އަންކާރާއިން ކުރިން ބުނެފައި ވަނީ ސްވިޑެން އިން ޓެރަރިޒަމްގެ ގޮތުގައި ދެކޭ ކަންކަމާއި، ކުރުދީ ހަނގުރާމަވެރިންނާއި 2016 ވަނަ އަހަރު ތުރުކީގައި ބަޣާވާތް ކުރަން އުޅުނު ކަމަށް ތުހުމަތުވާ ޖަމާއަތަކާ ދެކޮޅަށް ސާފު ސްޓޭންޑެއް ނަގަންޖެހޭނެ އެވެ.
އަންކާރާ (ޖެނުއަރީ 23) - ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ މެންބަރަކަށް ވުމަށް ސްވިޑުން އިން ކުރާ މަސައްކަތުގައި ތުރުކީގެ އެހީ އާއި މަދަދު ލިބޭނެ ކަމަށް އުންމީދު ނުކުރަން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވި އެވެ.
ތުރުކީ އާއި ސްވިޑެން އާ ދެމެދު ގުޅުން ގޯސްވީ ކީރިތި ގުރުއާން އަންދަން އަމުރު ނެރުމާ ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކައިރީގައި ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ.
"ނޭޓޯގެ މެމްބަރު ކަމަށް ސްވިޑުން ވުމަށް ތުރުކީން ތާއީދު ކުރާނެ ކަމަށް ސްވިޑެން އިން އުންމީދު ކޮށްގެން ނުވާނެ،" އުރުދުޣާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެމްބަސީ ކުރިމަތީގައި އެފަދައިން އިސްލާމް ދީނަށް ފުރައްސާރަކޮށް ކުފުރުތަކަށް ހުއްދަ ދޭ މީހުނަކަށް އުންމީދެއް ނުކުރެވޭނެ އެމީހުން ނޭޓޯގެ މެމްބަރަކަށް ވާން އަޅުގަނޑުމެންގެ ގައުމުން ތާއީދު ލިބޭނެ ކަމަށް،" ކެބިނެޓް ބައްދަލު ވުމަކަށް ފަހު ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.
ސްވިޑެންގެ ފޮރިން މިނިސްޓަރު ޓޮބިއަސް ބިލްސްޓްރޯމް ވަނީ އުރުދުޣާންގެ ވާހަކަތަކާ ގުޅޭ ގޮތުން ވަގުތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. އޭނާ ރޮއިޓާސް އަށް ވިދާޅުވީ ސީދާ އުރުދުޣާން ވިދާޅުވި އެއްޗަކަށް ވިސްނަވަން ބޭނުންފުޅުވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންގެ ނޭޓޯގެ މެމްބަރުކަމާ ގުޅޭ ގޮތުން ފިންލޭންޑް އަދި ތުރުކީއާ ދެމެދު އޮތް އެއްބަސްވުމަށް ސްވިޑެން އިހުތިރާމް ކުރާނެ،" ޓޮބިއަސް ބިލްސްޓްރޯމް ވިދާޅުވި އެވެ.
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ސްވިޑެން އާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަށް މިދިޔަ އަހަރު ހުށަހެޅި ނަމަވެސް މެމްބަރު 30 ގައުމުން ވެސް އެ ގައުމުތަކުގެ ބިޑްތަކަށް ރުހުން ދޭން ޖެހެ އެވެ.
ތުރުކީގެ އަންކާރާއިން މީގެ ކުރިން ބުނެފައި ވަނީ ސްވިޑެން އިން ޓެރަރިޒަމްގެ ގޮތުގައި ދެކޭ ކަންކަމާއި، ކުރުދީ ހަނގުރާމަވެރިންނާއި 2016 ވަނަ އަހަރު ތުރުކީގައި ބަޣާވާތް ކުރަން އުޅުނު ކަމަށް ތުހުމަތުވާ ޖަމާއަތަކާ ދެކޮޅަށް ސާފު ސްޓޭންޑެއް ނަގަން ޖެހޭ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ ފިންލޭންޑާއި ސްވިޑެން ނޭޓޯއާ ގުޅެން ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް އުރުދުޣާންގެ ވާހަކަފުޅުތަކުގެ މާނައަކީ އެމީހުންނަށް ކަނޑައެޅިގެން ދޮރު ބަންދުވުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މުސްލިމުންގެ ފޮތް ގުރުއާން އަންދާލުމަކީ ވަރަށް އިހުތިރާމް ކުޑަ އަމަލެއް ކަމަށެވެ.