ދެ ރައީސުންގެ ވެރިކަންވެސް އެއްގޮތް ކަމަށް ސިފަކޮށް ދުންޔާ ވިދާޅުވީ ދެ ބޭފުޅުން ކުރެއްވި ކަމަކީވެސް ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރު ކުރަން ދޫކޮށްލީ ކަމަށެވެ.
އެމްޑީޕީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ސޯލިހްގެ ތަފާތެއް ނެތް ކަމަށާ ދެ ރައީސުންގެ ކިބާގައިވެސް ގައުމު ހިންގުމުގެ ގާބިލްކަން ނެތް ކަަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް / ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާގެ ފާޑުވިދާޅުވުން ރައީސް ސޯލިހާއި ރައީސް ނަޝީދަށް އަމާޒު ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒައީމް / ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެވެސް ތަފާތެއް ނެތް ކަމަށެވެ. އެ ދެ ބޭފުޅުންނަކީވެސް ވެރިކަން ހިންގުމުގެ ގާބިލު ކަމެއް ނެތް ދެ ބޭފުޅުން ކަމަށެވެ.
ދެ ރައީސުންގެ ވެރިކަންވެސް އެއްގޮތް ކަމަށް ސިފަކޮށް ދުންޔާ ވިދާޅުވީ ދެ ބޭފުޅުން ކުރެއްވި ކަމަކީވެސް ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރު ކުރަން ދޫކޮށްލީ ކަމަށެވެ. ދުންޔާ އެ އިޝާރާތް ކުރައްވަނީ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކަވާ ތިއްބެވި ބައެއް ބޭފުޅުންނާއި އެކި މައްސަލަތަކުގެ ތުހުމަތު އޮތް ބޭފުޅުން ސަރުކާރުގައި ތިއްބެވި ތިއްބެވުމަށް ކަމަށް ބެލެވެއެވެ.
އަދި ދިވެހީންގެ މިނިވަންކަން ބޭރު ބަޔަކަށް "ހިލޭ އެހީ" ގެ ގޮތުގައި ދެ ރައީސުންވެސް ދީފައިވާ ކަމަށް ވިދާޅުވެ ތުހުމަތު ކުރެއްވިއެވެ.
އޭނާ ނިސްބަތްވާ އެމްއެންޕީ ސަރުކާރެއްގައި އެފަދަ ކަންކަން ނުހިނގާނެ ކަމަށާ ސަރުކާރު ހިންގަން ތިބޭނީ ގާބިލް ބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ.
ދުންޔާގެ ފާޑުވިދާޅުވުން ރައީސް ސޯލިހާއި ރައީސް ނަޝީދަށް އަމާޒު ކުރެއްވިއިރު ދެ ބޭފުޅުން ވެސް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. ދެ ރައީސުންވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ދަތުރު ފައްޓަވާފައެވެ. މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ 56،000 މެންބަރުން ނިކުމެ ވޯޓް ދީ ރިޔާސީ ޓިކެޓް އަރުވާނެ ރައީސަކު ކަނޑައަޅާނެ އެވެ.
އަނެއްކޮޅުން ދުންޔާ ނިސްބަތްވާ އެމްއެންޕީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލެއްވީ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާޒިމް އެވެ. އެހެން ކަމުން ނާޒިމަށް ވަނީ ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައެވެ. ނާޒިމް ވަނީ އިންތިހާބުގައި ވާދަ ކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.