ރައީސްގެ ކެމްޕެއިން ނިންމަން މުޅި ރާއްޖޭގައި މާދަމާ ހަވީރު ހާއްސަ ހަރަކާތެއް

ރައީސް ސޯލިހްގެ ކެމްޕެއިނުން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު، މުޅި ރާއްޖޭގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާ ރިޔާސީ ޕްރައިމަރީގެ ވޯޓް ނެގުމަށް ދެން އޮތީ 48 ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅެކެވެ. ދެ ރައީސުން ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. 

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ބުނީ އެމަނިކުފާނު ފެއްޓެވި ކެމްޕެއިން ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު މުޅި ރާއްޖޭގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި ހަރަކާތް އޮންނާނީ ހުޅުމާލެ ރުއްގަނޑު -1 ސަރަހައްދުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖަގަހަ ތަކުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ހަރަކާތް ފެށޭނީ ހަވީރު 4:30 ގައެވެ. ރައީސްގެ ކެމްޕެއިން ޓީމުން ވަނީ ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވެ ދިނުމަށް އެދިފައެވެ.

  •  ހުޅުމާލެ ރުއްގަނޑު -1 ސަރަހައްދުގައި
  •  ހުރިހާ ރަށެއްގެ ޖަގަހަ ތަކުގައި
  •  ހަވީރު 4:30 ގައި

ރައީސް ސޯލިހް މިހާރު ގެންދަވަނީ އައްޑޫ ސިޓީއަށް ދަތުރު ކުރައްވަމުންނެވެ. މިރޭ އެ ސިޓީގައި ބޮޑު ޖަލްސާ އެއް ބާއްވާނެ އެވެ.

އަދި މިރޭ ދަންވަރު އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ. މާދަމާ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ބާއްވާ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ނަޝީދުގެ ކެމްޕެއިން ނިންމުން

ރައީސް ނަޝީދުގެ ކެމްޕޭން ކަލަންޑަރު ބުނާ ގޮތުން މިރޭ 8:30 ގައި ކެމްޕެއިން ނިންމުމުގެ ގޮތުން ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ. މިއީ ގިނަ ބަޔަކު ބައިވެރިވާނެ ބޮޑު ޖަލްސާއަކަށް ވާނެ ކަމަށް ބެލެވެއެވެ.

ކެމްޕެއިންގެ އެންމެ ފަހު ހަރަކާތަކަށް ލަކަންޑަރުގައި އޮތީ ހުކުރު ދުވަހުގެ ހަވީރު މާލޭގައި އޮންނަ ހިނގާލުމެކެވެ. ހިނގާލުން އޮތީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

އެމަނިކުފާނު އިއްޔެ ވަނީ އަތޮޅުގެ ކެމްޕެއިން ނިންމަވާލައްވާފައެވެ. އެންމެ ފަހުން ވަޑައިގަތީ ދެކުނުގެ ދެ ސިޓީ ފުވައްމުލަކާއި އައްޑޫ ސިޓީއަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.