެ ޝެފު، ޕާކިސްތާނުގެ މުހައްމަދު އާބިދު އަތުން މީހަކު މަރުވި މައްސަލައިގެ ޝަރީއަތުގެ ހެކިބަސް ނަގާ ނިންމާލައިފި އެވެ.
އޭޕްރީލް 16، 2022 ވަނަ ދުވަހު ހުޅުމާލޭގެ އެ ރެސްޓޯރެންޓްގައި ހިނގައި ދިޔަ އެ ހާދިސާގައި އެ ރެސްޓޯރެންޓްގައި ޝެފުގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝްގެ ޝަމީމަށް އާބިދު ދިން ހަމަލާތަކަކަށް ފަހު އިރުކޮޅެއް ފަހުން ޝަމީމް ވަނީ މަރުވެފަ އެވެ. އެ މައްސަލައިގައި އާބިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި މިއަދު ވަނީ އެންމެ ފަހު ހެކިބަސް ނަގައިފަ އެވެ. މިއަދު ހެކިބަސް ދީފައި ވަނީ ޑީއެންއޭ ތަހުލީލު ކުރި އޮފިސަރެކެވެ. އޭނާ ވަނީ ފަސް ވަޅިއަކާއި އަންނައުނު ތަކެއްގެ ޑީއެންއޭ ތަހުލީލުކޮށްފަ އެވެ. ހެކިވެރިޔާ ބޮޑަށް ދައްކާފައި ވަނީ ޑީއެންއޭ ތަހުލީލުކުރުމުގެ ޕްރޮސެސް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުންނެވެ.
މިއަދު ދައުލަތުގެ ހެކިބަސް ނަގާ ނިންމައިލިއިރު ދެން އޮންނާނީ ދިފާއީ ހެކިން ހުށަހަޅާފައިވާނަމަ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެކަމަކު އާބިދުގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެއަށްފަހު އޮންނާނީ ހުކުމް ކުރުމެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ގާޒީ އިސްމާއީލް ޝަފީއު ވިދާޅެއް ނުވެ އެވެ.
އާބިދުގެ މައްޗަށް ދައުވާ ކޮށްފައިވާ މި މައްސަލައިގައި އޭނާގެ ދިފާއަކީ ޝަމީމް މަރައިލީ ގަސްދުގައި ނޫން ކަމަށެވެ. އެކަމަކު ޝަމީމަށް މާރާމާރީ ހިންގި ކަމަށް އާބިދު ދެކޮޅެއް ނުހަދަ އެވެ.